ފްރޮންޓްލައިން އެލަވަންސް ވަނީ އޮޅުވާލައިފައި: ބައެއް ނަރުހުން
ފްރޮންޓްލައިން އެލަވަންސް ވަނީ އޮޅުވާލައިފައި: ބައެއް ނަރުހުން

ކޮވިޑް-19ގެ ގެ ކަންތަކުގައި އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފްރޮންޓްލައިން އެލަވަންސް ދިން އިރު އޮޅުވާލައިފައިވާ ކަމަށް ބުނެ އައިޖީއެމްއެޗްގެ އެޗްއާރު ހިމެނޭ ސަރަހައްދުގައި ބައެއް ނަރުހުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އެލަވަންސް ނުލިބޭތާ އެތައް މަހެއް ފަހުން މި މަހު މުސާރަ ޖަމާވިއިރު ބައެއް މީހުންނަށް އެލަވަންސް ލިބުނެވެ. އެކަމަކު އެލަވަންސް ޖަމާވިއިރު އެއް ބަޔަކަށް 70،000ރ. އިން އެލަވަންސް ލިބުނުއިރު ނަރުހުންގެ ތެރެއިން ބައެއް މީހުންނަށް ލިބުނީ ހާހެއްހާ ރުފިޔާ އެވެ.

އެ މައްސަލަ ބޮޑުވެފައި ވަނިކޮށް ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންތަކަކަށް އެ މީހުންގެ އެލަވަންސް ޝީޓްތަކެއް އައިޖީއެމްއެޗްގެ އެޗްއާރުން ފިނޭންސް މިނިސްޓްރީ އަށް ނުފޮވާކަން ޔަގީން ވެގެން އެތަނުގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

"މިހާރު" އަށް ވާހަކަ ދެއްކި ނަރުހަކު ބުނީ، ކުރިން އައިޖީއެމްއެޗުން ބުނެފައި ވަނީ އެލަވަންސް ޝީޓްތައް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށާއި އެލަވަންސް ނުލިބެގެން އުޅެނީ ފިނޭންސްގެ ސަބަބުން ކަމަށެވެ،

"އެލަވަންސް ޝީޓް ފޮނުވައިފީމޭ ކިޔައިގެން މިއޮތް ހުރިހާ ދުވަހު ދޮގު ހެދީ. އެކަމަކު އެ މީހުން ފިނޭންސަށް ޝީޓް ނުފޮނުވާތީ ނަރުހުން ތިބެގެން އެ މީހުން ލައްވާ ޝީޓްތައް ފިނޭންސަށް ފޮނުވަމުން މިދަނީ،" އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހަކު ބުންޏެވެ.

ނަރުހުން ތިބެގެން ހުރިހާ ޝީޓްތަކެއް އެންޓާކުރަމުން އަންނަ ކަމަށާއި މި ވަގުތު އެތަނުގައި ތިބީ 10 ނަރުހުން ކަމަށް އޭނާ ބުންޏެވެ.

"މިތަނުގަ ވަރަށް ގިނަ ނަރުހުން ތިބި. އެކަމަކު ޑިއުޓީ ގަޑި ޖެހޭތީ އެ ދިޔައީ،" އޭނާ ބުންޏެވެ.

ފްރޮންޓްލައިން އެލަވަންސް އެލަަވަންސް ނުލިބި ދިގުލައިގެންދާތީ މި މަހުގެ ކުރީކޮޅު ހެލްތު މިނިސްޓްރީ ދޮރުމަތީގައި ވެސް ވޮލެންޓިއަރުން މުޒާހަރާ ކުރި އެވެ. އެކަމާ ގުޅިގެން "މިހާރު"ން ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީން އެލަވަންސް ދޫކުރަނީ އެޗްއީއޯސީން އެކަމުގެ މައުލޫމާތުތައް ފޮނުވުމުން ކަމަށެވެ. އަދި މިނިސްޓްރީ އަށް އެ މައުލޫމާތު ފޮނުވަމުންދާ މިންވަރަކުން ފައިސާ ޖަމާކުރާ ކަމަށާއި މިނިސްޓްރީގައި އެއްވެސް ޕެންޑިންއެއް ނެތް ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. އޭގެ ތެރޭގައި ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ދެމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނަށް ކޮންމެ ދުވަހަކަށް 250ރ. ދޭން ނިންމި އެވެ. އަދި ކޮވިޑާ އެކު އޭރު އުފެއްދި އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200ރ. ދޭނެ ކަމަށް ބުނެފައިވެ އެވެ.