ރެޑް ހޯކްސް އާއި ޑީއެސްސީ ހޭންޑްބޯލް ދެވަނަ ޑިވިޝަން ކާމިޔާބުކޮށްފި
ރެޑް ހޯކްސް އާއި ޑީއެސްސީ ހޭންޑްބޯލް ދެވަނަ ޑިވިޝަން ކާމިޔާބުކޮށްފި

އަށްވަނަ މައިލޯ ގައުމީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ހޯދައިފި އެވެ.

ރެޑް ހޯކްސް އާއި ޑީއެސްސީ ހޭންޑްބޯލް ދެވަނަ ޑިވިޝަން ކާމިޔާބުކޮށްފި
ރެޑް ހޯކްސް އާއި ޑީއެސްސީ ހޭންޑްބޯލް ދެވަނަ ޑިވިޝަން ކާމިޔާބުކޮށްފި

އަންހެން އަދި ފިރިހެން ބައިގެ ދެވަނަ ޑިވިޝަންގެ ފައިނަލް ރޭ ކުޅުނީ ގައުމީ ހޭންޑްބޯލް ގްރައުންޑުގަ އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ރެޑްހޯކްސް ހޯދީ، ފައިނަލުގައި ކ. ގުރައިދޫގެ އިޒްލޭނޯ ސްޕޯޓްސް ކްލަބާ ވާދަކޮށް 23-13 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްހޯކްސްގެ ގޯލްކީޕަރު އައިޝަތު ވިރާޝާ އެވެ. އޭނާ ވަނީ އިޒްލޭނޯ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ޖުމްލަ 12 ޓީމަކާ އެކު ކުރިޔަށް ގެންދިޔަ އަންހެން ދެވަނަ ޑިވިޝަން ކުރިޔަށް ގެންދިޔައީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ފައިނަލުގައި ވާދަކުރި ރެޑްހޯކްސް އާއި އިޒްލޭނޯ ވެސް ވާދަކުރީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން އެއްވަނަ ހޯދީ ރެޑްހޯކްސް އެވެ.

ފިރިހެން ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި ޑީއެސްސީ އެވެ. ވާދަވެރި ދެ ހާފުގެ ކުޅުމަކަށް ފަހު 21-20 އިން މެޗު ކާމިޔާބުކުރީ ޑީއެސްސީ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 10-10 އިން އެއްވަރުވެފަ އެވެ. ދެވަނަ ހާފުގައި އައިލެންޑާސް ހޯޕް ގިނަ ވަގުތު ލީޑުގައި އޮތް ނަމަވެސް ޑީއެސްސީން ވަނީ މެޗުގެ ފަހު ވަގުތު އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.

މެޗުން ބަލިވި ނަމަވެސް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިލެންޑާސް ހޯޕްގެ މުހައްމަދު މައުރޫފް އެވެ.

މިއީ އައިލެންޑާސް ހޯޕް، މުބާރާތުގައި ބަލިވި ހަމައެކަނި މެޗެވެ. ޑީއެސްސީއާ އެއް ގުރޫޕެއްގައި ހިމެނި، އައިލެންޑާސް ހޯޕް ވަނީ ގުރޫޕް ސްޓޭޖް ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ހޭންޑްބޯލް ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލް މެޗުތައް މިއަދު ކުޅޭނެ އެވެ. އަންހެން ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި ހަވީރު 5 ޖަހާއިރު އޮރީކްސް ހޭންޑްބޯލް ކްލަބާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް ބައްދަލުކުރާ އިރު، މިރޭ 8 ޖަހާއިރު އޮންނަ ފިރިހެން ފައިނަލުގައި ވާދަކުރާނީ ފިއުޗާ ސްޕޯޓްސް ކްލަބް އެކަޑަމީ އާއި ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބެވެ.