މާފުށި މޮނިޓަރިންއަށް، އަރައި ފޭބުން މަނައެއް ނޫން
މާފުށި މޮނިޓަރިންއަށް، އަރައި ފޭބުން މަނައެއް ނޫން

ކުލަގަދަކޮށް އާ އަހަރު ފާހަގަކުރަމުން އަންނަ ކ. މާފުށިން ކޮވިޑްގެ ކޭހެއް ފެނިގެން ރަށް މޮނިޓަރިންގެ ހާލަތަށް މިއަދު ގެނެސްފި އެވެ.

މިއަދު ހަވީރުގެ 3:30 ގެ ނިޔަލަށް މުޅި ރާއްޖެއިން ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތީ މާފުށި ހިމެނޭ ގޮތަށް 16 ރަށެކެވެ.

މާފުށީ ކައުންސިލްގެ ރައީސް، ހަސަން ސޮލާހް، "މިހާރު" އަށް ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރަށު ތެރެއިން ކޮވިޑްގެ ސާމްޕަލެއް ޕޮޒިޓިވްވެގެން ކަމަށެވެ. އެކަމަކު މީގެ ކުރިން ވެސް ރަށު ތެރެއިން ކޮވިޑްގެ ސާމްޕަލްތައް ޕޮޒިޓިވްވި ނަމަވެސް ރަށް މޮނިޓަރިންއަށް ނުގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މިފަހަރު ނޭނގެ ކީއްވެ ކަމެއް މޮނިޓަރިންއަށްލީ. މީގެ ކުރިން 25 މީހުން ޕޮޒިޓިވްވެފަ ތިބިއިރު ވެސް ނުލާ. މިހާރު ރަށުގައި ޕޮޒިޓިވްވެފައި ތިބީ 21 މީހުން،" އޭނާ ވިދާޅުވި އެވެ.

މާލެ އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުން އަންނަ މާފުއްޓަށް އާ އަހަރާ ދިމާކޮށް ވަރަށް ބާރުބޮޑެވެ. ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި މުޅި ރަށް އޮތީ މިހާރު ވެސް ފުރިފަ އެވެ.

ގެސްޓުންނާއި ގިނަ އަދަދެއްގެ ދިވެހިން ވެސް އާ އަހަރާ ދިމާކޮށް އެރަށުގައި ތިބިއިރު އޭނާ ވިދާޅުވި ގޮތުގައި ރަށުގެ 95 ޕަސެންޓް މީހުންނަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ތިބި މީހުނަށްވާތީ މޮނިޓަރިންއަށް ލިޔަސް ރަށަށް އަރައި ފޭބުމުގައި އެއްވެސް ދައްޗެއް ނޯންނާނެ އެވެ.

"މޮނިޓަރިންގަ އޮތަސް މިރަށް ބަންދެއް ނުވޭ. ރަށަށް އަންނާކަށް ހުރަހެއް ނެތް. އެކަމަކު ރަށުން ދާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވޭ،" މޮނިޓަރިންއަށް ލުމުގައި އެޗްޕީއޭ އިން ފަހުން އަމަލުކުރަމުން އަންނަ އުސޫލަށް ރިއާޔަތްކުރައްވާ ސޮލާހް ވިދާޅުވި އެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަހަރުން މަތީގެ އާބަދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލާ އެރަށަކަށް ދެވޭނެ އެވެ. އެކަމަކު މޮނިޓަރިންގައި އޮއްވާ ދަތުރުކުރާ ރަށަކީ ވެކްސިން ކަވަރޭޖް ހަމަނުވާ ރަށެއް ނަމަ، ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.

ސޮލާހު ވިދާޅުވި ގޮތުގައި މާފުށި މޮނިޓަރިންއަށް ލާފައި މިވަނީ ވަރަށް ކުލަ ގަދަކޮށް އާ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. މިއަހަރު އާ އަހަރު ފާހަގަކުރި ނަމަވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.