31 ޑިސެމްބަރ 2021 - 19:11

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ކޮވިޑް އެލަވަންސް ހަމައަށް ޖަމާކޮށްފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން، އެ ހޮސްޕިޓަލުގެ އެޗްއާރު އޮފީސް ކައިރިއަށް މިއަދު އެއްވެއްޖެ އެވެ.
"މިހާރު" އަށް މައުލޫމާތު ދިން ޑޮކްޓަރަކު ބުނީ، މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ދޭން ޖެހޭ އެލަވަންސް މި މަހު ދޭނެ ކަމަށް އެޗްއާރުން ކުރިން އަންގައި، އެކަމާ ގުޅޭ ފޯމުތައް ވެސް ފުރުވި ކަމަށެވެ. އެހެން ނަމަވެސް މި މަހު މުސާރަ ދިން އިރު އެލަވަންސް ދިނީ އެއްބަޔަކަށް ކަމަށް އޭނާ ބުންޏެވެ. އެލަވަންސް ޖަމާވިއިރު އެއްބަޔަކަށް 70،000ރ. އިން މަތިން އެލަވަންސް ލިބުނުއިރު ނަރުހުންގެ ތެރެއިން ބައެއް މީހުންނަށް ލިބުނީ ހާހެއްހާ ރުފިޔާ އެވެ. އަދި އެއްވެސް ވަރަކަށް އެލަވަންސް ނުލިބޭ ފަރާތްތައް ވެސް އެބަ ތިއްބެވެ.
އެލަވަންސް ނުލިބޭ ފަރާތްތަކުގެ ތެރޭގައި ހުޅުމާލޭ ހެލްތު ފެސިލިޓީގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންނާއި އައިޖީއެމްއެޗުގެ އިމަޖެންސީގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެލަވަންސް ނުލިބޭ ފަރާތްތަކުން އެކަން އޮޅުން ފިލުމުން، އެއީ އެޗްއާރުން ބަނޑޭރި ޕޯޓަލަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ނުފޮނުވާ ހުރުމުން ދިމާވި ކަމެއް ކަމަށް އޭރު ޖަވާބު ދިން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެހާ ގިނަ ޑޮކްޓަރުންނާއި ނަރުހުންގެ މައުލޫމާތުތައް މިރޭ 12:00 ޖެހުމުންގެ ކުރިން ފޮނުވޭނެ ކަމުގެ ޔަގީންކަން އައިޖީއެމްއެޗްގެ އެޗްއާރުން ނުދޭ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން މިތިބީ ވާނުވާގައި. މިރޭ އެލަވަންސް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. މިކަމުގައި އައިޖީއެމްއެޗުގެ ވެރިންގެ ޖަވާބެއް ނުލިބޭ،" އޭނާ ބުންޏެވެ.
އައިޖީއެމްއެޗުގެ އެޗްއާރް އޮފީސް ދޮށަށް 21 ޑޮކްޓަރުންނާއި 64 ނަރުހުން މިއަދު ވަނީ އެއްވެފަ އެވެ. ފިނޭންސް މިނިސްޓްރީ އަށް ފޮނުވަންޖެހޭ ޑޮކިއުމަންޓްތައް ފޮނުވުމުގައި ނަރުހުން ގޮސް އަމަލީ ގޮތުން މިހާރު އެހީތެރިވާ ކަމަށް އެތަނުގައި ހުރި ޑޮކްޓަރަކު ބުންޏެވެ.
"އެޗްއާރް މަސައްކަތްތައް ވެސް މިކުރަން ޖެހެނީ މި ތަނުގެ ނަރުހުން. ދެ ސިސްޓަމް މެދުވެރިކޮށް މި ޑޮކިއުމަންޓްތައް އަޕްލޯޑް ކުރެވެނީ،" އޭނާ ބުންޏެވެ
ކޮވިޑާ ގުޅިގެން ފްރޮންޓްލައިން އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. މި ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ. ދެވަނަ ކެޓަގަރީ ކަމުގައިވާ މީޑިއަމް ރިސްކް މީހުންނަކީ ކޮވިޑް ޖެހިފައި ތިބި މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތްކުރާ މީހުންނާ އެކުގައި މަސައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.
ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.
ފްރޮންޓްލައިން އެލަވަންސް ނުދީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު މުވައްޒަފުންނަށް އެންމެ ފަހުން އެލަވަންސް ދިނީ މި އަހަރުގެ އޭޕްރީލް މަހު އެވެ. އެފަހަރު އެލަވަންސް ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.