31 ޑިސެމްބަރ 2021 - 12:37

އިންސާނީ ހަޔާތުގައި މެދުވެރިވާ އެކިއެކި މުނާސަބާތައް ފާހަގަކުރުމަކީ އިންސާނީ ސަގާފަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިގޮތުން މާޒީވެ ދިޔަ ކަންތައްތައް އިޙްތިފާލު ކުރެ އެވެ. މިސާލަކަށް ދައުލަތެއް ނުވަތަ މުހިންމު ޝަޚުޞިއްޔަތެއް އުފަންވުން، ހަނގުރާމައަކުން ކާމިޔާބެއް ލިބުން ފަދަ ތާރީޚީ ޙާދިސާތަކެވެ. އަނެއްބައިފަހަރު ހިނގަމުންދާ ކަންތައްތައް އިހުތިފާލު ކުރެއެވެ. މިސާލަކަށް ކައިވެނި ކުރާއިރު ނުވަތަ ކުއްޖަކު އުފަންވުމުން ނުވަތަ ކުއްޖަކު ޚިތާނު ކުރުން ފަދަ ކަންތައްތަކެވެ. އަދި ބައެއްފަހަރު މުސްތަޤުބަލާ ގުޅިފައިވާ މުނާސަބާތައް ވެސް ފާހަގަ ކުރެ އެވެ. މިސާލަކަށް ދުރު ތަނެއްގައިވާ މީހަކު އައުން ފަދަ ކަންކަމެވެ. މީހުން މިފަދަ މުނާސަބަތުތައް ބައެއް ފަހަރު ފާހަގަ ކުރަނީ ސީދާ ދީނީ ޙައިޘިއްޔަތަކުންނެވެ. އަނެއްބައިފަހަރު އޭގައި ދީނީ ކުލަޖެހިގެން ދުނިޔަވީ ޙައިޘިއްޔަތަކުންނެވެ. އަދި ބައެއްފަހަރު ހަމައެކަނި ދުނިޔަވީ ޙައިޘިއްޔަތަކުންނެވެ.
މިގޮތަށް މުނާސަބަތުތައް ފާހަގަ ކުރުމުގެ އެއް ބޭނުމަކީ އެކަމުގައި އެކުލެވިގެންވާ އުފާވެރިކަން ހަނދާންކޮށް އަލުން އާކޮށްލުމެވެ. ދެވަނަ ބޭނުމަކީ ހިނގާފައިވާ ކަންކަމުން ޢިބްރަތް ލިބިގަތުމެވެ. ތިންވަނަ ބޭނުމަކީ އެ މުނާސަބާއަކާ ގުޅުންހުރި ކަންކަމަށް އަހަންމިއްޔަތުކަން ދިނުމެވެ. ޢަރަބި ބަހުގައި އިޙްތިފާލު ކުރުމުގެ މާނައަކީ ވެސް އަހަންމިއްޔަތުކަން ދިނުމާއި އެއްވުމެވެ. ހަތަރުވަނަ ބޭނުމަކީ ކުރިއަށް އޮތް ތަނަށް އަޒުމްތައް ވަރުގަދަ ކުރުމެވެ.
އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމުން ދީނީ ޙައިޘިއްޔަތުން ފިޠުރު ޢީދާއި އަޟްޙާ ޢީދު ފާހަގަކޮށް އިޙްތިފާލު ކުރެ އެވެ. އަދި އޭގައި ދީނީ ކުލަޖެހިގެން ހިޖުރީ އާ އަހަރާއި ކީރިތި ރަސޫލާ ﷺ ގެ ޢީދު މީލާދު ފަދަ މުނާސަބަތުތައް ބައެއް މުސްލިމުން ފާހަގަ ކުރެ އެވެ. އަދި ޤައުމީ އެކިއެކި މުނާސަބަތުތައް ވެސް ފާހަގަކޮށް އިޙްތިފާލު ކުރެ އެވެ. މީލާދީ އާ އަހަރު ފެށޭ ދުވަހަކީ ވެސް ބައެއް މުސްލިމުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ސަބަބަކީ މީލާދީ ތާރީޚު ގުޅިފައިވަނީ ސަލާމް ލެއްވި ޢީސާ ޢަލައިހިއްސަލާމްގެ މީލާދާ ކަމަށް ވާތީ އެވެ. ދެ ޢީދު ފިޔަވައި މިފަދަ ދުވަސްތައް ފާހަގަ ކުރުމަކީ ބިދުޢައެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް ދީނީ ކަމެއްގެ ގޮތުގައި ނުބަލައި ސަގާފީ ކަމެއްގެ ގޮތުގައި މިފަދަ ދުވަސްތައް ފާހަގަކުރެވިދާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިން ވެސް އެބަތިއްބެވި އެވެ. މި ބޭފުޅުންގެ އެއް ދަލީލަކީ ޔަހޫދީން ޢާޝޫރާއު ދުވަސް ފާހަގަ ކުރަމުން ގެންދާކަން ކީރިތި ރަސޫލާ ﷺ އަށް އެނގިވަޑައިގަތުމުން "ތިމަންމެން އެބައިމީހުންނަށް ވުރެ މޫސާގެފާނަށް މާ އައުލާކަން ބޮޑެވެ." މިހެން ވިދާޅުވެ އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހު ރޯދަހިފުން ސުންނަތް ދުވަހެއް ކަމުގައި ހަމަޖެއްސެވުމެވެ. ޢާޝޫރާއު ދުވަހަކީ މާތް ﷲ ފިރުޢަނާއި އޭނާގެ ޤައުމުގެ މީހުން ޣަރަޤު ކުރައްވައި މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން މިންޖު ކުރެއްވި ދުވަހެވެ. ދެވަނަ ދަލީލަކީ ކީރިތި ރަސޫލާ ﷺ އުފަންވެ ވަޑައިގަތް ދުވަސް ހޯމަ ދުވަހަކަށް ވާތީ ކޮންމެ ހޯމަ ދުވަހަކު ރޯދަހިފުން ސުންނަތް ކުރެއްވުމެވެ.
ޢީސާގެފާނާއި އެހެން ނަބީންނަކީ ކީރިތި ރަސޫލާ އަށް ފަހު މުސްލިމުން އެބަޔަކަށް އެންމެ އިހުތިރާމު ކުރާ ބޭކަލުންނެވެ. އެބޭކަލުންގެ ސިޔަރަތުގެ ޛިކުރާ ހަނދާންކޮށް އެއިން ޢިބްރަތް ލިބިގަތުމުގެ ނިޔަތުގައި އެއިން ބޭކަލެއްގެ އުފަންދުވަސް ފާހަގަ ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މީހުން އެދުވަސް ފާހަގަކުރުމަށް ކުރާ ކޮންމެ ކަމެއް ކޮށްގެނެއް ނޫނެވެ. އެހެނީ ބައެއް މީހުން އެދުވަސް ފާހަގަ ކުރަމުން ގެންދަނީ ޢީސާގެފާނަށް އިހާނެތިކޮށް ހިތޭ ފަދަ ގޮތެއްގަ އެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުވެތި ނުވުމަށް އެހެން ހުރިހާ ނަބިއްޔުންނެކޭ އެއްފަދައިން ޚުދު އެކަލޭގެފާނު ވެސް ގޮވާލެއްވެވި އެވެ. އެކަލޭގެފާނު ދުވަހަކު ވެސް އެކަލޭގެފާނަކީ އަދި އަކަލޭގެފާނުގެ މަންމާފުޅަކީ އިލާހުންގެ ގޮތުގައި ބަލާށޭ ވިދާޅެއް ނުވެ އެވެ. އެކަމަކު އެކަލޭގެފާނުގެ ބަސްފުޅުތަކާއި އަމުރުފުޅުތަކާ ޚިލާފަށް ނަޞާރާއިން އެދުވަސް ފާހަގަ ކުރަމުން އެގެންދަނީ އެކަލޭގެފާނު އިލާހެއް ނުވަތަ ﷲ ގެދަރިކަލެއް ކަމުގައި ބަލައިގެންނެވެ. ބޭރުފުށުން ބަލާއިރު އިޙްތިރާމް ކުރުން ކަމަށް ފެނުނަސް އެއީ ޙަގީގަތުގައި އެކަލޭގެފާނު ދަށު ދަރަޖައަކަށް ވައްޓަވާލެއްވުމެވެ. މީގެ ބަދަލުގައި ޢީސާގެފާނު އުފަންވުން ފާހަގަ ކުރާނަމަ ކުރަންވާނީ އިންސާނިއްޔަތަށްޓަކައި ޚާއްޞަކޮށް ބަނީ އިސްރާއީލުންނަށްޓަކައި، އެކަލޭގެފާނު އުފުއްލެވި މަތިވެރި ރިސާލަތުގެ މަތިން ހަނދާންކޮށްއެއިން އިބުރަތް ހޯދުމަށެވެ.
