ލޯބީގެ އިންތިހާ
ލޯބީގެ އިންތިހާ

ހުޅުލެއާއި މާލެއާ ދެމެދުގައި އެޅި ފާލަން ރަސްމީކޮށް ހުޅުވި ރެއެވެ. ޙަޤީޤަތުގައި އެއީ ފާލަމެއް ނޫނެވެ. ދިވެހިން ދުށް ފޮނި ހުވަފެނެކެވެ. ބިލާހަކަށް ނުވެ ޙަޤީޤަތަކަށްވީއެވެ. މުޅި މާޙައުލަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. ލޮނުޒިޔާރަތްކޮޅުގެ ވާޓަރުން ފެށިގެން ހުޅުލެއާ ހަމައަށް ދަމައިފައިވާ ކުލަބޮކިތަކުގެ ސަބަބުން އެ ސަރަޙައްދު އޮތީ ހުޅުދާންވެފައެވެ. ހަވާއެރުވުމާއި ބަޑިބޭހުގެ އެހާ ފުރިހަމަ ކުޅިވަރުތަކެއް، ދިވެހިން ކުރިން ދެކިފައެއް ނުވެއެވެ. އެކަމަކު، ކޮންމެވެސް ބަޔެއްގެ އެސްފީނާ ޖެހިއްޖެއެވެ. އަންހެނުން ބިރުން ހަޅޭއްލަވަން ފެށިއެވެ. މާޙައުލަށް ބިރުވެރިކަން ވެރިވިއެވެ. އެންމެން އެއްދިމާއަކަށް އިޝާރާތްކުރަން ފެށުމުން، ދުރަށް އަލި ފޮނުވާ ބައްތިތައް އެ ދިމާއަށް އަނބުރައިލިއެވެ. ފާލާމާ މާ ދުރު ނޫން ހިސާބެއްގައި، ފެންމައްޗަށް އަރައިފައި އޮތީ ގަބުރެކެވެ. އަންހެނެއްގެ ހަށިގަނޑެވެ. ހަވާއެރުވުން ހުއްޓައިލިއެވެ. ފާލަންމަތިން މީހުން ހުސްކުރިއެވެ. ފުލުހުންގެ ޓީމުތައް ރުކުރުވައިލިއެވެ. މަރުވިތާ ގިނައިރުވެފައި ނުވާތީ ގަބުރު ނަގާކަށް އެހާ އުނދަގުލެއް ނުވިއެވެ.

ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދީ ފާލަން ހުޅުވި ވާހަކައެއް ނޫނެވެ. އެ ދިމާއިން ފެނުނު ގަބުރުގެ ވާހަކައެވެ. އެއީ، ސުވާލުތަކެއްގެ ޖަވާބު ހޯދައިދިން ހާދިސާއެކެވެ. އިތުރު ސުވާލުތަކެއް އުފެއްދި ހާދިސާއެއް ވެސް މެއެވެ. ގަބުރުގެ ސިފަ ވަކިކުރަން އެނގެއެވެ. ޢާއިލާގެ މީހުން ގެނަސް އެއީ ކާކުކަން ކަށަވަރު ކުރިއެވެ. އެއީ ގުރެއިޝާގެ ގަބުރެވެ. ގުރައިޝާގެ މަންމައަކަށް ކަރުނައެއް ނުހިފޭއްޓުނެވެ. ބައްޕަ ހިތްވަރުދެމުން ދަނިކޮށް މަންމަ އަނބުރައިގަތެވެ. މަންޒަރު ބަލަންތިބި މީހުންގެ ކުރިމަތީގައެވެ. ބަޔަކު ހަމްދަރުދީ ފާޅުކުރިއެވެ. ބަޔަކު އެ މަންޒަރު ބަލަން ފޫހިވެގެން އެ ތަނުން ނުކުތެވެ. ގުރެއިޝާ ގެއްލުނު ވާހަކައަކީ، އޭރު ދިވެހިންގެ މެދުގައި އެންމެ ގަދަޔަށް ދެކެވެމުންދިޔަ ވާހަކައެވެ. ގެއްލުނު ގޮތުންނެވެ. ރައްޓެހިންނާ އެކުގައި ހިނގާލަން ދިޔަގޮތަށް އޭނަގެ ޚަބަރެއް ނުވީއެވެ.

