ކުރިއަށް ދެވެން ނެތުމުން އަނާރާ އަދާލަތުން ވަކިވެއްޖެ
ކުރިއަށް ދެވެން ނެތުމުން އަނާރާ އަދާލަތުން ވަކިވެއްޖެ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވަކިވެއްޖެ އެވެ.

އަނާރާ މިއަދު ވަނީ އަދާލަތު ޕާޓީން އޭނާ ވަކި ކޮށްދެއްވުމަށް އެދި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަނާރާ "މިހާރު" އަށް ވިދާޅުވީ އޭނާ އަދާލަތުން ވަކިވާން ނިންމީ އެ ޕާޓީއާ އެކު އިތުރަށް ކުރިޔަށް ދެވޭނެ މަގެއް ނުފެންނާތީ ކަމަށާއި އެ ޕާޓީން ވަކިވި ނަމަވެސް ސިޔާސީ މަސްރަހާ ދުރަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މިދިޔަ ދެ އަހަރު ކިޔެވުމުގައި އުޅުމުން ޕާޓީގެ ހަރަކާތްތަކާ ވެސް ވަރަށް ދުރުގައި މި އުޅެވުނީ. އަޅުގަނޑު ކިޔެވީ ޕީއެޗްޑީ ހެދީ ސިޔާސީ ދާއިރާއިން ކަމަށްވާތީ އެ ދާއިރާ އިން ދުރަށް ނުދެވޭނެ،" އަނާރާ ވިދާޅުވި އެވެ.

އަނާރާގެ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ އަދާލަތު ޕާޓީންނެވެ. އަދި އެ ޕާޓީގެ މެންބަރެއް ގޮތުގައި 13 ވަރަކަށް އަހަރު ހޭދަކުރެއްވި އިރު އިލްމުވެރިންގެ މަޖިލީހާއި މަޝްވަރާ މަޖިލީހުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.