ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"
ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"

މީގެ ފަންސާސް އަހަރު ކުރިން ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މަސަައްކަތް ފެށީ ޓޫރިޒަމް ދާއިރާގެ ބާނީ މުހައްމަދު އުމަރު މަނިކާއި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ދެ ބޭފުޅުން އުފެއްދެވި ކުންފުންޏަކުންނެވެ. އެންމެ ފުރަތަމަ ރާއްޖެ އަށް ޓޫރިސްޓުން ގެނެސްގެން ބޭތިއްބީ އެ ބޭފުޅުންގެ ގެކޮޅުގަ އެވެ. އެއަށްފަހު ކުރުނބާ މޯލްޑިވްސް ރިސޯޓު ހުޅުވި އެވެ. އޭރު ޓޫރިސްޓުންނަށް ހިދުމަތް ދިނީ އިންޓަނެޓެއް، ޓެލެފޯނެއް އަދި ފެކްސް ކުރެވޭނެ ފަދަ އެއްވެސް ވަސީލަތެއް ނެތި އެވެ.

ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"
ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"

ވަރަށް ދަތި އުނދަގޫތަކާ އެކު ވެސް، ޓޫރިސްޓުން ގެންނަން ފެށި އިރު، ބައި ގަރުނު ފަހުން މި ގައުމުގެ މުޅި އިގްތިސާދު ބިނާ ވާނީ އެ މަސައްކަތަށް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އެކަން ރޭކާލީ އޭގެ އަހަރުތަކެއް ފަހުންނެވެ.

ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"
ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"

މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ. ޓޫރިޒަމަކީ މިއަދު ރާއްޖޭގެ އިގްތިސާދުގެ މައި ތަނބެ އެވެ. ޓޫރިޒަމާ ނުލައި، ރާއްޖެ ސަލާމަތްވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިޒަމަށް ވުމުގެ އިތުރުން، ރާއްޖެ މިއަދު ވެފައިވަނީ މުޅި ދުނިޔޭގައި ވެސް ނުފޫޒު ގަދަ ނަމަކަށެވެ!

ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"
ބޮޑެތި ކާމިޔާބީތަކާ އެކު ޓޫރިޒަމް "ރަން އަހަރަށް"

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް 50 އަހަރުވާ އިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެ ސިނާއަތެއްގައި ގައުމު ހިންގޭވަރުގެ އިގްތިސާދެއް ޓޫރިޒަމުން ބިނާކޮށް ދެވިފައި ވުމެވެ. އަދި ވޭތުވެދިޔަ ދެ އަހަރު، ކޮވިޑް ތެރޭގައި ވެސް ދުނިޔޭގެ އެންމެ މަގްބޫލު ޑެސްޓިނޭޝަން އެވޯޑު ރާއްޖެ އަށް ލިބިފައި ވުމަކީ ޓޫރިޒަމްގެ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އާދައިގެ ގޮތަކަށް ފެށުނު ޓޫރިޒަމެއް މިއީ. ދިވެހިންނާއި ބޭރު މީހުންނާ ގުޅިގެން ފުރަތަމަ ޓޫރިސްޓް ރާއްޖެ އަށް ގެނައީ. ފަހުން އިންޓަނޭޝަނަލް ޗެއިންތައް އައީ. މިހާރު ރާއްޖެއަކީ ގްލޯބަލް ޑެސްޓިނޭޝަނެއް. މަލްޓި ބިލިއަން ޑޮލާ އިންޑަސްޓްރީއެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އެންމެ ފުރަތަމަ ފުޅާވީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށެވެ. ދެހާސް ނުވަ ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އޮތީ ރިސޯޓު ޓޫރިޒަމެވެ. ރާއްޖެ އަށް އަންނަނީ ވެސް އެންމެ މަތީފަންތީގެ މުއްސަނދިންނެވެ. އެކަމަކު އެކަން މިހާރު މިވަނީ ބަދަލު ވެފަ އެވެ. ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވި، މީހުން ދިރިއުޅޭ ރަށްތަކަށް ވެސް އޭގެ ފައިދާ އަންނަނީ ކުރަމުންނެވެ. މި ވަަގުތު ރާއްޖޭގައި ގެސްޓްހައުސް ހިންގާ 90 ރަށް އެބައޮތެވެ.

