29 ޑިސެމްބަރ 2021 - 15:43

މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމުގެ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ބަދަލެއް ނުގެނެސް، މިނިމަމް ވޭޖް ހަމަޖައްސަން ފިކްސްޑް އެލަވަންސެން ދޭން ނިންމައިފި އެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ، މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.

މީގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް 1،500ރ. ގެ އިތުރުވުމެއް ލިބޭނެ އެވެ. އަދި 1،000ރ. ގެ އިތުރުވުމެއް 35 ޕަސެންޓް މުވައްޒަފުންނަށް، 500ރ. ގެ އިތުރުވުމެއް 11 ޕަސެންޓް އަދި 500ރ. އަށް ވުރެ ދަށް އަދަދެއް 4 ޕަސެންޓް މުވައްޒަފުންގެ މުސާރައިން ފެންނާނެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިނިމަމް ވޭޖް އެލަންވަސްގެ ގޮތުގައި އިތުރުވާނީ އެ މީހެއްގެ އަސާސީ މުސާރައަށް ފިކްސްޑް އެލަވަންސްތަކާ އެކު 7،000ރ. ހަމަނުވާ މީހުންނަށެވެ. މިނިމަމް ވޭޖް އެލަވަންސް ލިބެނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
މި ދެ ރޭންކްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރެއިން 7،000ރ. އަށް ވުރެ އިތުރަށް ލިބޭ ފަރާތްތަކަށް މުސާރައިގެ އިތުރުވުމެއް ނުލިބޭނެ އެވެ.
"އެންމެ ކުޑަ އުޖޫރަ ދިނުމާ ގުޅޭ ގަރާރުގައި ވާ ގޮތުން އަސާސީ މުސާރަ އާއި ޕިކްސްޑް އެލަވަންސް އާ އެއްކޮށް މިނިމަމް ވޭޖެއް މިއިންނައީ. މިވެސް ހަމަ ފިކްސްޑް އެލަވަންސެއް. އެގޮތުން ބަލާއިރު މިނިމަމް ވޭޖް ލިބޭނެ،" ފައިޒަލް ވިދާޅުވި އެވެ.
އަސާސީ މުސާރައަށް ބަދަލު ނުގެންނަން މުވައްޒަފުންގެ އިތުރު ގަޑީގެ އެލަވަންސަށް އަދި ޕެންޝަނަށް ވެސް އިތުރު ބަދަލެއް މިނިމަމް ވޭޖާ އެކު ނާންނާނެ އެވެ. މިނިމަމް ވޭޖް އެލަވަންސްއެއް ދޭން ނިންމުމުން އެކި މުވައްޒަފުންނަށް ލިބޭނީ މި އެލަވަންސް އެކި ވަރަށެވެ.
މިނިމަމް ވޭޖް އެލަވަންސް ލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ 15 ގެ ކުރިން މުސާރައަށް އަންނާނެ ބަދަލުތައް އަންގާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި އެވެ.
"މި އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތް މާދަމައިން ފެށިގެން މަސައްކަތް ކުރާނަން. އެ މުވައްޒަފަކަށް ލިބޭ ވަރު އެއޮފީހަކުން އަންގާނެ،" އޭނާ ވިދާޅުވި އެވެ.
- ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.
- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.
- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.
- ސިވިލް ސާވިސް، މަހަކު 7000ރ.
މިނިމަމް ވޭޖާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ދައުލަތުގެ ބަޖެޓަށް އަންނަ އަހަރު އިތުރު 500 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ގެނައުމަށް 2023 ވަނަ އަހަރު 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ވަނީ ޕްލޭންކޮށްފަ އެވެ.