01 ޖެނުއަރީ 2022 - 07:57

ކޮވިޑް ރޯގާގެ ބިރުވެރިކަމާއި ތާލިބާނުން އަފްޣާނިސްތާން ހިފުމުގެ އިތުރުން ދުނިޔެ އަށް ކުރިމަތިވި މޫސުމީ އާދަޔާޚިލާފު ކަންކަމަކީ 2021 ވަނަ އަހަރުގައި ދުނިޔޭގައި ހިނގައިދިޔަ މުހިންމު އިވެންޓްތަކެވެ. ތިރީގައި އެ ވަނީ އެފަދަ ބައެއް ހާދިސާތަކެވެ.

ދުނިޔެ އަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގައި މިހާތަނަށް 5,449,965 މީހުން މަރުވެ 287,574,670 މީހުންނަށް ބަލި ޖެހުނުއިރު އަދިވެސް ރޯގާ ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. މިހާތަނަށް ވަނީ 8.5 ބިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީފަ އެވެ. ކޮވިޑް ފެތުރުނު ނަމަވެސް ގައުމުތަކުން ވަނީ މަޑުމަޑުން ބޯޑަރުތައް ހުޅުވާން ފަށައިފަ އެވެ. ޓޯކިޔޯގައި އޮލިމްޕިކްސް ވަނީ ފަޅު ސްޓޭޑިއަމްތަކުގައި ބާއްވައިފަ އެވެ.

އަހަރުގެ ފަހުކޮޅު ދުނިޔެ އަށް ވަނީ ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޯންއާ އެކު ރޯގާގެ ނުރައްކާ އިތުރަށް ބޮޑުވެފަ އެވެ. ގައުމުތަކުން ވެސް ވަނީ ބޫސްޓާ ޝޮޓާ އެކު ބަލިން ރައްކާތެރިވުމުގެ އާ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

އެމެރިކާގެ ޑިމޮކްރެސީގެ ސީޓް، ކެޕިޓަލް އަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެތައް ސަތޭކަ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. ބޭނުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަންގެ ކާމިޔާބީ ކޮންގްރެސް އިން ތަސްދީގު ކުރުމަށް ހުރަސް އެޅުމެވެ. އޭގެ ދެ ހަފުތާ ފަހުން ބައިޑަން ވަނީ އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ހުވާ ކުރައްވައިފަ އެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ކެޕިޓަލްގެ ހަމަނުޖެހުމާ ގުޅިގެން ޓްރަމްޕުގެ މައްޗަށް ހިންގި އިމްޕީޗްމަންޓުން ފެބްރުއަރީ 13 ވަނަ ދުވަހު ވަނީ ސަލާމަތްވެފަ އެވެ. މިއީ ޓްރަމްޕުގެ ދެ ވަނަ އިމްޕީޗްމަންޓެވެ.

