30 ޑިސެމްބަރ 2021 - 21:07

މިމަހުގެ 12 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްސް ރާއްޖެއަށް އެތެރެކުރުމުގައި ވެސް އިސްކޮށް ހުރީ މީގެ ކުރިން ވެސް ރާއްޖެއަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށް ދައުވާކުރުމުން ވެސް ކުށް ސާބިތުނުވެ ސަލާމަތްވި އަރުޝަދު ހާލިދު ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އަރުޝަދަކީ މީގެ ކުރިން މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. އެކަމަކު އަށް މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ސަލާމަތްވީ އެވެ. އޭގެ ތެރޭގައި އަރުޝަދު ވެސް ހިމެނެ އެވެ.
ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު މިރޭ އާންމުކޮށް ފުލުހުން ބުނީ ޑިސެމްބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބުރުޒު މަގުން ޓެކްސީއެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކުރި ކަމަށާއި އެއީ ގދ. ހޯނޑެއްދޫ، އިރުމަތީގެ 25 އަހަރުގެ އަހުމަދު ސުނައިނު އާއި އެރަށު ގުލޭނޫރަންމާގޭ، 52 އަހަރުގެ އަލީ ޒުބައިރު ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލާފާސްކުރިއިރު އެތަނުން މަސްތުވާތަކެތި ހުރި 28 ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެ މީހުންނަކީ ވެސް ކުރިން ހައްޔަރުކޮށް ދައުވާކުރުމުން ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހެކެވެ.
ފުލުހުން ބުނީ މިފަހަރު ޓެކްސީން ފެނުނު ޑްރަގްސް މާލެއަށް ގެނައީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ބަންގާ" ނަމަކަށް ކިޔާ ލޯންޗަކުން ކަަމަށާއި އެ ތަކެތި ލޯންޗަށް އެރުވީ ޒުބައިރުގެ އިތުރުން ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާނު، 31، އާއި ހަމަ އެ ރަށު އަލޯރާ، އަހުމަދު މުޖާހިދު، 29، ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުންނާ ގުޅުން ހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން ފަސް ރަބަރު ޕެކެޓް ފެނިފައިވެ އެވެ. ޑްރަގްސް ގެނައުމުގައި އިސްކޮށް ހުރި ކަމަށް ފުުލުހުން ބުނާ އަރުޝަދު ވަނީ މަސްތުވާތަކެތި އުފުލި ތިން މީހުންނާ ބައްދަލުކޮށް ކަން ކުރަންވީ ގޮތުގެ އިރުޝާދު ދިނުމުގައި އުޅެފައިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލެއަށް މަސްތުވާތަކެތި އެތެރެކުރި ދުވަހު އަރުޝަދާއި އަކްރަމް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.
އަރުޝަދާއި އޭނާގެ ނެޓްވޯކްގެ މީހުންގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ސާބިތު ނުވުމުން މިހާރު ވަނީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.