14 ޑިސެމްބަރ 2016 - 11:19

އަންހެނުންނަށް ހައްގުތަކާއި ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައެއް މީހުން އެ ކަންކަން ގަބޫލު ނުކުރުމެވެ. ރާއްޖެ އަށް ބަލާ އިރު އެ ވިސްނުން ބަދަލުކުރަން މާ ބޮޑު މަސައްކަތެއް ނުކުރެވެ އެވެ. މިދިޔަ ހަފްތާގައި ތައާރަފްކުރި އަމިއްލަ ޖަމްއިއްޔާ "އުތެމަ" އިން މަސައްކަތްކުރާނީ އެ ހުސްކަން ފޫބައްދާށެވެ.

އިޖުތިމާއީ މަސައްކަތުގައި އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޝާދިޔާ އިބްރާހީމާއި ހުމޭދާ އަބްދުލްޣަފޫރު އަދި މަރިޔަމް މުހައްމަދު އުފެއްދެވި "އުތެމަ" އިން ވަނީ އެ ޖަމްއިއްޔާގެ ވެބްސައިޓުގައި ލިޔުންތައް ޝާއިއުކުރަން ފަށައިފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އަންނަނީ މައުލޫމާތު ހިއްސާކުރަމުންނެވެ.

"އުތެމަ"އިގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާގެ މަގްސަދަކީ "ދިވެހި އަންހެނުންގެ ހައްގުގައި އަންހެނުންގެ ތަރައްގީ އަށް އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމާއި އަންހެނުންގެ ހާލަތު ދެނެގަނެ، ދިރާސާކޮށް އެފަދަ މައުލޫމާތުތައް މުޖުތަމައުއާ ހިއްސާ ކުރުމެވެ."
ޖަމިއްޔާގެ އެއް ފައުންޑަ ޝާދިޔާ ވިދާޅުވީ މި ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަށް ބިނާކޮށް އަދި ދިރާސާތަކުގެ އަލީގައި "އުތެމަ" އިން ދިވެހި ބަހުން މައުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އެއީ އަންހެނުންނަށް ހައްގުތަކާއި ފުރުސަތުތައް ހޯދައިދިނުމުގައި އުފެދޭ ބަހުސްތައް މުއްސަނދިކޮށްދޭނެ އިލްމީ ލިޔުންތަކަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޖެންޑާ އީކުއަލިޓީއަކީ ހުޅަނގުގެ ވިސްނުމެކޭ. އަޅުގަނޑުމެން މަސައްކަތްކުރާނީ އެ ވިސްނުން ބަދަލުކޮށް، މިއީ ދިވެހިރާއްޖޭގައި ވެސް، މުސްލިމް ގައުމެއްގައި ވެސް ރެލެވެންޓް ކަމެއްކަން ހާމަކޮށްދޭން،" އދ.ގެ އާބާދީ ޖަމިއްޔާ ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި ޝާދިޔާ ވިދާޅުވި އެވެ.
"އުތެމަ" އިފްތިތާހުކުރުމަށް މިދިޔަ ހޮނިހިރުދުވަހު ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ވަނީ ހަފްލާއެއް ބާއްވާފަ އެވެ.