30 ޑިސެމްބަރ 2021 - 22:18

ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ކްލަބް ޗެލްސީގެ ލެޖެންޑް ޖޯން ޓެރީ، ކުލަބު ދޫކޮށްލިތާ ހަތަރު އަހަރު ފަހުން އެނބުރި ޗެލްސީއާ ގުޅިއްޖެ އެވެ.
ކުޅުން ހުއްޓާލުމަށް ފަހު ނިމިދިޔަ ތިން ސީޒަނުގައި ވެސް އެސްޓަން ވިލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ފެނުނު ޓެރީ އެ ޓީމު ދޫކޮށްލީ މިދިޔަ ޖުލައި މަހު އެވެ. އެއަށް ފަހު އިއްޔެ އޭނާ ޗެލްސީއާ ގުޅުނީ ކްލަބުގެ އެކަޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.
އަންނަ ޖެހުއަރީން ފެށިގެން އެކަޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޕާޓް ޓައިމްކޮށް ޓެރީގެ ރަސްމީ މަސައްކަތްތައް ފަށާނެ އެވެ.
ޗެލްސީގެ ހެޑް އޮފް ޔޫތު ޑިވެލޮޕްމަންޓް ނީލް ބާތު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޓެރީ ހޯދާފައިވާ ތަޖުރިބާއިން އެކެޑަމީގެ ކުޅުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.
ޗެލްސީގައި 19 ސީޒަން ހޭދަކުރި ޓެރީ އަކީ އެ ޓީމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކެޕްޓަނެވެ. އޭނާގެ ކެޕްޓަން ކަމުގައި ޗެލްސީން ވަނީ 16 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމާ އެކު 717 މެޗު ކުޅުނުއިރު އެއީ ކުލަބުގެ ތާރީހުގައި ތިންވަނައަަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ޗެލްސީ ދޫކޮށް ޓެރީ ވަނީ ޗެމްޕިއަންޝިޕުގައި އޭރު އޮތް އެސްޓަން ވިލާ ޓީމަށް އެއް އަހަރު ކުޅެފަ އެވެ. އެޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވީ އެއަށް ފަހު އެވެ.
ކުޅުންތެރިއެއް ގޮތުގައި ޓެރީއާއެކު ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި އެސްޓަން ވިލާ ބަލިވި ނަމަވެސް ޖެހިގެން އައި ސީޒަނުގައި ޕްލޭއޮފް ފައިނަލް ކާމިޔާބުކޮށް އެސްޓަން ވިލާ ޕްރިމިއާ ލީގުން ޖާގަ ހޯދި އެވެ.