އުމުރުން އެންމެ ސަތާރަ އަހަރުގެ ގުރެއިޝާއަކީ، އިންތިހާއަށް މަޑުމައިތިރި އަދި ބަސްމަދު ކުއްޖެކެވެ. ހިތުގައި އޮންނަ އެއްޗެއް ބޭރަށް ހާމަ ނުކުރާ ކުއްޖެކެވެ. ބައްޔެއްގެ ސަބަބަކުން ނޫނެވެ. އެއީ އޭނަގެ މިޒާޖެވެ. މައިންބަފައިން ދައްކާ ހުރިހާ ވާހަކައެއް އަޑުއަހައެވެ. އެ ގޮތަށް ޢަމަލުތަކެއް ނުބަހައްޓައެވެ. ދަރިފުޅަށް ވިސްނައިދިނުމަށް ބައްޕަ ބޭނުންކުރީ ކެތްތެރިކަމެވެ. މަންމަ ދެއްކީ ހަރުކަށިކަމެވެ. ގުރެއިޝާއާ ދިމާއަށް މަންމަ ލެވި ހަޅޭކުގެ އަޑަކީ އަވަށްޓެރިން އަހައި ބާވެފައިވާ އަޑެކެވެ. ކަންފަތް ހޭނިފައިވާ އަޑެކެވެ. ގުރައިޝާއަށް މަންމަ ކަންތައްކުރާ ގޮތަކީ، ޢާއިލާގެ އެހެން މީހުން ބަލައި ފޫހިވެފައިވާ މަންޒަރެކެވެ. ދެ ލޯ އާދަވެފައިވާ މަންޒަރެކެވެ.

ފުލުހުން މައްސަލަ ތަޙުޤީޤު ކުރިއެވެ. އަނިޔާގެ އެއްވެސް ނިޝާނެއް ގުރެއިޝާގެ ހަށިގަނޑަކު ނެތެވެ. ޝައްކު ކުރާނެ މީހަކު ނެތެވެ. ގުރެއިޝާދެކެ ރުޅިއަންނަ މީހަކު ވެސް ނެތެވެ. އަމިއްލައަށް މަރުވެދާނެކަމަށް ޝައްކު ކުރެވޭ ކަހަލަ ސަބަބެއް ވެސް ނެތެވެ. މީހުން އެކި ގޮތްގޮތަށް ވާހަކަ ހަދައިގެން ފެތުރިއެވެ. ގުރެއިޝާ ވަޅުލިއެވެ. އެ ފައިލު ލައްޕައިލިއެވެ. އެކުގައި ޙަޤީޤަތް ވެސް ވަޅުޖެހުނީއެވެ.

ގުރައިޝާއަކީ އޭނަގެ އަމިއްލަ ދުނިޔެއެއްގައި އުޅުނު ކުއްޖެކެވެ. އެކަކަށް ވެސް އޭނަ ދަސްވާނެކަމަކަށް އޭނަ އުންމީދެއް ނުކުރެއެވެ. އެހެން އެންމެންނަށް ބޮޑުވެގެން އުޅުނީ ގުރައިޝާ މަތީ މާކްސް ނުހޯދާ މައްސަލައެވެ. ފިލާވަޅު ދަސްނުކުރާ މައްސަލައެވެ. އެހެން ކުދިންނާ ގުޅިގެން ނޫޅުމާއި، ގިނަ ވަގުތު ކޮޓަރީގައި އެކަނި އިންނަ މައްސަލައެވެ. އެ އިން އެއްވެސް ކަމަކީ ގުރައިޝާއަށް މައްސަލައެއް ނޫނެވެ. ގުރެއިޝާގެ ނަޒަރުގައި އެކި މީހުން އުޅޭނީ އެކި ގޮތަށެވެ. ހިތުގައި އުފެދޭ ހުރިހާ އުދާހެއް ގުރައިޝާ ނަކަލުކުރީ ޑައިރީއަށެވެ. އެކަނި އިނދެގެން އޭނަ އެންމެ ކުރާހިތްވި ކަމަކީ ވެސް އެއީއެވެ. ހިތުގެ އަޑު ލެޕްޓޮޕަށް ކިޔައިދިނުމެވެ.

