އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސް
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސް

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެމަސް ވެއްޖެ ކަމަށް، "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ މުސާރަ އަދި ދީފައެއް ނުވެ އެވެ. މާދަމާ އަކީ މި އަހަރަށް ބޭންކްތައް އޮޑިޓް ކުރާ ދުވަހަށް ވާތީ ބޭންކްތައް ބަންދުވާނެ އެވެ. މާދަމާ ބޭންކުގެ އެއްވެސް މުއާމަލާތެއް ނުހިންގާނެ އެވެ. އެފްއޭއެމުން މީގެ ކުރިން މަސް ނިމުމުގެ ކުރިން އެ މަހެއްގެ މުސާރަ ދެމުން އައެވެ.

މުސާރަ ނުދީ އޮތީ ކީއްވެތޯ އެހުމުން އެކަމާ ބެހޭ ގޮތުން އެފްއޭއެމް އިން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ.

ހަތްދިހަ އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެފްއޭއެމްގެ ހަ މުވައްޒަފަކު ދާދި ފަހުން ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ. އެފްއޭއެމުން ބުނެފައި ވަނީ އެއީ އޮނިގަނޑަށް ގެންނަ ބަދަލަކުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ މަގާމުތަކަށް ގާބިލު މުވައްޒަފުން ހޯދަން ކުރިއަށް އޮތްތާނގައި އިއުލާން ކުރާނެ ކަމަށް ވެސް އެފްއޭއެމުން ކުރިން ބުނެފައި ވެ އެވެ.

މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން، އެފްއޭމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓްވެފައިވާ ކަމަށެވެ.

"ދިވެހި ފުޓްބޯޅަ ހަލާކުވެ، ފުޓުބޯޅަ އެސޯސިއޭޝަން ބަނގުރޫޓުވެ، އެތަނުގެ އެތަކެއް މުވައްޒަފުންނަށް މުސާރަ ނުދީ ނޯޓިސް ދޭން ފަށައިފި. ކުޅިވަރުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ދިމާ އިދިކޮޅަށް އެސޯސިއޭޝަން ހިންގަމުންދާއިރު އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟" އާޒިމް ކުރެއްވި ޓްވީޓްގައި ވެ އެވެ.

އެކަމަކު އާޒިމްގެ އެ ތުހުމަތުތައް އެފްއޭއެމުން ދޮގު ކުރެ އެވެ.