30 ޑިސެމްބަރ 2021 - 13:09

ލުބުނާނުން ގަލްފުގެ ގައުމަކަށް ބޭރުކުރަން އުޅުނު، މަސްތުވުމަށް ބޭނުންކުރާ ގުޅަ ބޭހެއް ކަމަށްވާ އެމްފެޓަމިންގެ ނުވަ މިލިއަން ގުޅަ، އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަތުލައިގެންފި އެވެ.
ލުބުނަންގެ ކަސްޓަމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މަސްތުވާތަކެތި ވަގަށް ބޭރުކުރަން އުޅުނު މައްސަލައިގައި މީހުންތަކެއް ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ލުބްނާނުން މި ތަކެތި ބޭރުކުރަން މަސައްކަތް ކުރީ ވެރިރަށް ބައިރޫތުގެ ކަނޑުގެ ބަނދަރުންނެވެ.
ކަސްޓަމުން ބުނި ގޮތުގައި އެ ބޭސްގުޅަތައް ބޭރުކުރަން އުޅުނީ، އޮރެންޖް ޝިޕްމެންޓެއްގެ ތެރޭގަ އެވެ. ބޭސް ގުޅަތައް ހުރީ އޮރެންޖް ފޮށިގަނޑުތަކުގައި ހުރި އަސްލު އޮރެންޖްތަކުގެ ތެރެއަށް އަޅާފައި ހުރި ޕްލާސްޓިކް އޮރެންޖްތަކެއްގެ ތެރޭގައި އެވެ.
ކަސްޓަމުން ބުނި ގޮތުގައި މިހާރު ތަހުގީގު ކުރިއަށް ދަނީ ދެ ދާއިރާއަކުންނެވެ. އެއީ އެ މަސްތުވާތަކެތި ބޭރުކުރަން އުޅުނު މީހުންގެ ހަގީގަތް ދެނެގަތުމަށާއި، އޮޅުވައިލުމުގެ ގޮތުން ޕްލާސްޓިކް އޮރެންޖް އުފެއްދި ބަޔަކު ހޯދުމަށް ކުރާ ތަހުގީގެވެ. މިހާރު މިއީ ތަހުގީގުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއް ކަމަށްވާތީ، މިމައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދާއި އެއީ ކޮން ބައެއްކަންހާމަކުރެވެން ނެތް ކަމަށް ލުބުނާންގެ ކަސްޓަމުން ބުނެ އެވެ.
މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ލެބަނާނުން ބޭރުކުރަން އުޅުނީ ކޮން ގައުމަކަށް ކަން ރަސްމީކޮށް ލުބުނާނުން ނުބުނި ނަމަވެސް، މައުލޫމާތު އެނގޭ ބައެއް ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، އެ ތަކެތި ގެންދަން ރާވާފައި އޮތީ ކުވައިތަށެވެ.
މި މަސްތުވާތަކެތި އަތުލައިގަނެވުނީ، ލެބަނާނާގައި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމުން، އެ ގައުމުތަކާއި ލުބުނާނާ ދެމެދު ކުރާ އިމްޕޯޓް އެކްސްޕޯޓްގެ މުއާމަލާތްތަކަށް ފާރަލައި ބެލުން، ލެބަނާނާއި އެ ގައުމުތަކުން ވެސް ވަރަށް ބޮޑަށް ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގައުމުތަކަކީ، ސައޫދީ އަރަބިއްޔާ، އެމިރޭޓްސް، ބަހްރައިން އަދި ކުވައިތެވެ.
މީގެ ތެރެއިން ސައޫދީ އަރަބިއްޔާ އިން ވަނީ، ލުބުނާންގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެ ގައުމަށް އެތެރެކުރުން، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ހުއްޓާލައިފަ އެވެ. އެއީ، ލެބަނާނުން ސައޫދީ އަށް އެތެރެކުރި އަންނާރު ޝިޕްމެންޓެއް، ޖިއްދާގެ ބަނދަރުގައި ސައޫދީ ކަސްޓަމުން ބަލައި ފާސްކުރި އިރު، އަންނާރުތަކުގެ ތެރޭގައި ފޮރުވާފައި ހުރި އެމްފެޓަމިންގެ 5.3 މިލިއަން ގުޅަ ފެނުމުންނެވެ.
ގަލްފުގައި މި ބާވަތުގެ މަސްތުވާތަކެތި އާންމު ގޮތެއްގައި އުފައްދަނީ ލުބުނާނާއި ޖޯޑަންގެ އިތުރުން ސީރިޔާގަ އެވެ. އެ ގައުމުތަކުގައި އުފައްދާ އެމްފެޓަމިންގެ ގުޅަ އާންމު ގޮތެއްގައި ވަގަށް އެތެރެކުރަނީ ސައޫދީ އަރަބިއްޔާ އަށާއި ގަލްފުގެ އެހެން ގައުމުތަކަށެވެ.
ސައޫދީ ސަރުކާރުން ބުނެފައިވާ ގޮތުގައި ލުބުނާން އާއި ސީރިޔާ އިން އެ ގައުމަށް އެތެރެކުރި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓައި، އެތައް މިލިއަނެއްގެ އެމްފެޓަމިން ގުޅަ ސައޫދީ ކަސްޓަމުން ވަނީ އަތުލައިގެންފަ އެވެ.