01 ޖެނުއަރީ 2022 - 13:02

ގައުމަށް "ތެދުވެރި ހިދުމަތްތަކެއް" ކުރުމުގައި ބައި ގަރުނު ދެމިހުރުމަކީ ފަސޭހަ ކަމެއް ނޫން ކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ އެއް ބޭފުޅަކީ އިދުރީސް އާދަމެވެ. އޭނާގެ 50 އަހަރުގެ ގައުމީ ހިދުމަތުގެ ތާރީހުގައި އޮތީ ގޮންޖެހުމާއި ދަތިތަކެވެ. ތަކުލީފާއި ވަރުބަލި ކަމެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވާ ގޮތުގައި ތެދުވެރި ނިޔަތެއްގައި އެކަމާ އުޅުނީމަ އެކަމެއް އޮންނާނީ ވެފަ އެވެ. އޭގެ ނަތީޖާ އަކީ، އޭނާ މިއަދު ފަޚުރުވެރިކަމާ އެކު ވިދާޅުވާ ފަދައިން، އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

"ވެރިންނަށް އަޅުގަނޑު ނޫނެކޭ ބުނެފައެއް ނޯންނާނެ ދުވަހަކު ވެސް. މީހަކު އަޅުގަނޑާ ދިމާއަށް އެއްޗެކޭ ނުބުނާނެ،" ދައުލަތަށް 50 އަހަރު ހިދުމަތް ކުރުމުގެ ޝަރަފުގެ ބެޖާއި އައްޑަނަ ހޯއްދެވި ހއ. އުލިގަމު މާޒް އިދުރީސް، އެ ތާރީހު އެންމެ ކުރުކޮށް ވިދާޅުވި އެވެ.

މިހާރު އޭނާގެ އުމުރަކީ 80 އަހަރެވެ. އުމުރުން 19 އަހަރުގައި ވަޒީފާ އަށް ވެންނެވުމަށް ފަހު، މެދުކެނޑުމެއް ނެތި އޭނާ ހިދުމަތް ކުރެއްވީ ސަރުކާރަށެވެ. އަތޮޅަކަށެވެ. ރަށަކަށެވެ. އޭނާގެ މި 50 އަހަރުގެ ތެރޭގައި، ހިދުމަތްތެރި އެތައް މަސައްކަތެއް ހުރީ ކުރައްވައިފަ އެވެ. އެތައް ބަޔަކު އެކި ރޮނގުން ތަމްރީނު ކުރެއްވި އެވެ. އެތައް މަސައްކަތެއް އިސްކޮށް ހުންނަވައި ނިންމެވި އެވެ. ގައުމުގައި ހިނގި ވަރަށް ބިޔަ މަޝްރޫއުތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން އަތޮޅާއި ރަށް ތަމްސީލު ކުރެއްވި އެވެ. އޭގެ އިތުރުން އޭނާ ވަނީ ޖީލުތަކަކަށް ރީތި ނަމޫނާ ވެސް ދައްކަވައިފަ އެވެ.

އިދުރީސް އެންމެ ފުރަތަމަ އަދާކުރެއްވީ ރަށުގެ މުދިން ކަމެވެ. އެކަމަކު އޭރު އެންމެ ދުއިސައްތައެއްހާ މީހުން ދިރިއުޅޭ ރަށަކަށް ވެފައި، ހުކުރު ހަމަވާ ވަރުގެ އާބާދީއެއް ހަމަނުވާތީ މީގެެ ފަންސާހަކަށް އަހަރު ކުރިން އުލިގަމު މީހުން އެ އަތޮޅު ދިއްދު އަށް ބަދަލު ކުރި އެވެ. ދިއްދޫގެ މުދިން ކަމާ ވެސް ހަވާލުވެ ވަޑައިގަތީ އިދުރީސް އެވެ.
"ދިއްދޫގައި ހުއްޓާ އޭރު އަތޮޅުވެރިޔަކަށް ހުންނެވި މާރަންދޫ ކަލޭފާނު އެދިވަޑައިގަތީ ގާޒީކަން ކިޔަވަން ދާން. އެހެންވެ ދެން އަޅުގަނޑު ބަދަލުވީ މާލެ އަށް ގާޒީކަން ކިޔަވަން،" އޭނާ ވިދާޅުވި އެވެ.
