30 ޑިސެމްބަރ 2021 - 17:39

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނޮވެމްބަރު މަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންނެވިއިރު އެ ގައުމުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ މި ދަތުރުގައި ޝާހިދު ދެއްވި ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޖެނުއަރީ 7 ގައި ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ވެސް ކުރައްވާނެ އެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، އާއި ނައިބު ރައީސް ފައިސަލް ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި އެވެ. އެ ދުވަހު ވެސް ފައިސަލް ވަނީ ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޗައިނާއާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 50 އަހަރު ފުރޭއިރު އެގައުމުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކޮވިޑްގެ ތެރޭގައި ބަލިން ރައްކާތެރިވުމަށް އެގައުމުން އުފެއްދި ވެކްސިންގެ އިތުރުން ފްރޮންޓްލައިން މަސައްކަތްކުރާ މުވައްޒަފުންނަަށް ބޭނުންވާނެ ސިއްހީ ގިނަ ސާމާނު އެގައުމުން ފޯރުކޮށްދިނެވެ.