އިސްލާމްދީނުގެ އެކިއެކި އަޅުކަންތަކަށް ބަލާއިރުވެސް އަޅުގަނޑުމެންގެ ކުރީގެ ނަބީންނާއި ރަސޫލުން އަދި ޞާލިޙު އަޅުން ﷲ އަށް ކިޔަމަންތެރިވެފައިވާކަން ހާމަކޮށްދޭ އެކިއެކި ޙާދިސާތައް އެ އަޅުކަންތަކާ ގުޅިފައިވެ އެވެ. މިގޮތުން ޙައްޖުގެ ގިނަ ޝަޢާއިރު ތަކަކީ މިދެންނެވި ފަދަ ހާދިސާތަކާ ގުޅުން ހުރި ޝަޢާއިރު ތަކެކެވެ. އަދި މިކަންތައްތައް ކުރުމަށް ދީނުގައި ކަނޑައެޅިފައިވާ ތާރީޚްތަކަކީ އެ ހާދިސާތައް ހިނގާފައިވާ ތާރީޚްތައް ކަމުން އަޅުގަނޑުމެންނަށް އެނގެނީ އިސްލާމްދީން މިފަދަ ތާރީޚުތައް ފާހަގަ ކުރުމަށް އަހަންމިއްޔަތުކަން ދޭކަމެވެ. ދީނުގެ ވަރަށް މަތިވެރި އަޅުކަމެއް ކަމުގައިވާ ރޯދައިގެ އަޅުކަމަކީ ވެސް ތާރީޚީ ހަނދާންތަކެއް އާކޮށް އެކަން އިޙުތިފާލު ކުރަމުން އަދާކުރާ އަޅުކަމެކެވެ. އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުމުގެ ހިދާޔަތު ދައްކައިދެނިވި ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް ލިބެންފެށި ތާރީޚުގެ ހަނދާންތައް އާ ކުރާ އަޅުކަމެކެވެ.
ވީމާ މުނާސަބަތުތައް ފާހަގަ ކުރުމަކީ އޭގެ ޒާތުގައި ގޯސްކަމެކޭ ނުބުނެވޭނެ އެވެ. ސަބަބަކީ ދީނީގޮތުން ވެސް ފާހަގަކުރެވޭ މުނާސަބަތުތަކެއް ހުރެފައި އެނޫން މުނާސަބަތުތަކެއް ފާހަގަކުރުން މަނާކުރާ ނައްޞުތަކެއް ނެތުމުންނެވެ. ރޯމަނުން ކުރިން ބަލިވެފައިވާކަމާ އަދި ފަހުން އެ މީހުން ފާރިސީންގެ މައްޗަށް ގަދަވެ ނަޞްރު ހޯދާނެ ކަމާއި އެ ދުވަހުން މުސްލިމުން އެކަމާ އުފާކުރާނެ ކަމަށް ކީރިތި ޤުރްއާނުގެ އައްރޫމް ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި ބަޔާންކޮށްފައި އޮންނަ އޮތުމުން ވެސް އެނގެނީ މުނާސަބާތައް ފާހަގަކުރެވިދާނެ ކަމެވެ.
