06 ޖޫން 2016 - 09:03

ރަށެއްގައި ހަރަކާތްތެރިވާ ފުލުހުންނާއި އެ ރަށުގެ ގްރޫޕަކާ ދެމެދު ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމް "އިންސާފު" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.
އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި މި ފިލްމަކީ 2011 ވަނަ އަހަރު ސްކްރީނަށް އައި ފިލްމެކެވެ.
މީގެ ސީކްއެލްއެއް ނުވަތަ ދެވަނަ ބައެއް ހަދާ ވާހަކަ ދެކެވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު ބައެއް ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް މަޑު ޖައްސާލައިފައި އޮތީ އެވެ.
"އިންސާފު" ގެ ސީކްއެލް "އިންސާފު 2" އަށް އިންތިޒާރު ކުރާ ފަރާތްތަކަށް ޕްރޮޑިއުސަރު މިހާރު ދޭން އޮތީ ވަރަށް އުފާވެރި ހަބަރެކެވެ.
ޝަފީގް ބުނީ ޕްރިކްއެލްގެ ކާސްޓް މިހާރު އޮތީ ސީކްއެލް އަށް އޮންބޯޑް ކޮށް، ސްކްރިޕްޓް ވެސް ފައިނަލް ކޮށްފައި ކަމަށެވެ.
"މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ރާވައިގެން މި ތިބީ. އޭގެ މާނައަކީ ފަހަރެއްގައި އިންސާފު ދޭއް ވެދާނެ އަންނަ އަހަރުގެ ފުރަތަމަ ފިލްމަށް ވެސް. އެކަމަކު އޮލިމްޕަސް ލިބޭ ގޮތަކުން،" ޔޫއްޕެގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމާ ބެހޭ ގޮތުން ޝަފީގް ބުންޏެވެ.
އޭނާ ބުނީ "އިންސާފު 2" އިން ކުރީގެ ކާސްޓާ އެކު، އިތުރު އެކްޓަރުން ވެސް ފެންނާނެ ކަމަށެވެ.
"އެކަމަކު ކުރީގެ ފިލްމުގެ ސްޓޯރީލައިނާއި މީގެ ސްޓޯރީގައި ތަފާތުތަކެއް ހުންނާނެ. އޭގެ ޑީޓެއިލްއަކަށް ދާކަށް ބޭނުމެއް ނޫން އަދި،" ޝަފީގް ބުންޏެވެ.
ފިލްމްގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ޔޫއްޕެ އާއި އަހުމަދު ސައީދު ފުލުހުންގެ ރޯލުން ކުރިން ފެނިގެން ދިޔަ ނަމަވެސް، "އިންސާފު 2" އިން ބެލުންތެރިންނަށް އެ ދެ ކެރެކްޓާ ވެސް ސަޕްރައިޒަކަށް ވެދާނެ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.
"ޔޫއްޕެ އާއި ސައީދުގެ ކެރެކްޓާ މި ފަހަރު އެހެން ގޮތަކަށް ވެސް ފެނިދާނެ. އޭތި އަދި ބާއްވާނީ ސަޕްރައިޒެއްގެ ގޮތުގައި،" ޝަފީގް ބުންޏެވެ.
"އިންސާފު" ގެ ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، ޖިމީ، އަޖްނާޒް އަލީ، އައިމިނަތު ޝަހްޒާ އަދި ހަމްދޫން ފާރޫގް ހިމެނެ އެވެ.