30 ޑިސެމްބަރ 2021 - 23:12

މި އަހަރަކީ ރާއްޖެއިން މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު މުޅި ރާއްޖެއިން މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރަނާއި ރިހީގެ އިތުރުން ގޮވާމާއި ވިޔަފާރި މުދަލުންނެވެ.
ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް މުދަލުގެ ޒަކާތް ކައުންސިލްތައް މެދުވެރިކޮށް ބަހަމުން އަންނައިރު އިސްލާމިކް މިނިސްޓްރީން އަންނަނީ ޒަކާތު ފައިސާ ކައުންސިލްތަކަށް ފޮނުވަމުންނެވެ.
ގިނަ ބަޔަކު މި އަހަރު މުދަލު ޒަކާތް ދެއްކިއިރު މިނިސްޓްރީން ވަނީ ފިތުރު ޒަކާތް ދެއްކުމަށް ގިނަ ބަޔަކު ސަމާލުކަން ދިން ނަމަވެސް، މުލަދު ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން މަދުން އުޅޭތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ކޮންމެ އަހަރެއްގެ ފަހުކޮޅު އަލަށް ރަޖިސްޓްރީކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލަމުންނެވެ. ފަގީރުންގެ ދަފްތަރުގައި މިހާރު ވެސް 16،000 އެއްހާ މީހުން ރަޖިސްޓްރީވެފައިވެ އެވެ.