ނަމަވެސް އަޅުގަނޑުމެން މުސްލިމުންގެ ޙައިޘިއްޔަތުން ހަނދާންކޮށްލަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެއީ އެފަދަ ދުވަސްތައް ފާހަގަ ކުރެވި އެ އިޙްތިފާލުތައް ކުރެވެންވާނީ އެކަމުގައި މަތިވެރި ރިވެތި މަޤުޞަދުތަކެއް އޮވެގެންނެވެ. އިސްލާމީ ހަމަތަކުން ބަލާއިރު ހުއްދަ މަޤުޞަދުތަކެއްގަ އެވެ. ހަމައެއާއެކު އެ މަޤުޞަދުތައް ޙާޞިލު ކުރުމަށްޓަކައި އެފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކުރާ ހުރިހާ ކަމަކީވެސް އިސްލާމީ ގިއުގަނޑުގެ ތެރެއިން ބޭރުނުވާ ކަންތައްތައް ކަމުގައި ވެގެންނެވެ. އިސްލާމީ ނަޒަރުން ބަލާއިރު މިފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ ބޭނުމަކީ އެ މުނާސަބަތުތަކާ ގުޅުން ހުރި ކަންތައްތަކުން އަޅުގަނޑުމެންގެ ދުނިޔެ އާއި ޢާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި ޢިބްރަތްތަކެއް ޙާޞިލު ކުރުމެވެ. އެކިއެކި މުނާސަބަތުތަކާ ގުޅުންހުރި ދީނީ އަޅުކަންތައްތަކުން ވެސް އެ ޢިބްރަތްތައް ޙާޞިލު ކުރާ ފަދައިންނެވެ. އަދި އެ މުނާސަބަތުތައް ފާހަގަ ކުރުމަށްޓަކައި ﷲ އަށް އަޅުވެތިވެވޭ ފަދަ ކަންތައް ކުރުމެވެ. ﷲ ނަހީ ކުރައްވާފައިވާ ކަންކަމަކުން ސަލާމަތްވެގެންވާ ފަދަ ގޮތަކަށެވެ.
މި އުސޫލުގެ މަތިން ބަލާއިރު މީލާދީ އާ އަހަރު ފާހަގަކުރާނަމަ އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވޭތުވެދިޔަ އަހަރު އަޅުގަނޑުމެން ދުނިޔެ އާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި ކުރި މަސައްކަތްތަކުގައި ހުރި ރަނގަޅު ކަންތަކާއި ނުބައި ކަންތައް ދެނެގަތުމެވެ. އެއަށްފަހު ރަނގަޅުކަންތަކަށްޓަކައި އުފާކޮށް ﷲ ގެ ޙަޟްރަތަށް ޝުކުރުވެރިވުމެވެ. ޢަމަލީގޮތުން މިކަން ފެނިގެންދާ ފަދަ ހުއްދަ ކަންކަން ކުރުމަކީ މަނާކަމަކަށް ނުވާނެ އެވެ. އަދި ނުރަނގަޅު ކަންތަކަށްޓަކައި ހިތާމަކޮށް ﷲ ގެ ޙަޟްރަތުން މަޢާފަށް އެދުމެވެ. އަދި އެފަދަ ކަންތައްތަކުން ޢިބްރަތް ލިބިގަނެ ކުރިއަށް އޮތް އަހަރު އެފަދަ ކަންތައް އިޞްލާޙު ކުރުމުގެ މަތިވެރި ޢަޒުމްތަކެއް ކަނޑައެޅުމެވެ. މިނޫން ބޭނުމެއް މިފަދަ މުނާސަބަތުތައް ފާހަގަ ކުރުމުގައި އޮތުމަކީ އިސްލާމީ ނަޒަރުން ބަލާއިރު އެދެވިގެންވާ ކަމެއް ނޫނެވެ.