14 ޑިސެމްބަރ 2016 - 09:02

ނޭޕާލްގައި މިހާރު ކުރިއަށްދާ ނޭޕާލް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.
މި މުބާރާތުގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުގެ ހަތަރު ކުޅުންތެރިންނަކީ ނަޝީއު ޝަރަފުއްދީން، ޒަޔާން ޒަކީ، މައިސާ ފަތުހުﷲ އަދި ނަފްހާ ނަސްރުﷲ އެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުތަކުން ނަޝީއު އާއި މައިސާ މޮޅުވިއިރު، ފުރަތަމަ މެޗުން ބަލިވެ ޒަޔާން އަށް ވަނީ މުބާރާތް ނިމިފަ އެވެ. ނަފްހާ ވެސް ދެ ވަަނަ ބުރަށް ގޮސްފައިވާއިރު، އޭނާގެ މެޗު އޮތީ މިއަދު އެވެ.
ނަޝީއު ކުޅުނީ އިންޑިއާގެ ޝްރެޔަންސް ޖޭސްވާލްއާ ދެކޮޅަށެވެ. މި މެޗު ވޯކްއޯވާ ވުމުގެ ސަބަބުން ނަޝީއު އަށް ވަނީ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. ދެ ވަނަ ބުރުގައި ނަޝީއު މިއަދު ނުކުންނާނީ ބަންގްލަދޭޝްގެ ތުޝާރް ކްރިޝްނާ ރޯއީއާ ދެކޮޅަށެވެ.
ފުރަތަމަ ބުރުން ޒަޔާން ކެޓީ ހަތަރު ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ އަރުން ކުމާރް އަތުންނެވެ. އަރުން ކުމާރް ސެޓުތައް ގެންދިޔައީ 21-12 އަދި 21-14 އިންނެވެ.
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މައިސާ ދެ ވަނަ ބުރުން ޖާގަ ހޯދީ ނޭޕާލްގެ ޖެސިކާ ގުރުންގްގެ މައްޗަށް ކުރިހޯދައިގެންނެވެ. މައިސާ މި މެޗުގެ ސެޓުތައް ގެންދިޔައީ 21-15، 21-18 އިންނެވެ.
މައިސާ ވަނީ އެންމެ ފަހުން އޮތް ބަންގްލަދޭޝް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އިވެންޓެއްގެ ކުއާޓާ އިން ދިވެހި އަންހެން ކުޅުންތެރިޔަކު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ދެ ވަނަ ބުރުގައި ނަފްހާ މިއަދު ކުޅޭ މެޗުގައި ނުކުންނާނީ ޕާކިސްތާންގެ ޕަލްވަޝާ ބަޝީރްއާ ދެކޮޅަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް ދެ އަހަރުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިކުރުވުމަށް ނިންމައިފަ އެވެ.