30 ޑިސެމްބަރ 2021 - 11:08

ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެންމެ ދަށް އުޖޫރައިގެ ގޮތުގައި 7،000ރ. ކަނޑައަޅައި އެ އުޖޫރަ އެލަވަންސެއްގެ ގޮތުގައި ދޭން ނިންމުމަކީ އޮޅުވާލުން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިނިމަމްވޭޖުގެ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭނީ އެލަވަންސެއްކަން އިއުލާންކުރީ ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ވަގުތީ ގޮތުން ހަމަޖެއްސި ކަމެއް ކަމަށް ވެސް ޕޭ ކޮމިޝަނުން ބުންޏެވެ.
ސަރުކާރު އޮފީހެއްގެ ޑެޕިއުޓީ ޑިރެކްޓަރަކު "މިހާރު" އަށް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިނިމަމް ވޭޖް ދޭން ފެށިގެން ގޮތް ރަނގަޅެއް ނޫން ކަމަށެވެ. އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނާއި އޭނާގެ މުސާރާގައި މިހާރު މާ ބޮޑު ފަރަގެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާގެ ހިތްހަމަނުޖެހުމަކީ، އެ މުވައްޒަފުންނަށް ވުރެ އޭނާގެ ޒިންމާ ބޮޑުއިރު އެއީ ހަމައެކަނި އެލަވަންސަކުން ނިންމާލުން ރަނގަޅު ގޮތަކަށް ނުވުމެވެ.
"މިހެން ހަމައެކަނި ދަށް މުވައްޒަފުންނަށް އެލަވަންސެއް ދިނީމާ، އެ މީހުންގެ މުސާރަ އާއި އަޅުގަނޑުމެންގެ މުސާރައިގެ މާ ބޮޑު ތަފާތެއް ނީންނާނެ. އުންމީދުކުރީ މުޅި ހައިރާކީގެ އެކި ރޭންކްތަކުގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް. މިހެން ހެދުމުން އަޅުގަނޑުމެންގެ މޯޓިވޭޝަނަށް އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ އެހެން މުވައްޒަފަކު ބުނީ އެންމެ ދަށް މުސާރަ ލިބޭ މީހުންގެ ވެސް މުސާރަ އިތުރުވާން ޖެހޭކަން ގަބޫލުކުރާ ކަމަށާއި އެއާ އެކު މަތީ ފަންތީގެ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
"މިހާރު ޒިންމާތަކާއި އަދާކުރަން ޖެހޭ މަސައްކަތްތައް ވެސް ތަފާތު. އެކަމަކު އެންމެ އާދައިގެ މުވައްޒަފުންނާއި އަޅުގަނޑުމެންގެ މުސާރަ މިއުޅެނީ އެއްވަރެއްގައި،" ސިވިލް ސާވިސްގެ އެމްއެސް ލެވެލްގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.
ޕޭ ކޮމިޝަނުން އިއްޔެ ވަނީ މުވައްޒަފުންގެ މުސާރަ ހަމަހަމަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ވެސް ގިނަ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެކަން ހާމަކޮށްފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.
މިނިމަމް ވޭޖުން މުސާރައަށް ބަދަލު އަންނަ މުވައްޒަފަކު ބުނީ، އެލަވަންސެއް ދިނުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އޭނާ ބުނީ ބޭސިކް މުސާރައަށް ބަދަލު އައިސް ލިބޭ އިތުރު ގަޑީގެ ފައިސާއަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރި ކަމަށެވެ.
"މިހާރު މި ހެދި ގޮތުން ވަރަށް ކުޑަ ކުޑަ އެއްޗެއް މި އިތުރުވަނީ. އުންމީދު ކުރިން ބޭސިކް މުސާރައަށް ބަދަލު އައިސް އޯޓީ ވެސް ބޮޑުވަން. މިހާރު މި ހެދި ގޮތުން މުސާރަައަށް މާބޮޑު ބަދަލެއް ވެސް ނުފެންނާނެ،" އޭނާ ބުންޏެވެ.
އޭނާ އެ ފާހަގަކުރަނީ ޕެންޝަނަށް ކަނޑާ އަދަދާއި އޯވަޓައިމް ފައިސާ ދިނުމުގައި ވެސް ހިސާބު ހަދާނީ އަސާސީ މުސާރައަށް ބިނާކޮށްގެން ކަމަށް ވާތީ އެލަވަންސަކުން އެ ކަންކަމަށް ބަދަލު ނާންނާނެކަމެވެ.
މިނިމަމް ވޭޖް ދޭން ފެށުމަކީ މުސާރަ ދޭ މީހުން އުފުލަންޖެހޭނެ ބޮޑު ބުރަޔަކަށް ވާތީ ސަރުކާރުން ވެސް މި ވަގުތަށް އެލަވަންސަކުން އެކަން ހަމަޖައްސަން ނިންމި ސަބަބުތައް އެބަހުއްޓެވެ. އެއީ އަސާސީ މުސާރަ ބޮޑުކޮށްފި ނަމަ ޕެންޝަނަށް ކަނޑާ ހަތް ޕަސެންޓާ އެކު މުސާރައިގެ އިތުރުވުމާއި ޕެންޝަން ފައިސާ އަދި ބޮޑު މުސާރައާ އެކު އިތުރުވާ އޯވަޓައިމް ފައިސާ ފަދަ ހަރަދުތަކާ އެކު ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ އެވެ.
އެހެންވެ އެލަވަންސަކުން މުސާރަ އެޖަސްޓްކޮށްލުމަކީ މި ވަގުތަށް އެންމެ ހަރަދު ކުޑަ ގޮތަށް ވާނެ އެވެ.
މިނިމަމް ވޭޖް އެލަވަންސް ލިބޭނީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން 11،800 މުވައްޒަފަކަށެވެ. އޭގެ ތެރެއިން 50 ޕަސެންޓަށް 1،500ރ. ގެ އިތުރުވުމެއް ލިބެ އެވެ. މުސާރައަށް ބަދަލު އައިސްފައިވަނީ ހަމައެކަނި އެސްއެސްސީ އާއި ޖީއެސްސީ މުވައްޒަފުންނަށް އެކަންޏެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އަންނަނީ ސިވިލް ސާވަންޓުންނަށް މިނިމަމް ވޭޖް ދޭން ނިންމި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަން ކޮށްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް އެކަކު ބުނެފައިވެ އެވެ. އަދި މިއީ ސަރުކާރުން ކަން ކުރި ގޮތް ކަމަށް ވާއިރު އަމިއްލަ ކުންފުނިތަކުން ކަން ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދާފައިވެ އެވެ.
"މިއީ ސަރުކާރަށް ވީ ވަރު. ދެން އަމިއްލަ ފަރާތްތަކުން ދައްކާނީ ކޮން ނަމޫނާއެއް،" އޭނާ ބުނެފައިވެ އެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ވަނީ މިނިމަމް ވޭޖަށް އެލަވަންސެއް ދޭން ނިންމުމުން އެކަން ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ. އެ ޖަމިއްޔާ އިން ގޮވާލީ މަސައްކަތްތެރިންނަށް ވައުދުވެފައިވާ ގޮތަށް އެންމެ ކުޑަ އުޖޫރަ ހަމަޖައްސައިދިނުމަށެވެ.
އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މުވައްޒަފުންނަށް މުސާރަ ދޭންޖެހޭނީ މިނިމަމް ވޭޖްގެ މިންގަނޑަށް ފެތޭ ގޮތަށެވެ. މިގޮތަށް އެންމެ ކުޑަ އުޖޫރައިން މުސާރައަށް ބަދަލު އަންނަ މުވައްޒަފުންނަށް އަންނަ މަހުގެ 15 ގެ ކުރިން އަންގާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.