ދަތިކުރުން ހުއްޓައިލުމަކީ އީރާންގެ ޝަރުތެއް
ދަތިކުރުން ހުއްޓައިލުމަކީ އީރާންގެ ޝަރުތެއް

ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، މިހާރު ވިއެނާގައި ކުރަމުން އަންނަ މަޝްވަރާތަކުން ނަތީޖާއެއް ނެރެވޭނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން ބުނި ގޮތުގައި މިހާރު ކުރިއަށް ދާ މަޝްވަރާތަކާ ގުޅޭ ގޮތުން ވިލާތުގެ ގައުމުތަކުން ވަކި ފަރާތަކަށް ޖެހިގެން ބަޔާންތައް ދިން ކަމުގައި ވިޔަސް، ނިއުކްލިއާ މުއާހަދާއަށް އަލުން އަމަލުކުރަން ފެށުމުގެ އުންމީދު އަންނަނީ ބޮޑުވަމުންނެވެ. އަނެއްކޮޅުން މި މަޝްވަރާތަކުގައި ބައިވެރިވާ ވިލާތުގެ ގައުމުތަކުގެ މަންދޫބުން ވިދާޅުވާ ގޮތުގައި، އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން ހުރި ޓެކްނިކަލް ކަންކަމުގައި ވެސް ކުރިއެރުންތަކެއް މިހާރު އަންނަނީ ލިބެމުންނެވެ.

"ވިއެނާގައި މިހާރު ކުރިއަށް ދާ މަޝްވަރާތައް ދަނީ ވަރަށް އީޖާބީ ގޮތެއްގައި ރަނގަޅު މިސްރާބަށް. އީރާނުން ނިއުކްލިއާ މަސައްކަތްތައް ހުއްޓައިލާނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމަލީ ގޮތުން އުވާލައިފިކަން ކަށަވަރުވުމުން،" ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވާ އީރާންގެ އިސް މަންދޫބު އަލީ ބާގިރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިއާ މަޝްރޫއަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން އީރާނުން ހުށަހަޅާފައިވާ ކަންތައް ގަބޫލުކުރުމާއި، އީރާނުން އެދިފައިވާ ކަންކަން އެގޮތުގައި ފުރިހަމަކޮށްދޭނެކަމުގެ ޔަގީންކަން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދިނުމަކީ، އެއްބަސްވުމަކަށް އަވަހަށް ވާސިލުވެވޭނެ ގޮތެކެވެ. އޭގެ އިތުރުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާ މެދު އެމެރިކާ ސަރުކާރު ސީރިއަސްވާ މިންވަރަކުން، އެއްބަސްވުމަކާ ހަމައަށް ދިއުމަށް ނަގާ ވަގުތު މަދުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްވަރާތަކުގައި ބައިވެރިވާ ވިލާތުގެ ބައެއް ގައުމުތަކުގެ މަންދޫބުން ވިދާޅުވި ގޮތުގައި އީރާނުން ތަރައްގީ ކުރާ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި ބޭނުންތަކަށް ތަރައްގީކުރާ މަޝްރޫއެއްކަން، އީރާނުގެ މަންދޫބު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި އީރާންގެ ނިއުކްލިއާ އިންޖީނުގެތައް ބަލައި ފާސްކުރުމުގެ ފުރުސަތު ވެސް ދޭން އީރާން ތައްޔާރަށް އޮތް ކަމަށް އެ މަންދޫބުން ވިދާޅުވެ އެވެ.

މީގެ އިތުރުން، އީރާންގެ ނިއުކްލިއާ ރިއެކްޓަރުތަކުގައި ޔޫރޭނިއަމް ފައްކާ ކުރާ ނިސްބަތް 60 ޕަސެންޓަށް މަތިކުރުމުގެ ނިޔަތެއް ނެތް ކަމަށް ވެސް، އަލީ ބާގިރީއާ ހަވާލާ ދެއްވައި، ވިލާތުގެ ގައުމުތަކުގެ މަންދޫބުން ވިދާޅުވެ އެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދޭނީ، 60 ޕަސެންޓަށް ވުރެ މައްޗަށް ޔޫރޭނިއަމް ފައްކާކޮށްގެންނެވެ.

ބާގިރީއާ ހަވާލާ ދެއްވައި، ވިލާތުގެ މަންދޫބުން ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ، ނިއުކްލިއާ މުއާހަދާގެ ހުރިހާ މާއްދާތަކަށް ފުރިހަމައަށް އަމަލުކުރަން އީރާން އޮތީ ތައްޔާރަށެވެ.

އީރާންގެ ހުށަހެޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ނިއުކްލިއާ މުއާހަދާގެ ބައިވެރިންނާއި އެމެރިކާގެ މަންދޫބުން އިއްޔެ ވަނީ އޮސްޓްރިއާގެ ވިއެނާގައި ބައްދަލުކުރައްވައިފަ އެވެ. އެމެރިކާއާ އެކުގައި އެއް މޭޒުދޮށުން ބައްދަލުކުރަން ދެކޮޅު ހަދާތީ، މި ބައްދަލުވުމުގައި އީރާންގެ މަންދޫބުން ބައިވެރިއެއް ނުވެ އެވެ.

އީރާންގެ ހުށަހެޅުންތައް އެމެރިކާގެ މަންދޫބުންނާ ހިއްސާ ކުރެއްވީ، ވިލާތުގެ ގައުމުތަކުގެ މަންދޫބުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުން ވެސް، މަޝްވަރާތައް މިހާރު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް، ރަޝިޔާގެ މަންދޫބު މިޚާއީލް އޮލިޔަނޯފް ވިދާޅުވި އެވެ.