"އެކަކަށް ވެސް އަހަރެން ދަހެއް ނުވާނެ،" އިނގެރޭސިބަހުން ގުރައިޝާ ލިޔުނެވެ. "ކީއްކުރަންތަ ކިޔަވަނީ؟ މަށަށް ކީއްތަ ރަންނަމާރި އެރިއްޔާނޭރިއްޔާ؟ މަށަށް ވަރިހަމަ ފުރަތަމަ ހަނދަށް ދިޔަ މީހާ ހަނދުގަ ނިދާފަ އޮތަސް. އެމެރިކާ ހޯދީ ކާކުތޯ ބަލާކަށް މަ ބޭނުމެއް ނޫން. މަށަށް ހެޔޮ ހެޓިލަރު ނެތަސް. އެ އެއްޗެހި އަހަރެން ދަސްނުކޮށްގެން މަންމަ ކޮން ރޭހެއްވާކަށް؟ މަންމަ އެއްފަހަރު ވެސް ވިސްނައިލިތަ މަ ކިހާ އެކަނިވެރިކަން؟ ހުރިހާ ރައްޓެހިން އަބަދު ދައްކާނެ ބޯއިފްރެންޑުންގެ ވާހަކަ. މަ ކިހާ ފޫހިވާނެ. މަ ވެސް ލޯބިވާ ކުއްޖެއް އެބަހުއްޓޭ! އެކަމަކު އޭނަ ލޯބިވަނީ މަގޭ ބެސްޓުފްރެންޑު ދެކެ. މަށާ ހެދި އެ ދެ މީހުންނަށް ރައްޓެހިވެވުނީ ވެސް. އެކަމަކު، ވެލަންޓައިންސްޑޭޔާ އުފަންދުވަހު ވެސް މަށަކަށް ކާޑެއް ނުލިބޭ. ކިހާ ހެއްވާ!"

ހަޔާތަކީ އިންސާނާގެ ވަށައިގެން އެނބުރޭ ވައްބުރެކެވެ. އެ ވައްބުރުގައި އެތައް ސަތޭކަ ކެނޑުންތަކެއް ހުރެއެވެ. ކެނޑުންތައް ފުރިފައި ހުންނަނީ ހިތްއެދޭ އެކި ކަހަލަ އެއްޗެހިތަކުންނެވެ. އެކި މީހުން ޝައުޤުވެރިވަނީ އެކި އެއްޗެއްސަށެވެ. އެކަކަށް ކަމުދާ އެއްޗަކީ އަނެކަކު ފޫހިވާއެއްޗަކަށް ވެސް ވެދާނެއެވެ. ގުރެއިޝާގެ ފަލްސަފާއަކީ އެއީއެވެ. ހުމޭރުގެ ލޯތްބަށްޓަކައި ގުރެއިޝާ ދިޔައީ ކެތްތެރިކަން ކުޑަވަމުންނެވެ. ބުނާނެ ހިތްވަރެއް ނުލިބެއެވެ. ހުމޭރު ލޯބިވަނީ ކާކުދެކެކަމާއި، ކިހާ ވަރަކަށްކަން ގުރެއިޝާއަށް ރަނގަޅަށް އެނގެއެވެ.

ލޯބިވެރިޔާގެ ސަމާލުކަން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ލޯބިވާ ވާހަކަ ނުބުނެ އަންގާނީ ކިހިނެއް ހެއްޔެވެ؟ ގަދަކަމުން ވިޔަސް ލޯބިވެރިޔާ ގެންނާނީ ކިހިނެއް ހެއްޔެވެ؟ އިންޓަނެޓަށް ވަދެ، "ގޫގުލް" ގައި އެކި ސުވާލުތައް ގުރެއިޝާ ލިޔުނެވެ. ތަފާތު ލިޔުންތަކާއި، ތަޖުރިބާކާރުން ދީފައިހުންނަ ލަފައާއި އިރުޝާދު ވެސް ކިޔެވެ. ގިނަ ވަގުތުތަކެއް އެ ކަމުގައި ހޭދަކުރިއެވެ. އުމުރުދުވަހަށް ނުލިބުނިއްޔާ ދެތިން ގަޑިއިރަށް ވިޔަސް ހުމޭރު ލިބޭތޯއެވެ. އެއްދުވަހަކު މުޅި ކުޅިގަނޑުގެ މިސްރާބު ބަދަލުވެގެންދިޔައެވެ.

