30 ޑިސެމްބަރ 2021 - 19:30

ސްކޫލު ޗުއްޓީއާ ދިމާކޮށް މާލޭ ސަރަހައްދުގައި ފުލުހުން ކުރިއަށް ގެންދާ މަގުމަތީގެ އޮޕަރޭޝަންތަކާއި ކަނޑުމަތީގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފި އެވެ.

މި ބަންދުގައި މާލެ ތެރެ ބެލެހެއްޓުމުގެ ކަންކަން އޮތް ގޮތުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ހެޑް ސުލްތާން އަހްމަދު ބިޝާރު ވިދާޅުވީ ޗުއްޓީގައި މާލެ ތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ވެސް އިތުރުކޮށް މި ސަރަހައްދުގައި ހިންގާ އޮޕަރޭޝަން ވަރުގަދަކޮށްފައިވާ ކަަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަންވަރު ވަގުތު ބޭރުގައި އުޅޭ މީހުން ހުއްޓުވައި ފުލުހުން ސުވާލު ވެސް ކުރާނެ އެވެ. އަދި ފުލުހުން ފާހަގަކޮށްފައި ހުރި "ހޮޓް ސްޕޮޓް"ތައް ކައިރި ގާތުން މޮނިޓާކުރާނެ ކަމަށް ވިދާޅުވި އެވެ،
އެކި ގަޑިތަކުގައި މާލޭގައި ހަަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކުރިއިރު ހުޅުމާލޭގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ހުޅުމާލޭ ޕޮލިސް ހެޑް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދު ބެލުމުގެ ކަންކަން ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެތަނުގައި ވެހިކަލްތައް ބަލައި ފާސްކުރުމަށް ގިނަ ޗެކް ޕޮއިންޓްތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެހިކަލް ޗެކް ޕޮއިންޓްތަކުން މިހާތަނަށް 3،516 އުޅަނދެއް ބަލައި ފާސްކުރިއިރު އޭގެ ތެރެއިން 62 މީހުންނަކީ ލައިސަންސް ނެތި އުޅަނދު ދުއްވި މީހުންނެވެ. އަދި ހަތް މީހަކު ހުއްޓުވީ ނުރައްކާވާ ގޮތަށް ސައިކަލު ދުއްވައިގެންނެވެ.
ސްކޫލު ބަންދާ ދިމާކޮށް އެކި ބޭނުންތަކަށް ރަށްރަށުން މާލެއަށް ގިނަ ބަޔަކު އައިސްފައިވާއިރު މާލޭގެ މަގުތައް ފެންނަނީ ކުރިއަށް ވުރެ ވެސް އިތުރަށް ބާރުބޮޑުކޮށެވެ. އެއްގަމުގެ އޮޕަރޭޝަންތަކެކޭ އެއްގޮތަށް ކަނޑު ދަތުރުކުރާ ބޯޓު ފަހަރުތައް ބަލައި ފާސްކުރުމުގެ ކަންކަން ވެސް ކުރިއަށް ވުރެެ މިހާރު ވަރުގަދަކޮށްފައިވާ ކަމަށް މެރިން ޕޮލިސްގެ ހެޑް އިބްރާހިމް އަދްނާން ވިދާޅުވެ އެވެ.
އޭނާ ވަނީ ކަނޑުމަގުގައި ދަތުރުކުރުން މި ދުވަސްވަރު އިތުރުވެފައިވާތީ ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެފަ އެވެ.
އަދުނާން ވިދާޅުވި ގޮތުގައި އާންމުކޮށް ކަނޑުމަތީގައި ހިނގާ ހާދިސާތަކަކީ ފަރުވާ ކުޑަކުރެވުމުގެ ސަބަބުން ހިނގާ ކަންކަމެވެ. އެހެންވެ، ގަވާއިދުގައި ވަކި ކަހަލަ އުޅަނދުތަކެއްގައި ދަތުރުކުރާ ނަމަ، ލައިފްޖެކެޓް އެޅުމަށް މަޖުބޫރުކޮށްފައި އޮތް ނަމަވެސް ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ކޮންމެ ކަހަލަ އުޅަނދެއްގައި ދަތުރުކުރިޔަސް ލައިފް ޖެކެޓް އެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ބޯޓުގެ ކެޕްޓަނުން ވެސް ކަނޑުގަދަ އިރު ދުއްވާއިރު އާންމުކޮށް ދުއްވާ ސްޕީޑުގައި ދުއްވާކަން ފާހަގަކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ކަމެއް ދިމާވެދާނެ ކަމަށް ވެސް އެންމެ ބުއްދިވެރީ ލައިފްޖެކެޓް އަޅައިގެން ތިބުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ކުދި ޑިންގީތަކަށް ގިނަ ބަޔަކު އަރައިގެން ނުވަތަ އެ އުޅަނދާ ނުބައްދަލު އަދަދަކަށް މުދާ އަރުވައިގެންދަނިކޮށް ހާދިސާތައް މެދުވެރިވެފައިވާތީ އެކަންކަމަށް ސަމާލުވުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.