29 ޑިސެމްބަރ 2021 - 14:10

ސޫދާނުގެ ހުޅަނގުގައި އޮންނަ ކުރްދުފާން ޕްރޮވިންސްގައި ރަން ނެގުމަށްޓަކައި ކޮންނަމުން ދިޔަ ވަޅެއް ހަލާކުވެ، ވަޅުގެ ތެރެއަށް ވެއްޔާއި ހިލަތައް އެޅުމުގެ ސަބަބުން، މަދުވެގެން 38 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ސޫދާން ސަރުކާރުން ބުނި ގޮތުގައި މިދިޔަ ހަފުތާ ބަންދުގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެ އެވެ. ވަޅުގެ ތެރެއަށް ފައިބައިގެން ދިޔަ ވެލިތަކާއި ހިލަތަކުގެ ތެރޭގައި ވަޅުލެވިފައިވަނީ ކިތައް މީހުންކަން ވެސް ސާފުނުވާ ކަމަށާއި، ވަޅުގެ ތެރައަށް އެޅިފައިވާ ވެލިތައް ނަގައިގެން، އިތުރު މީހުން ފެނޭތޯ ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެ އެވެ.
ސޫދާންގެ މިނެރަލް ރިސޯސަސް ކޮމްޕެނީން ބުނި ގޮތުގައި މިހާދިސާ ހިނގާފައިވަނީ، ފޫޖާ އަވަށުގައި ހުންނަ މިހާރު ބޭނުންނުކޮށް ބަންދުކޮށްފައި ހުރި ރަން ވަޅެއްގަ އެވެ. މިހާދިސާ ހިނގީ ވަޅު ބަންދުކުރުމުގެ ގޮތުން ވިއްދާފައި ހުރި ކައްތިރިތައް ބިންދައިގެން ދިއުމުގެ ސަބަބުން ކަމަށް، ސޫދާންގެ ނޫސްތަކުން ބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ވެއްޓުނު ރަންވަޅުގައި އެ ހާދިސާ ހިނގީ، އެ ވަޅުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން އެ ސަރަހައްދު ދޫކޮށް ދިއުމުން، އެ ސަރަހައްދުގައި ދިރިއުޅޭ ރަން ނެގުމުގެ މަސައްކަތް ކުރާ ބަޔަކު، އެ ވަޅުން ރަން ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. އެ ހާދިސާ ހިނގީ ބޭނުންނުކޮށް ބަންދުކޮށްފައި ހުންނަ ރަން ވަޅެއްގައި ކަމަށް އެ ކުންފުނިން ބުންޏަސް، އެ ރަން ވަޅު ބަންދުކޮށްފައި ހުންނަނީ ކޮން ދުވަސްވަރަކުން ފެށިގެން ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
ސޫދާނުގައި ބިން ކޮނެގެން ރަން ނެގުމުގެ މަސައްކަތް ކުރަނީ، ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި ކަމަށްވާތީ، ރަންވަޅުތައް ހަލާކުވުމުގެ ހާދިސާތައް ސޫދާނުގައި ވަރަށް ގިނައިން ހިނގަ އެވެ. އެފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދުވެސް އެންމެ ގިނަ އެއް ގައުމަށް ސޫދާން ވާނެ އެވެ.