"ގޫގުލްގެ އިމޭޖުގަ ތި ބޭނުންވާ ކަމެއް ޖަހާފަ ޖަހާބަލަ ސިހުރު،" ފޯރަމެއްގައި ކޮންމެވެސް މީހަކު ބުނެފައިއޮތެވެ. "އޭރުން ވަގުތުން އަންނާނެ ލިޔުންތައް. ޕްރިންޓްކޮށްލާފަ، ތަވީދެއް ހަދާފަ އެޅީމަ ހުރިހާކަމެއް ނިމުނީ. ހެނދުނު އަޅައިފިއްޔާ އިރު އޮއްސޭ ވަގުތު އޭނަ އައިސް ހުންނާނީ ގޭގަ. އިރު އޮއްސޭ ވަގުތު އަޅައިފިއްޔާ އިރު އަރާ ވަގުތު އައިސް ހުންނާނެ. ކަލޭ ހުރި ތަނަކަށް އޭނަ އަންނާނެ."

ބުނެފައިވާ ގޮތަށް ގޫގުލްގައި ޖަހައިލުމާއެކު އެކި ވައްތަރުވައްތަރުގެ ލިޔުންތަކުގެ ފޮޓޯ އައެވެ. ސަތޭކަ ޕަސަންޓު ޔަގީންކަން ދީފައިވާ އެއްޗެހި ވެސް ހުއްޓެވެ. ގުރެއިޝާ ވަރަށް ގިނައިރު ވަންދެން ވިސްނިއެވެ. އެ ކަން ކުރާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. މައްސަލައަކަށްވީ ހުމޭރު ގެންނާނެ ގެއެކެވެ. ގުރެއިޝާގެ ގޭގައި އެތައް ބަޔަކު އުޅެއެވެ. ދެން އޮތީ ގެއިން ބޭރަށް ނުކުތުމެވެ. ހާމަ ތަނެއްގައި ހުންނާކަށް ގުރޭޝާ ހިތްހަމައެއް ނުޖެހުނެވެ. ކޮންމެ މީހަކަށް ވެސް ފެނިދާނެކަމުގެ ބިރަށްޓަކައެވެ.

ހުޅުލެއާއި މާލެއާ ދެމެދުގައި އެޅި ފާލަން ހުޅުވަން ހަމަޖެހިފައިވާ ރެޔަށް އިރުއޮއްސުމުގެ ކުޑަ ތަންކޮޅެއް ކުރިއެވެ. އެންމެ ފަހުގެ ތައްޔާރީތައް ކުރެވެމުންދިޔައެވެ. ފާލަން ކައިރީގައި މީހުން ވަރަށް ގިނައެވެ. އެކުވެރިންނާ އެކުގައި ގުރެއިޝާ ދިޔައީ، އިރު އޮއްސޭ ވަގުތާ ދިމާކޮށެވެ. ބަސްމަދު ގުރާ ދައިގަންނަން އުޅެނީ ކިހާ ބާރަކަށްކަމެއް އެކަކަށް ވެސް ނޭނގެއެވެ. އިސާހިތަކު ގުރެއިޝާ ގެއްލުނެވެ. ފޯނަށް ގުޅުމުން ޖަވާބެއް ނުލިބެއެވެ. ގުރެއިޝާ ދިޔައީ ދަރުބާރުގެ ކައިރީގައި ހުރި ގަސްތަކުތެރެއަށެވެ. އެތެރޭގައި ހުންނަ މީހަކު ނުފެންނާނެހާ ގަސް ބޯ ދިމާއަށެވެ. ހަމަ އެހެންމެ މީހުން އެންމެ މަދު ހިސާބަކީ ވެސް އެއީއެވެ. ދުރުދުރުގައި މީހުން އުޅެއެވެ. ގުރޭޝާ ގަޑިބަލަން ހުއްޓައި އިރު އޮއްސުނެވެ. ގުރެއިޝާގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ހުމޭރު އައުމުން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނަ ކުރާނީ ކޮން ސުވާލެއް ހެއްޔެވެ؟ މަގުގެ އެކި ދިމަދިމާއަށް ގުރެއިޝާ ބެލިއެވެ. ހުމޭރު އަންނަ ތަން ފެނޭތޯއެވެ. އިރުކޮޅަކާ އިސްތަށިގަނޑު ރީތިކޮށްލައެވެ. ހެދުން ރީތިކޮށްލައެވެ. ކުއްލިއަކަށް ލޯމަތީގައި މީހަކު އަތްއެޅިއެވެ. ވަރުގަދަ އަތްތިލައެކެވެ. ގުރެއިޝާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

"ނޭނގުނު!" ގުރެއިޝާ ބުންޏެވެ. "ކާކު؟"