"ގާޒީކަން ކިޔަވައިގެން އައިތަނުން އަތޮޅު ކޯޓުގެ ގާޒީކަން ދެއްވީ. ތިން މަސް ދުވަހުގެ ތެރޭގައި ދާއިމީ ވަޒީފާއަކަށް އަޅުގަނޑު ބަދަލުވެއްޖެ."
ގާނޫނަށް އައި ބަދަލަކާ އެކު، 1975 ގައި އުލިގަމު މީހުން އަމިއްލަ ރަށަށް ބަދަލުވާން އަނެއްކާ ވެސް ފުރުސަތު ލިބުނެވެ. އާއިލާއާ އެކު އުލިގަމަށް ބަދަލުވެ ވަޑައިގެން ކަތީބު ކަމާ ހަވާލުވެ ވަޑައިގަތެވެ. އޭގެ ފަހުން އަތޮޅު ކޯޓުގެ ގާޒީ ކަމަށް ދެ ފަހަރަކު ބަދަލުކޮށް އަދި ކަތީބު ކަމަށް ވެސް ބަދަލު ކުރި އެވެ.
"އެހެން އުޅެނިކޮށް 1994ގައި ތަހުގީގަކަށް އަޅުގަނޑު އުތީމަށް ގޮސް އުޅެނިކޮށް ފައި ބިންދައިގެން ދިޔައީ،" އިދުރީސް ވިދާޅުވި އެވެ.
"ދޯނިން އެއްގަމަށް އެއްގަމަށް ފުންމާލި ގޮތުން ފައި ބިނދުނީ."
އޭނާ އެ ވާހަކަ އެހާ ބޮޑު ކަމެއްގެ ގޮތުގައި އެ ފާހަގަކުރެއްވީ ސަބަބެއް އޮވެގެންނެވެ. އެއީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ކަންތަކެވެ. އަދި، އެއީ ހިދުމަތުގެ ތެރޭގައި ދިމާވި ހަނދާނުން ފޮހެލަން އުނދަގޫ، އަދި އޭގެ ސަބަބުން މުޅި ދިރިއުޅުން ވެސް ބަދަލުވެގެން ދިޔަ ހާދިސާ އަށް ވެސް ވާތީ އެވެ.
"ވަރަށް ގިނަ ދުވަހު އެކަމުގެ ފަރުވާގައި އެކި ތަންތަނަށް އަޅުގަނޑު ދާން ޖެހުނު އިމަޖެންސީގައި ވެސް،" އޭނާ ވިދާޅުވި އެވެ.
އިދުރީސްގެ ހާލަތު ހުރި ގޮތުން، ދެން އެހާ ބުރައެއް ޖައްސާކަށް ސަރުކާރުން ބޭނުމެއް ނުވި އެވެ. އޭނާ އަށް 1995 ގައި އުލިގަމު ކޯޓުގެ މެޖިސްޓްރޭޓްކަން ދިނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އުލިގަމު ކަތީބު ކަމުގަ އެވެ.
މުޅިން ދެ ދާއިރާއެއްގައި ވަރަށް ހިންގުންތެރި، އަދި ހަރަކާތްތެރިއެއްގެ ގޮތުގައި އޭނާ ވަރަށް ގިނަ ބަޔަކު ފާހަގަ ކުރާނެ އެވެ. ކަތީބު ކަމުގައި ހުންނެވި އިރު، ރަށަށާއި އަތޮޅަށް އޭނާ ކޮށްދެއްވި ހިދުމަތުގެ އިތުރުންް ގާޒީއެއްގެ ގޮތުގައި އޭނާ އަދާކުރެއްވި މުހިންމު ދައުރެވެ. އޭނާގެ ގާޒީ ކަމުގައި އަތޮޅު ކޯޓުގައި ހުންނަވައިގެން އޭނާ ވަނީ ވަރަށް މުހިންމު ހުކުމްތަކެއް ވެސް އިއްވަވައިފަ އެވެ. އޭގެ ތެރޭގައި ބާރަށުގައި ހިނގައިދިޔަ ބޮޑު ކަމެއްގެ ހަނދާންތައް، މާބޮޑު ތަފުސީލަކަށް ވަޑައިނުގެން، އޭނާ އާކުރެއްވި އެވެ.
