ހޭންޑްބޯލްގެ ގައުމީ ޗެމްޕިއަނުންނަކީ ފިއުޗާ ސްޕޯޓްސް އާއި އައިލެންޑާސް
ހޭންޑްބޯލްގެ ގައުމީ ޗެމްޕިއަނުންނަކީ ފިއުޗާ ސްޕޯޓްސް އާއި އައިލެންޑާސް

އަށްވަނަ މައިލޯ ގައުމީ ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ކެޓެގަރީގެ ޗެމްޕިއަންކަން ފިއުޗާ ސްޕޯޓްސް ކުލަބް އެކަޑަމީއިން ހޯދައިފި އެވެ.

ހޭންޑްބޯލްގެ ގައުމީ ޗެމްޕިއަނުންނަކީ ފިއުޗާ ސްޕޯޓްސް އާއި އައިލެންޑާސް
ހޭންޑްބޯލްގެ ގައުމީ ޗެމްޕިއަނުންނަކީ ފިއުޗާ ސްޕޯޓްސް އާއި އައިލެންޑާސް

ފިއުޗާ ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭގެ ފައިނަލުގައި ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބާ ވާދަކޮށް 35-33 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.

ތިން ޓީމު ވާދަކުރި މި ޑިވިޝަނުގެ ފައިނަލަށް ފިއުޗާ ސްޕޯޓްސް ކްލަބް އެކަޑަމީ އިން ޖާގަ ހޯދީ ވެސް ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން އެންމެ ރަނގަޅު ނަތީޖާއާއެކު އެވެ. ފުލިދޫ ސްޕޯޓްސް ކްލަބް ވަނީ ގުރޫޕް ސްޓޭޖުގައި ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު ދެ މެޗް ކާމިޔާބު ކޮށް ގުރޫޕުގެ ދެވަނަ ހޯދައިފަ އެވެ.

ފިއުޗާ ސްޕޯޓްސް އިން ފުރަތަމަ ހާފް ހަތަރު ގޯލުގެ ތަފާތުން 18-14 އިން ލީޑުގައި އޮތް ނަމަވެސް ފަހު ހާފުގައި ގިނަ ވަގުތު ނަތީޖާ އޮތީ ދާދި އެއްވަރަކަށެވެ. ފޯރި ގަދަ ކުޅުމަކަށް ފަހު ނަތީޖާ އެއްވަރު ވެފައި ވަނިކޮށް ފިއުޗާ ސްޕޯޓްސް ކާމިޔާބުކުރީ ފަހު ވަގުތު ކާމިޔާބުކުރި ތިން ގޯލުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފުލިދޫ ޔޫތު ސްޕޯޓްސް ކްލަބުގެ އަބްދުﷲ ޒިޔާއު އެވެ.

ފުރަތަމަ ޑިވިޝަނުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިއުޗާ ސްޕޯޓްސް ކްލަބް އެކަޑަމީގެ މުހައްމަދު ފިރްނާޝް އަބްދުﷲ އެވެ. އަދި ގައުމީ މުބާރާތުގެ ފިރިހެން ކެޓެގަރީގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ރާއިދު ރަޝީދަށެވެ.

ގައުމީ ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގެ ޗެމްޕިއަންކަން، ފައިނަލުގައި އޮރީކްސް ހޭންޑްބޯލް ކްލަބް ބަލިކޮށް ހޯދީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗް އައިލެންޑާސް ހޯޕް ކާމިޔާބު ކުރީ 25-22 އިންނެވެ.

އަންހެން ފުރަތަމަ ޑިވިޝަނުގައި ވެސް ވާދަކުރީ ތިން ޓީމެވެ. މި ޑިވިޝަނުގެ ފައިނަލުގެ ޖާގަ އޮރީކްސް ހޯދީ
ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. އައިލެންޑާސް ހޯޕް ވަނީ މި ޑިވިޝަނުގައި ދެން ކުޅުނު ލަޔަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗްތައް ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕް ސްޓޭޖުގައި އޮރީކްސް އާ ދެކޮޅަށް ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް އައިލެންޑާސް ހޯޕް އިން ފައިނަލް މެޗް އެއްކޮންހެން ނިންމާލީ ލީޑުގައި އޮވެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިލެންޑާސްގެ ރަފާހާ އިބްރާހީމެވެ.

ފުރަތަމަ ޑިވިޝަނުގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިލެންޑާސް ހޯޕްގެ ފާތިމަތު އަރްޝާ އަބްދުﷲ އެވެ. އަދި ގައުމީ މުބާރާތުގެ އަންހެން ކެޓެގަރީގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ، ކީން ސްޕޯޓްސް ކުލަބުގެ ހައްވާ ސުލައިމާނެވެ.

ކީން ސްޕޯޓްސް ކްލަބް ވާދަކުރީ އަންހެން ކެޓެގަރީގެ ދެވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަ ކޮށްފަ އެވެ. ސެމީގައި ބަލިވީ ދެވަނަ ޑިވިޝަނުގެ ރަނަރަޕް އިޒްލޭނޭ ސްޕޯޓްސް އަތުންނެވެ.

ގައުމީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗްތައް ބުދަ ދުވަހުގެ ރޭ ވަނީ ކުޅެފަ އެވެ. ދެވަނަ ޑިވިޝަނުގެ އަންހެން ބައިގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކުލަބު ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އެވެ.

ދެވަނަ ޑިވިޝަނުގެ އަންހެން ކެޓެގަރީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރެޑްހޯކްސްގެ ގޯލްކީޕަރު އައިޝަތު ވިރާޝާ ހޮވުނުއިރު، ފިރިހެން ކެޓެގަރީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ އަހުމަދު ނަޖީބެވެ.

ދެވަނަ ޑިވިޝަނުގެ އަންހެން ކެޓެގަރީގެ ސެމީ ފައިނަލުގައި ކުޅުނު ހަތަރު ޓީމާއި، ފިރިހެން ކެޓެގަރީގެ ސެމީގައި ކުޅުނު ހަތަރު ޓީމަށް ވެސް ވަނީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ދީފަ އެވެ.