29 ޑިސެމްބަރ 2021 - 14:42

މިމަހު ފިލިޕިންސަށް އެރި ބާރުގަދަ ތޫފާން، "ރައި" ގެ ސަބަބުން ހާލުގައި ޖެހުނު ކޮންމެ ދިވެހި ދަރިވަރަކަށް 200 ޑޮލަރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހަދިޔާކޮށްފި އެވެ.
މީގެ ދެ ހަފްތާއެއް ކުރިން ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން، އެ ގައުމުގެ ސޭބޫ ސިޓީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދިވެހި ބައެއް ދަރިވަރުން ދިރިއުޅެމުން ދިޔަ ޑޯމިޓަރީ އަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި އަސާސީ ހިދުމަތްތަކަށް ބުރޫއަރައި، އެ ދަރިވަރުން ވަނީ ހާލުގައި ޖެހިފަ އެވެ.
ސަރުކާރުން ވަނީ އެ ދަރިވަރުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމަށް އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށް އެއް މަސް ދުވަހަށް ފައިސާގެ އެހީތެރިކަން ދޭން ނިންމައިފަ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އައިއޭސީން އެހީވެ އެވެ.
އައިއޭސީން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ފިލިޕިންސްގައި ހާލުގައި ޖެހުނު 33 ދިވެހި ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
"ހަބަރުތަކާއި އެހެނިހެން ވަސީލަތްތަކުން ފިލިޕީންސްގައި ކިޔަވަމުންދާ ޕައިލެޓުންގެ ހާލަތު ރަނގަޅު ކަމަށް އަޑުއިވުނު ކަމުގައި ވިޔަސް އަމިއްލައަށް އެ ކުދިންގެ ހާލަތު ކަށަވަރުކުރުމުގެ މަސައްކަތް ދިޔައީ ކުރަމުން،" އައިއޭސީގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެ އެވެ.
އައިއޭސީން ބުނީ މި މަހުގެ 19 ވަނަ ދުވަހު އެ ތަނުގައި ތިބި ދަރިވަރުންނަށް ގުޅުމުން އެ ތަނުގެ ސީލިންގުތައް ވެއްޓި ފެނާއި ކަރަންޓް ނެތްކަމާއި ކާނާ ލިބެނީ ލުއި ކާނާ އާއި ދަޅު ކާނާ އެކަނިކަން އެނގުނު ކަމަށެވެ. އެ ކުދިންގެ ހާލަތު އެހާ ގޯސް ނަމަވެސް މިހާތަނަށް މި ދަރިވަރުންނަށް އެއްވެސް އެހީތެރިކަމެއް ފޯރާފައިނުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
"ދަރިވަރުންނާ ގުޅެނީ ކޮންމެ ދުވަހަކުވެސް މެންދުރު ގަޑީގައި، ވަކި ތަނަކަށް ކަނެކްޝަން ހޯދުމަށް ދިއުމުންނެވެ. މިހިން ކަމުން މުއާމަލާތް ކުރެވެމުން ދިޔައީ ވަރަށް ލަސްލަހުން އަދި ދަތި ގޮތަކަށެވެ،"
އައިއޭސީން ބުނީ ފިލިޕިންސްގައި ތިބި ޕާޓްނަރުން މެދުވެރިކޮށް ދަރިވަރުންގެ އެހީއާ ގުޅޭ މަޝްވަރާތައް ކުރުމުން އެ ކުދިން ތިބި ތަނުން ވަގުތުން ބަދަލުވާން ބޭނުންވެފައިވާކަން އެނގުނު ކަމަށާއި އެހެންވެ ފައިސާގެ އެހީވާން ނިންމީ ކަމަށެވެ.
"ކުއްޔާއި، ކާބޯތަކެއްޗާއި އަދި އެހެނިހެން ޒަރޫރީ ސާމާނު ހޯދުމަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކޮންމެ ދަރިވަރަކަށް 200 ޔޫއެސް ޑޮލަރު ދިނުމަށް ނިންމީ،"
ފިލިޕިންސަށް މި އަހަރު އެރި އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "ރައި" ގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއިރު ފަސް ލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.