އޭގެ އަނެއް އާ ބާބު މިއަދު މި ފެށެނީ އެވެ. އާންމުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުންނަށް ތިބެވޭނެ ގޮތަށް، "ހޯމް ސްޓޭ"ގެ މިއަދު މ. ދިއްގަރުގައި ތައަރާފުވާނެ އެވެ. ބޭރުގެ ގައުމުތަކުގައި މިހާރު ވެސް އޮންނަ އެއާބީއެންބީ ހިދުމަތެކޭ އެއްގޮތަށް މީހުން ދިރިއުޅޭ ގޭގޭގައި ޓޫރިސްޓުންނަށް ތިބެވޭނެ ގޮތް ވުމުން މިހާރަށް ވުރެ ގިނަ ޓޫރިސްޓުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، މި އިންޑަސްޓްރީ އިތުރަށް ފުޅާ ކުރަން ގިނަ މަސަައްކަތްތަކެއް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޓޫރިޒަމްގެ ފައިދާ ދިވެހިންނަށް ވީހާ ވެސް ބޮޑަށް ކުރާނެ ގޮތްތައް ބަލައި، އެފަދަ ފުރުސަތުތައް ފަހިކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ 50 އަހަރު ކުރިން އެއާޕޯޓަށް ޖައްސަނީ މަދު އެއާލައިންތަކަކުންނެވެ. އޭރު ރާއްޖެ އާދެވުނު ނަމަވެސް ބޭނުންވާ މަންޒިލަކަށް ފަސޭހައިން ދެވޭނެ ގޮތްތަކެއް ނުހުރެ އެވެ. ރިސޯޓުތަކަށް ދިއުމުގައި ސީ ޕްލޭން އޮތް ނަމަވެސް އެކަމުގައި ވެސް ވަރަށް ބޮޑެތި ދަތިތައް ހުރެ އެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް ޓޫރިސްޓަކަށް އަރައިފޭބުމަކީ ވެސް އެހާ އުނދަގޫ ކަމެކެވެ.

މި ވަގުތު ރާއްޖެ އަށް 30 އަށް ވުރެ ގިނަ އެއާލައިނުން ފްލައިޓު އޮޕަރޭޓްކުރެ އެވެ. އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ވޭތުވެދިޔަ އަހަރުތަކުގައި ނުގެނުމުގެ ސަބަބުން ވެސް އިތުރު އެއާލައިންތަކުން ރާއްޖެ އަށް އަންނަން އޮތް ފުރުސަތު މިހާރު އޮތީ ވަރަށް ހަނިކޮށެވެ. އިތުރު އެއާލައިންތަކަށް އިތުރަށް ފުރުސަތު ލިބޭނީ އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއު ނިމި ހިދުމަތްތައް ދޭން ފެށުމުންނެވެ.

ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓް ތެރޭ އެއާޕޯޓަކަށް ދެވޭނެ ގޮތް ވުމެވެ. އެހެންވެ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިސްޓުންނަށް ދާން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.

"ރާއްޖެ އަށް މީހުން އަންނަމުން އައި ގޮތް މިވަނީ ބަދަލުވެފައި. އެއާޕޯޓަކާ ހަމައަށް އައިސްފައި އެތެރޭގެ ދަތުރުފަތުރަށް އައި ބަދަލު އެއީ ވަރަށް ބޮޑު ބަދަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ވަގުތު ރާއްޖޭގައި މިއޮތީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ސީ ޕްލޭންގެ ފްލީޓެވެ. ރިސޯޓުތަކަށް ފަސޭހައިން ދަތުރު ކުރުމުގައި އެއްވެސް އުނދަގުލެއް ނެތެވެ.

ޓޫރިޒަމް އިންޑަސްޓްރީ އެންމެ ފުރަތަމަ ފެށިގެން އައި ދުވަސްވަރު ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި، ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅުނީ އަމިއްލަ އުސޫލުތަކެވެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބަކާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ހިދުމަތް ދިނުމުގައި ވެސް ވަކި ކަހަލަ ސްޓޭންޑާޑްތަކެއް ރިސޯޓުތައް ހިންގާ ފަރާތްތަކުން ހިފަހައްޓަމުންނެވެ.