ރަޝިޔާ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ސިޔާސީ ބޭފުޅާ ކަމަށްވާ އެލެކްސީ ނަވަލްނީ ވަނީ ޖެނުއަރީ 17 ވަނަ ދުވަހު، ފަސް މަހަށް ފަހު ރަޝިޔާ އަށް ވަޑައިގެންނެވި ތަނުން ހައްޔަރުކޮށްފަ އެވެ. އޭނާ ވަޑައިގެންނެވީ ރަޝިޔާގެ އެއާޕޯޓަކުން ވިހަ ދިން ހަމަލާއަކަށް ފަހު ޖަރުމަނުން ފަރުވާ ހޯއްދަވައިގެންނެވެ. ނަވަލްނީ ތުހުމަތު ކުރައްވަނީ އެއީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ރޭއްވުމެއް ކަމަށެވެ. ފެބްރުއަރީ މަހު ވަނީ ނަވަލްނީގެ މައްޗަށް ދެ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު މިއަންމާ ސިފައިން ގެނައި ބަޣާވާތެއްގައި ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ ހައްޔަރުކުރި އެވެ. އޭގެ ފަހުން ވަނީ 1،100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ހައްޔަރުކޮށްފަ އެވެ. ސަރުކާރާ ދެކޮޅު ހަރަކާތް ހިންގުމުގެ ކުށުގައި ސޫކީގެ މައްޗަށް ޑިސެމްބަރު މަހު ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
މެއި 24 ގައި މާލީގެ ބާރުގަދަ ކާނަލް އާސިމީ ގޮއިޓާ ވަނީ އެ ގައުމުގައި 10 މަސްތެރޭ ދެވަނަ ބަޣާވާތެއް ގެންނަވައިފަ އެވެ.
މިދިޔަ ޖުލައި މަހު ޓިއުނީޝިއާގައި ރައީސް ކައިސް ސައިދު ވަނީ އަމިއްލަފުޅަށް ބޮޑެތި ބާރުތަކެއް ހޯއްދަވައިފަ އެވެ.
އަސްކަރީ ބަޣާވާތެއްގައި ގިނީގެ ވެރިކަން ސެޕްޓެމްބަރު 5 ގައި ވައްޓާލި އެވެ.
މެއި 3 ވަނަ ދުވަހު ވަނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އިރުމަތީ ގުދުސްގައި ހަމަނުޖެހުންތައް ހިންގަން ފަށައިފަ އެވެ. އެ ހަމަނުޖެހުންތައް ވަނީ އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށާއި ހުޅަނގު އައްސޭރި އަށް ވެސް ފެތުރިފަ އެވެ. އެ ހަމަނުޖެހުންތަކަށް ހަފުތާއެއްވީ ފަހުން ހަމާސް ޖަމާއަތުން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތައް ދޭން ފަށައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލާއި ހަމާސްއާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް ހިންގައި ފަލަސްތީނުގެ 260 މީހުން ޝަހީދުވި އެވެ. އިޒްރޭލުން 13 މީހުން މަރުވި އެވެ.
ޖޫން 13 ވަނަ ދުވަހު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔޫހާގެ 12 އަހަރުވީ ވެރިކަން ނިމި ނަފްތަލީ ބެނެޓުގެ ބޮޑުވަޒީރުކަމުގައި އިޒްރޭލުގައި އާ ސަރުކާރެއް ގާއިމްކޮށްފަ އެވެ.
އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން ވަނީ ކާބުލް އަށް ވަދެ އަފްޣާނިސްތާނުގެ މަދަނީ ސަރުކާރު ވައްޓާލައި، ވެރިކަމާ ހަވާލުވެފަ އެވެ. އަފާޣާންގައި ތާލިބާނުންގެ ބާރުގަދަވީ 20 އަހަރަށް ފަހު އެމެރިކާ އާއި ނޭޓޯ ސިފައިން އެ ގައުމުން ފޭބުމުންނެވެ. އެމެރިކާ ސިފައިންގެ އެންމެ ފަހު ގްރޫޕް އަފްޣާނުން ފޭބީ އޮގަސްޓް 30 ވަނަ ދުވަހު އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މިދިޔަ އަހަރު ވަނީ މޫސުމީ ކާރިސާތައް ހިނގައިފަ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި ބެލްޖިއަމްގައި ފެންބޮޑުވުމާއި އެމެރިކާ އާއި ރަޝިޔާ، ތުރުކީ، ގްރީސް، ސްޕޭން އަދި އަލްޖީރިއާގައި ހިނގި އަލިފާނުގެ ހާދިސާތައް ހިމެނެ އެވެ. "ހީޓް ޑޯމް"ގެ ސަބަބުން ކެނެޑާގެ ހުޅަނގުގެ ސަރަހައްދުތަކުންނާއި އެމެރިކާ އިން އެތައް ސަތޭކަ ބަޔަކު މަރުވި އެވެ.