އެ މީހަކު އަތެއް ނުނެގިއެވެ. އެހެންނަމަވެސް، ނޭވާލާ އަޑު ގަދަވާކަން ގުރެއިޝާއަށް ފާހަގަވިއެވެ. ބީރައްޓެހި ވަހެއް އިހުސާސް ކުރެވުނެވެ. އެއީ ފަރުހަކި ވަސްކަމެއް ގުރެއިޝާއަކަށް ނޭނގެއެވެ. ނޭވާގެ އަޑާ އެކުގައި އެހެން އަޑެއް ވެސް އިވުނެވެ. އެއީ، ރުޅިއައިސްފައި ހުންނަ މީހަކު ކަރުތެރެއިން ނެރޭ ކަހަލަ އަޑެކެވެ. ވަރަށް ބަރު، ނާމާން އަޑެކެވެ.

"ބިރުން ހަލާކުވެއްޖެ!" ހީނގެންފައި ގުރެއިޝާ ބުންޏެވެ. "ދެން ބުނަންވީނު ތީ ކާކުކަން."

"ނަން ނޭނގޭ މީހުންނަށް ގޮވަނީ ކީއްކުރަން؟" ނުސާފު އެކަމަކު ވަރުގަދަ އަޑަކުން ބުނި އަޑު އިވުނެވެ. "އުނދަގޫ ކުރަނީ ކީއްކުރަން؟ ހިނގާ!"

ގުރެއިޝާގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތެވެ. ވީ ތަދުން ގުރެއިޝާ ހަޅޭއްލަވައިގަތެވެ. ހީވީ ހުވަފެނެއްހެންނެވެ. އަޑެއް ނުނިކުތެވެ. މަގު ހުރަސްކޮށްފައި ގުރެއިޝާ ގެންދިޔައީ ވާޓަރާ ދިމާއަށެވެ. ގުރެއިޝާއަށް އެންމެން ފެނެއެވެ. އެހެން މީހަކަށް ގުރެއިޝާ ފެންނަހެނެއް ހިއެއްނުވެއެވެ. އެކަކު ވެސް އަޅައިނުލީތީއެވެ. ނުބެލީތީއެވެ. ގުރެއިޝާ ގެންދިޔައީ މޫދަށެވެ. އަޑިއަށް ގެންދިޔައިރު ލޮނުގަނޑުގެ ފުންކަން ގުރެއިޝާއަށް އިހުސާސް ކުރެވުނެވެ. ނޭވާ ހާސްވަމުންދިޔައެވެ.

"ހިބައިންދޭ އެއްޗެއް ދުލެއް ނުކުރެވޭނެ." އެހެން ބުނި އަޑު ގުރެއިޝާއަށް އިވުނީ ކިހިނެއްކަމެއް ޚުދު ގުރެއިޝާއަކަށް ވެސް ނޭނގެއެވެ.

ގުރެއިޝާގެ މޫނުމައްޗަށް އަނދިރިވަމުދިޔައެވެ. އޭރު އެއްކަމެއް ޔަގީންވިއެވެ. ހުމޭރުގެ ބަދަލުގައި އެ ތަނަށް އައީ އެހެން މަޚުލޫޤެކެވެ. ގުރެއިޝާއަށް ބޭނުންކުރެވުނީ ހީކުރީ ކަހަލަ ތަވީދެއް ނޫނެވެ. އެ ތަވީދުގައި ލިޔެފައިވާ އެންމެ އަކުރެއް ވެސް ގުރެއިޝާއަކަށް ނޭނގެއެވެ. އޭގައި ލިޔެފައި ހުރީ އެހެން ބަހަކުންނެވެ.

ގުރެއިޝާ ފެނުނުއިރު ތަވީދެއް ނެތެވެ. މިއަދާ ހަމައަށް ވެސް، ގުރެއިޝާގެ ޑައިރީ އެކަކަށް ވެސް ނުފެނެއެވެ. ފޮރުވައިފައިވާލެއް މޮޅުކަމުންނެވެ. ފެންނަ ދުވަހަކުން، ގުރެއިޝާގެ މަރާ ބެހޭގޮތުން އިތުރަށް އޮޅުންފިލާނެއެވެ. މީހުން ހައިރާންކޮށްލާނެއެވެ. ކޮންމެ ކުރުމަގަކީ ފަހިމަގެއް ނޫންކަން އެނގޭނެއެވެ. މިއީ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

ނިމުނީ