ޓޫރިޒަމާ ގުޅޭ ގަވައިދުތައް އައީ މާ ފަހުންނެވެ. ގަވައިދުތައް އައުމުގެ ކުރިން ވެސް ސާފުތާރިހު ކަމުގެ ފިޔަވަޅުތަކާއި ރިސޯޓުތަކުން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ވަކި މިންގަނޑުތަކަކަށް ދިޔައީ އަމަލު ކުރަމުންނެވެ. އަނެއްކޮޅުން ރާއްޖޭގެ ޓޫރިޒަމް ގުޅިފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަށެވެ. އެހެންވެ ރިސޯޓުތަކުން އަންނަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތްތަކަށް އަމަލު ކުރަމުން އަންނަ ރިސޯޓުތަކެވެ. އެ ތަންތަނުގައި ބޭނުންކުރާ ތަކެތިން ފެށިގެން ރިސޯޓުތަކުގެ ކޮޓަރިތައް ހެދުމުގައި ވެސް ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތްތައް އަންނަނީ ބަލަމުންނެވެ.

"ތިމާވެށި ހިމާޔަތް ކުރުމަކީ އެ ރިސޯޓެއްގެ އަމިއްލަ ބޭނުމަށް ކުރަން ޖެހޭ ކަމެއް. އަދި އެގޮތަށް އެކަން ކުރޭ،" އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، ރިސޯޓުތައް ހިންގާ ފަރާތްތަކުން އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަނގަޅުު ގޮތްތަކެއް ފަހިކޮށްދޭން އަމިއްލަ އަށް އިސްނަގައިގެން ވެސް ވަރަށް ގިނަ ކަންކަން ކުރާ ކަމަށެވެ. އެ ރިސޯޓެއްގައި އުޅޭ މުވައްޒަފުންނަށް ރަނގަޅު އެކޮމަޑޭޝަން ދިނުމާއި ރިކްރިއޭޝަނަލް ހަރަކާތްތައް ހިންގުމަކީ ގިނަ ރިސޯޓުތަކުން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނީ މުވައްޒަފުން ހިތްހަމަ ޖެހިގެން،" މައުސޫމް ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު ކުރިމަތި ނުވަނީސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔައީ ޗައިނާއިންނެވެ. ކޮވިޑާ ގުޅިގެން އެ ގައުމު ބަންދު ކުރުމުން ޓޫރިސްޓުން އެހެން ސަރަހައްދުތަކުން ގެނައުމަށް ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަަސައްކަތް ކުރި އެވެ. އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ޗައިނާއިން އައި ނަމަވެސް ރާއްޖެ އަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ޓޫރިސްޓުން އާދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން އަންނަ ޓޫރިސްޓުން ގިނަ އެވެ.

ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން 2019 ވަނަ އަހަރު އައި އިރު ޔޫރަޕުން އައީ 800،000 ޓޫރިސްޓުންނެވެ. އަދި އޭޝިއާ ސަރަހައްދުން 700،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މައުސޫމް ވިދާޅުވީ، ކޮވިޑާ އެކު އެންމެ ރަނގަޅަށް ދަސްވީ އެއްބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ މާކެޓަކަށް ވެސް ފޯކަސް ކޮށްގެން ޓޫރިސްޓުން ގެނައުމަށް ކަމަށެވެ. މިހާރު އޭޝިއާ އާއި ޔޫރަޕްގެ އިތުރުން މެދުއިރުމަތި އަދި އެމެރިކާގެ ގައުމުތަކަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާ ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެެވެ.

ޓޫރިޒަމް ދާއިރާ އަށް 50 އަހަރުވީ އިރު މިއީ ދަސްވި މުހިއްމު ފިލާވަޅެއް ކަމަށް މައުސޫމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ވަގުތު ރާއްޖެ އަށް އާދެވޭނީ ވަކި ގައުމެއްގެ، ވަކި ފެންވަރެއްގެ ޓޫރިސްޓަކަށް ނޫން ކަމަށެވެ. ހުރިހާ ފަންތިއެއްގެ ޓޫރިޒަމް ރާއްޖެ އަށް ފުޅާ ކުރެވިފައި އޮތުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި ވަނީ ބޭރުން ތަކެތި ގެނެސްގެން ގައުމުގެ އެކި އެކި ކަންކަން ކުރުމަށް ކަމަށްވާ އިރު ޓޫރިޒަމަކީ މިފަދަ ކަންކަމަށް ބޭނުންވާ ޑޮލަރު މައިގަނޑު ގޮތެއްގައި ވަންނަ ދޮރެވެ. މިދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ލިބުނު ކުރިއެރުމުގައި އެންމެ ބޮޑީ ޓޫރިޒަމްގެ ހިއްސާ އެވެ. އެ އިގްތިސާދު ދެން ވެސް ކުރިއަށް ދާނީ ހަމަ ޓޫރިޒަމްގެ އެހީގަ އެވެ.