ނޮވެމްބަރު މަހު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓްގައި ވަނީ ދުނިޔެ ހޫނުވުން ހުއްޓުވަން އަޅާނެ ފިޔަވަޅުތައް އަވަސްކުރުމަށް އެއްބަސްވެފަ އެވެ.
ޑިސެމްބަރު މަހު ވަނީ އެމެރިކާގެ ހަ ސްޓޭޓަކަށް ނަގޫރޯޅި އަރައި 88 މީހުން މަރުވެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ވަނީ ޕޯލެންޑާއި ބެލާރުސް ގުޅޭ ބޯޑަރުގައި އެތައް ހާސް ރެފިއުޖީނެއް ގަދަ ފިނީގައި އުޅެންޖެހިފަ އެވެ. ރެފިއުޖީންގެ ގިނަ މީހުންގެ މިސްރާބަކީ ޔޫރަޕަށް އެތެރެވުމެވެ.
ޔޫރަޕިއަން ޔޫނިއަން އިން ބުނި ގޮތުގައި، އޭޝިޔާ އާއި މެދުއިރުމަތީގެ އެތައް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އެތެރެ ކުރުމަށް، ބެލާރުސް ސަރުކާރުން ދުރާލައި ހިންގަމުން ދަނީ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލުތަކެކެވެ. ބެލާރޫސްއާ އިންވެގެން އޮންނަ ޔޫރަޕުގެ ގައުމުތަކަކީ ޕޮލެންޑާއި ލެތުވިއާ އާއި ލިތުއޭނިއާ އެވެ.
އެ ތިން ގައުމަށް ވެސް، ބެލާރުސްގެ ތެރެއިން ކޮންމެ އަހަރަކު، އެތައް ހާސް ބަޔަކު ގަވާއިދާ ހިލާފަށް އެތެރެވާ ކަމަށް ޔޫރަޕުން ބުނެ އެވެ. އެތައް ސަތޭކަ ކިލޯމީޓަރަކަށް ދެމިފައި އޮންނަ ސަރަހައްދީ ރޮނގު ހުރަސްކޮށް، އެ ގައުމުތަކަށް ރެފިއުޖީން އެތެރެވަނީ، އާންމުކޮށް ސިފައިން ނުތިބޭ ޖަންގަލީ ސަރަހައްދުތަކާއި ފަރުބަދަމަތީ ސަރަހައްދުތަކުންނެވެ.
ޓައިވާނުގެ ސަރަހައްދަށް ޗައިނާގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނުމާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ "ޓައިވާން ސްޓްރައިޓް"ގެ ހަމަޖެހުމާއި ސުލްހަ ނަގާލަން ކުރާ ކޮންމެ ކަމަކާ ވޮޝިންޓަނުން ދެކޮޅު ހަދާ ކަމަށް ވިދާޅުވެފަ އެވެ. ރައްދުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ނޮވެމްބަރު މަހު ވަނީ ޓައިވާނުގެ މިނިވަން ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ އަލިފާނާ ކުޅުން ކަމަށް ވިދާޅުވެފަ އެވެ.
ޑިސެމްބަރު މަހު ކުރީކޮޅު އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުން ވަނީ ފެބްރުއަރީ މަހު ބާއްވާ ބެއިޖިން ވިންޓަ އޮލިމްޕިކްސް ބޮއިކޮޓްކޮށްފަ އެވެ.
ޔޫކްރޭނުގެ ބޯޑަރަށް ޖަމާކޮށްފައިވާ ރަޝިޔާގެ އެތައް ހާސް ސިފައިން ހަމަލާއެއް ދީފި ނަމަ މޮސްކޯއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ދެއްވައިފަ އެވެ. އީޔޫ އާއި ނޭޓޯ އިން ވެސް ވަނީ ރަޝިޔާ އަށް އިންޒާރުދީފަ އެވެ.
އެމެރިކާ އާއި ޔޫކްރޭނުން ދެކޭ ގޮތުގައި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ސިފައިން ޖަމާކުރަމުން ދަނީ، ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ބޭނުމުގަ އެވެ. ނަމަވެސް ރަޝިޔާއިން ބުނާ ގޮތުގައި އެ ގައުމުން ދިފާއީ ފިޔަވަޅުތައް އަޅަމުން ދަނީ، އިރުމަތީ އޭޝިޔާގައި ނޭޓޯގެ އަސްކަރީ ހަރަކާތްތައް އިތުރުކުރާތީ އެވެ.