"އަޅުގަނޑު ނިންމާ ނިންމުމަކުން ރަށުގެ ވަރަށް ބޮޑު އާބާދީއެއް ކުށްވެރިވާ ގޮތަކަށް އޮތް ކަމެއް އެއީ. އަޅުގަނޑު ބެލީ އޭގައި ލުއި އަދަބަކަށް. އެހެންވެ، އެކަމުގައި އިސްކޮށް އުޅުނު ދެ މީހަކަށް ބޮޑު އަދަބެއް ދީފައި ދެން ތިބި އެންމެންނަށް އަދަބު ލުއިކޮށްދިނީ،" އިދުރީސް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮށްފައިވާ ވަރަށް ބޮޑެތި ކަންކަމުގެ ތެރޭގައި ވެސް އިދުރީސް ވަނީ ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހުޅުލޭ އެއާޕޯޓް ހެދުމުގެ އަމަލީ މަސައްކަތް ހިމެނެ އެވެ. އޭރު އެކަމަށް ބޭނުންވާ މީހުން އެކި ރަށްރަށުން ގެނައިއިރު، ހއ. އަތޮޅުން މާލެ ގެނައި އެއް ބޭފުޅަކީ އިދުރީސް އެވެ.
"އެކަހަލަ ގައުމީ ހުރިހާ ކަމެއްގައި ހެން އަޅުގަނޑު ބައިވެރިވިން. އަތޮޅުވެރިޔާ ވިދާޅުވި ކޮންމެ ކަމެއްގައި ހެން އަޅުގަނޑު ހުންނާނީ ބައިވެރިވެފައި. އަޅުގަނޑު މިއަދު އެންމެ އުފާވާ ކަމަކީ ވެސް ވެރިން ވިދާޅުވި ކޮންމެ މަސައްކަތެއް ވެސް ތެދުވެރިކަމާ އެކު ކުރެވުނީތީ. މިހާރުގެ ކުދިންނަށް ކިތަންމެ ކުދިކުދި ކަންތައްތަކޭ ހީވިޔަސް ވަރަށް އުނދަގުލުން ވަރަށް ބޮޑެތި މަސައްކަތްތައް އަޅުގަނޑު ހުންނާނީ ކޮށްފައި،" އިދުރީސް ވިދާޅުވި އެވެ.
އޭގެ އެއް މިސާލަކީ، ހއ. އަތޮޅުގެ ރަށްރަށުގެ ޗާޓް ކުރެހުމުގެ މަސައްކަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ހީކުރާ ވަރަށް ވުރެ މާ އުނދަގޫ ކަމެކެވެ. އެއްވެސް ވަސީލަތެއް ނެތަސް، ކުރަހާ ނިމުނު އިރު، އިދުރީސް ވިދާޅުވި ގޮތުގައި، އެ ޗާޓްތައް މަތިން ބަލާލާ އިރު ހީވާނީ ހަމަ "ފޮޓޯގަނޑެއްހެން"ނެވެ.
"ފަންސޫރަކާއި ގަނޑަކާއި ފޫޓުފީތާއެއް އަޅުގަނޑުމެންނަށް ލިބުނީ،" އޭނާ ވިދާޅުވި އެވެ.
"އެ ޗާޓްތަކަކީ ރަށްރަށުން ގޯތި ދިނުމާއި ރަށް ޕްލޭން ކުރުމަށް ހީނުކުރާހާ ވަރުގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމެއް. ވަރަށް ބޮޑު އުނދަގޫ މަސައްކަތެއް އެއީ."
އިދުރީސްގެ އިހުލާސްތެރިކަން އޭނާގެ ގާތް އެކުވެރިޔާ، އަދި އެކުގައި ވަރަށް ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި، ހޯރަފުށީގެ ކުރީގެ ކަތީބު މުހަންމަދު ވަހީދު ސިފަ ކުރައްވަނީ މި ގޮތަށެވެ؛
"ދަންނަވަންތޯ، އިދުރީސްއަކީ މި ސަރަހައްދުގައި ލާމަސީލު ނަމޫނާ ބޭފުޅެއް،" ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑާ އެކު އެކުގައި މަސައްކަތް ކުރެއްވި ލީޑަޝިޕް ވަރުގަދަ ބޭފުޅެއް އެއީ. އިދުރީސްގެ ފަރާތުން އަޅުގަނޑަށް ދަސްވި އެއްޗެހި ވަރަށް ގިނަ. ނޫނެކޭ ވިދާޅެއް ނުވާނެ އެއްވެސް ކަމަކަށް. ގަޑިއެއް ނުޖެހޭނެ. މާދަމާ ނިންމާށޭ ކިޔާފައި މަސައްކަތެއް ނުބަހައްޓަވާނެ. ތެދުވެރިވާނެ. އަނެއްކާ ރުޅި ނައިސް އެންމެންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި."
