30 ޑިސެމްބަރ 2021 - 11:35

ކޮވިޑް-19 ކޮންޓްރޯލްކޮށް އެ ބަލީގެ މީހުންނަށް އެހީވާން އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސް، އަހަރެއްހާ ދުވަސް ފަހުން ޖަމާވިއިރު ބައެއް މީހުންނަށް 70،000ރ. ލިބިފައިވާ ކަމަށާއި އަނެއް ބަޔަކަށް ލިބުނީ ހާހެއް ރުފިޔާ ކަމަށް ބުނެ ބައެއް ނަރުހުން ނުރުހުން ފާޅުކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ވޮލެންޓިއަރުންނާއި އައިޖީއެމްއެޗުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އެލަވަންސް ނުލިބޭތާ އެތައް މަހެއް ފަހުން މި މަހު މުސާރަ ޖަމާވިއިރު ބައެއް މީހުންނަށް އެލަވަންސް ލިބުނެވެ. އެކަމަކު އެއް މަސައްކަތެއްގައި އުޅޭ މީހުންނަށް ވަރަށް ފަރަގު ބޮޑުކޮށް އެލަވަންސް ޖަމާވުމުން އެކަމުގެ ނުރުހުން ފާޅުކުރެ އެވެ.
ބެލެވޭ ގޮތުގައި މިހާ ފަރަގު ބޮޑުކޮށް ހުރީ ބައެއް މީހުންނަށް ލިބެންޖެހޭ އެލަވަންސް އެއްކޮށް ޖަމާނުކޮށް އަނެއް ބަޔަކަށް ހުރިހާ އެލަވަންސެއް އެއްކޮށް ދިނުމުންނެވެ.
އައިޖީއެމްއެޗުގެ ބައެއް ނަރުހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ބަމިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން އެލަވަންސް އެއްގޮތަކަށް ވެސް ނުލިބެ އެވެ. އަނެއް ބަޔަކަށް ނުލިބެނީ އަހަރުގެ ކުރީކޮޅުން ފެށިގެން ކަމަށެވެ.
މިފަހަރު މުސާރައާ އެކު އެލަވަންސް ޖަމާވި ނަމަވެސް ނަރުހުންނަށް އެލަވަންސްގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ވެސް ލިބުނީ 6،000ރ. ކަމަށް އެމީހުން ބުންޏެވެ.
"މިހާ ދުވަސްކޮށްފައި އެލަވަންސް ލިބުނުއިރު ވެސް ނަރުހުންނަށް ލިބުނީ 1،000 އާއި 2،000 ދެން 5،000 ރުފިޔާ. ބައެއް މީހުންނަށް ލިބުނު 500 ރުފިޔާ ވެސް އެލަވަންސްގެ ގޮތުގައި،" ނަރުހަކު ބުންޏެވެ.
އެމީހުންގެ ކަންބޮޑުވުމަކީ އިމަޖަންސީ ރޫމަކީ ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ޝައްކުކުރެވޭ އެތައް ބަޔަކު އައިސް ފަރުވާ ހޯދާ ތަނަކަށްވާއިރު ރިސްކެއްގައި ތިބެ އެ މީހުން މަސައްކަތްކޮށްގެން ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބުމެވެ.
ނަރުހުން ބުނި ގޮތުގައި ބައެއް ޑޮކްޓަރުންނަށް އެލަވަންސްގެ ގޮތުގައި 70،000ރ. ޖަމާވި އެވެ. އަދި އެމްބިއުލާންސްގެ ހިދުމަތުގެ ބައިގައި މަސައްކަތްކުރާ މީހުންނަށް 45،000 އާއި 65،000ރ. އާ ދެމެދުގެ އެލަވަންސްއެއް ލިބުނުއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރި ނަރުހުންނަށް ލިބުނީ 5،000ރ. އެވެ.
"ހަމަ އެއް މަސައްކަތެއްގައި އުޅެގެން މިހާ ބޮޑު ފަރަގެއް އައިމަ އަސްލު މިވީ ކިހިނެއްތޯ ސުވާލު އުފެދެނީ. ބައެއް ކުދިން އެޗްއާރަށް ގޮސް މައްސަލަ ޖެއްސި ކަމަށް ވެސް މައުލޫމާތު ލިބޭ،" އެކަމަކު މިހާތަނަށް ޝަކުވާ ކުރި މުވައްޒަފުންނަށް ވެސް ޖަވާބެއް ނުލިބޭކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިއީ ހަމައެކަނި އައިޖީއެމްއެޗުގެ ނަރުހުންނަށް ދިމާވި މައްސަލައެއް ނޫނެވެ. ކޮވިޑް އިމަޖަންސީ ސެންޓަރުގައި މަސައްކަތްކުރި ބައެއް ވޮލެންޓިއަރުންނަށް އެލަވަންސް ލިބުނުއިރު ހުރީ އެ މީހުންނަށް ލިބެންޖެހޭ އަދަދެއް ނޫނެވެ.
މީގެ ތެރޭގައި 22،000ރ. ލިބެން ޖެހޭ ބައެއް ވޮލެންޓިއަރުންނަށް 2،200ރ. ޖަމާވި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ވޮލެންޓިއަރުންގެ ކަންބޮޑުވުމަކީ އެޗްއީއޯސީގައި މަސައްކަތްކުރާއިރު ކޮންމެ ދުވަހަކު ވެސް ގޫގުލް ފޯމު ފުރައިގެން މައުލޫމާތުތައް އެއްކުރުމަށް ފަހު، އެ މީހުންނާ ހަވާލުވެ ހުންނަ ސުޕަވައިޒަރު އެޕްރޫވްކޮށް، އެޗްއާރަށް ފޮނުވުމުން ވެސް އެތައް މަހެއްގެ ޕެންޑިންއެއް ނުލިބު ހުރުމެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. އޭގެ ތެރޭގައި ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ދެމުންނެވެ.
މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250ރ. ދެމުން އަންނައިރު ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200ރ. ދޭނެ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އޮންނަ އުސޫލުގެ ދަށުން ބައެއް މީހުންނަށް ފެށުނީއްސުރެ އެލަވަންސް ލިބުނު ނަމަވެސް އޭގެ ތެރޭގައި އެލަވަންސް ނުލިބޭ އެތައް ބަޔަކު އެބަ އުޅެ އެވެ. އެލަވަންސް ނުލިބި ދިގުލައިގެންދާތީ ބައެއް ވޮލެންޓިއަރުން ވަނީ ހެލްތު މިނިސްޓްރީ ދޮށުގައި ހިމެން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.