14 ޑިސެމްބަރ 2016 - 02:52

ދިމިޝްގު (ޑިސެމްބަރު 14) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ކާމިޔާބު ހޯދުމަށް ފަހު، ހަނގުރާމަ ނިންމާފައިވާ ކަމަށް ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިޓަލީ ޗުރްކިން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ސަރަހައްދު ހިފުމާ އެކު މުޅި ސިޓީގެ ކޮންޓްރޯލް ބައްޝާރުލް އަސަދުގެ ސިފައިންނަށް ލިބިފައިވާ ކަމަށެވެ. މިއީ ތެދު ޚަބަރެއް ނަމަ ހަލަބުގެ ހަތަރު އަހަރުވީ ހަނގުރާމަ ނިމުމަކަށް އަންނާނެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ޗުރްކިން ވިދާޅުވީ އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު ހަލަބުގެ އިރުމަތީގައި ދޭ ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. ހަލަބުގައި ތިބި ނޫސްވެރިން ވެސް ބުނި ގޮތުގައި ވޭތުވެދިޔަ ގަޑިތަކުގައި އެ ސިޓީން ބޮމުގެ އަޑުފައްގަނޑު ވަނީ އެކުގައި ކެނޑިފަ އެވެ.

ޗުރްކިން ކުރިން ވިދާޅުވީ ހަލަބުން އިދިކޮޅު ހަނގުރާމަވެރިން ފޭބުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އައިއިރު ސަރުކާރަށް ވަފާތެރި ސިފައިން ހަލަބު ސިޓީގެ ގޭތަކަށް ވަދެ އާއްމުން ގަޔަށް ބަޑިޖަހާ މަރަމުންދާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނި ގޮތުގައި ބަޑިޖަހާ މެރި 82 މީހުންގެ ތެރޭގައި 11 އަންހެނުންނާއި 13 ކުޑަ ކުދިން ވެސް ހިމެނެ އެވެ.
ޗުރްކިން ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިން ހަލަބުން ނުކުތުމަށް ފުރުސަތު ދިން ނަމަވެސް އެ ސިޓީގެ އާއްމު ރައްޔިތުންނަށް ހަލަބުގައި ރައްކާތެރި ތަންތަނުގައި ތިބެވޭނެ ކަމަށެވެ. އަދި އެ މީހުންނަށް އެއްވެސް ބަޔަކު އަނިޔާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލަބުގެ އިރުމަތީގެ ހިސާބުތައް ހިފާ އިދިކޮޅު ހަނގުރާމަވެރިން ބަލިކުރުމަކީ ބައްޝާރުލް އަސަދުގެ ސަރުކާރަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ. މީގެ އިތުރުން މިއީ ސީރިއާގެ ބައިވެރިން ކަމަށްވާ ރަޝިޔާ އާއި އީރާން އަދި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ވެސް ލިބުނު ކާމިޔާބީއެކެވެ. ސީރިއާގެ ބައިބޯ ހުރިހާ ސިޓީއެއް މިހާރު ވަނީ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
އެއް ދުވަސްވަރެއްގައި ސީރިއާގެ ވިޔަފާރީގެ މައި ރަށުގެ ގޮތުގައި ބެލެވުނު ހަލަބު ވަނީ 2012 ވަނަ އަހަރުން ފެށިގެން ދެ ބައިވެފަ އެވެ. އެ ސިޓީގެ ހުޅަނގުގެ ހިސާބުތައް ސަރުކާރުގެ ބާރުގެ ދަށުގައި އޮތް އިރު، އިރުމަތީގެ ހިސާބުތައް މި ހުރިހާ ދުވަހު އޮތީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލުގެ ދަށުގަ އެވެ.