ވަހީދު ވިދާޅުވި ގޮތުގައި، ކޮންމެ ކަމަކަށް ވެސް އިދުރީސް ކުރިމަތިލައްވަނީ ކެރިގެންނެވެ. އޭނާގެ 50 އަހަރުގެ ހިދުމަތަކީ ހަމައެކަނި ހިދުމަތަކަށް ވުރެ މާ އަގުބޮޑު އެއްޗެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
"ހިދުމަތް ކުރެވިދާނެ ދެއްތޯ ކޮންމެ މީހަކަށް ވެސް. އެކަމަކު ކުރީގައި ކަނޑު ދަތުރުކޮށްގެން ރަށްރަށަށް ގޮސް މިއީ މިހާރު ވަސީލަތްތައް ހުރި އިރު ވެސް ކުރަން ފަސޭހަ ކަންކަމެއް ނޫން. އޭރު ދޯނީގައި ވަޑައިގަންނަވާ އިރު ކެޕްޓަނަކީ ވެސް ފަޅުވެރިޔަކީ ވެސް، ދަތުރުވެރިޔަކީ ވެސް އަދި އިންޖިނޭރަކީ ވެސް ހަމަ އިދުރީސް،" ވަހީދު ވިދާޅުވި އެވެ.
"މި ޖީލަށް އެއީ ނަމޫނާ ބޭފުޅެއް. މިސާލަކަށް ރައީސް މައުމޫން ފެއްޓެވި ގަސް އިންދުމުގެ މަޝްރޫއު. އުލިގަމުގައި ވެސް އެތަކެއް ރުއް އިންދަވައި އަމިއްލަ އަށް ވަޑައިގެން އެހެން ރަށްރަށުގައި ވެސް ރުކާއި ގަސް އިންދެވި. މިހާރުގެ ޖީލަށް އޭގެ މޭވާ އެ ލިބެެނީ."
އިދުރީސް ގެންގުޅުއްވި މޮޓޯއަކީ ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރެއްވުމެވެ. ވަގުތުން ވަގުތަށް ކަންކަން ނިންމުމާއި ތެދުވެރި ކަމާ އެކު އެކަމެއް ފުރިހަމަކުރުމެވެ. އޭނާ، އޭނާގެ ބޭފުޅުންނަށް ވެސް ދެއްވާނީ ހަމަ އެ ނަސޭހަތެވެ.
"އަޅުގަނޑު، އަޅުގަނޑުގެ ދަރިިންނަށް ވެސް ދޭން އޮތް ނަސޭހަތަކީ ތެދުވެރިކަން އިސްކުރާށޭ. އަޅުގަނޑު ވެސް ނަމޫނާ އަކަށް ބެލީ އަޅުގަނޑުގެ ބައްޕަ. އަޅުގަނޑުގެ ބައްޕަ ބުނީ އެ މީހާ ކުރަން ޖެހޭ ހިދުމަތަކީ އެއަށް މަކަރު ހަދައިގެން ވާނެ ކަމެއް ނޫނޭ."
އެ މަގުން އަމަލުތައް ބެހެއްޓުމުން "އޭގެ ނަތީޖާ ފޮނި ވާނެ" ކަމަށް، ޔަގީން ކަމާ އެކު އިދުރީސް ވިދާޅުވި އެވެ.
"އޭގެ ނަތީޖާއަކީ، އަޅުގަނޑަށް އިނާމް ދިން އިރު އަޅުގަނޑުގެ ދެ ދަރިއަކަށް ވެސް އިނާމް ލިބުނޭ،" ދިހަ ކުދިންގެ ބައްޕަ ބުންޏެވެ.