29 ޑިސެމްބަރ 2021 - 08:05

އާދިއްތަ ދުވަހާގުޅޭ
ހީވަނީ މާބޮނޑިން ނުކުތް އެއްޗެހިތަކެއް އަޒްރާ ގައިގެ އެތަންމިތަނަށް އެރިހެންނެވެ. އަޒްރާ ހަޅޭއްލަވަން ފެށިއެވެ. އެއަޑަށް ޖަލީލު އައެވެ. ޖަލީލަކީ އަޒްރާގެ ބޭބެއެކެވެ. ނައުޝާދު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.
"ކިހިނެއްވީ؟" ޖަލީލު ސުވާލުކުރިއެވެ.
"އެއްގޮތަކަށް ވެސް ނޭނގެ،" ނައުޝާދު ކަންބޮޑުވެފައި ބުންޏެވެ. "އަހަރެން މާބޮނޑި ދިންތަނާ.."
ނައުޝާދުގެ ޖަވާބުގެ އެއްބައި އަޑުއަހައިފައި ޖަލީލު އައިސް އަޒްރާގެ ދެކޮނޑުގައި ހިފައިގައި ތަޅުވައިގަތެވެ.
"އަޒްރާ!" ތަންކޮޅެއް ބާރަށް ޖަލީލު ބުންޏެވެ.
އަޒްރާ ހަމައަކަށްއެޅުނީ އެ ހިސާބުންނެވެ. ވަގުތުން ރޯން ފެށިއެވެ. އެ ވަގުތު ޖަލީލަށް ފޯނެއް އައުމާ އެކު، ނައުޝާދަށް އިޝާރާތްކޮށްފައި ޖަލީލު ފޯނުން ވާހަކަދައްކަމުން އެ ތަނުން ނުކުތެވެ. ޖިންނިމޮޔަވުމަކީ، ޖަލީލު ވެސް ކުރިން ގަބޫލުކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް އަޒްރާގެ ބައްޔަށް ފަރުވާއެއް ނުލިބި، ވާނުވާ ނޭނގި ދުވަސް ދިގުލަމުންދާތީ އެކި މީސްމީހުންނާ ޖަލީލު ވެސް ވާހަކަދެއްކިއެވެ. އެ ފޯނުކޯލަކީ ވެސް އެ ކަމާ ގުޅޭ ކޯލެކެވެ. ރުގުޔާކުރުމަށް ރާއްޖޭގައި ހުރި އެންމެ މޮޅުކަމަށް ބުނާ މީހާޔާ ރައްޓެހި، އެކުވެރިޔަކާ ދިމާވީއެވެ.
"ކޮބާ އޯކޭވެއްޖެ؟" ޖަލީލު އެހިއެވެ.
"އާނ އޭނަ އޯކޭވެއްޖެ! އެކަމަކު މި ވަގުތު ލާމުގަ އޭނަ ހުރީ،" އެކުވެރިޔާ ބުންޏެވެ. "އެކޮޅުގަ މާ ބޮޑު ކަމެއް ދިމާވެގެން އިއްޔެޔޯ ފުރީ. އަދި ނަގާނެޔޯ ދުވަސްކޮޅެއް."
ހެދޭނެ ގޮތަކާ މެދު ޖަލީލު ވާހަކަދައްކަމުންދިޔަ އިރު، އަޒްރާގެ ރުހުން ހޯދޭތޯ ނައުޝާދު ވެސް މަސައްކަތްކުރަމުން ގެންދިޔައެެވެ.
"ކުރަފިތަކެކޭ؟" ނައުޝާދު ހައިރާންވެފައި ބުންޏެވެ. "އެކަމަކު އަހަންނަކަށް ތި ކުރަފިތަކެއް ނުފެނޭ. ހެދި އެއްވެސް ޓެސްޓަކުން ނުދައްކާ ބައްޔެއް. ބޭހުން ރަނގަޅުނުވާ ބައްޔެއް. އެހެން މީހުންނަށް ނުފެންނަ އެއްޗެހި ފެންނަ ބައްޔެއް. އަޅެ އަޒްރާއަށް ރުގުޔާ ގަބޫލުނުކުރެވުނަސް، އެ ކަން ކުރުން ނޫން އެހެން ގޮތެއް ދެނެއް ނެތެއްނު!"
"އެއީ ފޭކު އެއްޗެއް!" ޗޮކެއްކަނޑައިފައި އަޒްރާ ބުންޏެވެ.
"ތިހެންވިއްޔާ ޑޮކްޓަރުން ވެސް ފޭކު. ބޭސް ވެސް ފޭކު. ވާ ގޮތެއް ނޭނގުނުވިއްޔަ،" ހިތްހަމަނުޖެހިފައި ނައުޝާދު ބުންޏެވެ. "އޯކޭ ދެން އަޒްރާ ތި ކަމާ އުޅޭ! އަހަންނަކަށް އަބަދަކު މިހެނެއް ނޫޅެވޭނެ. ދަނީ."
ނައުޝާދު އެހެން ބުނެފައި ހިނގައިގަތީ އެ ތަނުން ނުކުންނާކަށް ނޫނެވެ. ހިތާދެކޮޅަށް ނަމަވެސް އަޒްރާ އެއްބަސްކުރުވޭތޯއެވެ. އެ ކަން ކާމިޔާބުވިއެވެ. އަޒްރާ އެއްބަސްވިއެވެ. ހަމަ އެކަނި ނައުޝާދަށް ޓަކައެވެ. އެހެނަސް ޝަރުތުތަކަކާ އެކުގައެވެ. އަޒްރާ ތަވީދެއް ނާޅާނެއެވެ. ގޭގައި އެއްވެސް އެއްޗެއް ނުހިއްޕާނެއެވެ. ނައުޝާދު އެއްބަސްވިއެވެ. ރުގުޔާކުރުމަށް ޓަކައި އެއިން އެއްވެސް ކަމެއް ކުރަން ނުޖެހޭކަން އެނގޭތީއެވެ.
އަޒްރާޔާއި މަތީން ބައްދަލުކުރަން ދުވަހަކާއި ވަގުތެއް ހަމަޖެއްސިއެވެ. އެ ގޮތަށް ހަމަޖައްސާ ކޮންމެ ބައްދަލުވުމެއް ނާކާމިޔާބު ކޮށްލުމަކީ ޖިންނިސައިތާނުން، ދުރާލައި ރާވައިގެން ކުރާ ކަމެކެވެ. ބައްދަލުވުމުގައި ބައިވެރިވާ ކޮންމެވެސް އެކަކަށް މަގު ބަންދުކޮށްލާނެއެވެ. ކަމެއް ކުރިމަތިކުރުވާނެއެވެ. މަތީން އެ ކަން ހަނދާންކޮށްދިނެވެ. އެންމެ ފަހު ވަގުތުގައި ތާށިވީ ވެސް މަތީނެވެ. ހަމަޖައްސައިފައިވާ ތަނަށް ދާން މަތީން ގެއިން ނުކުންނަނިކޮށް ދަރިފުޅުގެ ނިތްކުރި މޭޒު ކަނުގައި ޖެހުނީއެވެ. ޖެހުނީ ޖެހުނުކަމަކަށް ނޫނެވެ. ނިތްކުރިން ބޮޑު ގޮންބެއް ނެގިއެވެ. ފަސް އަހަރުގެ ދަރިފުޅު ރޯން ފެށި ގޮތަށް ހުއްޓައެއް ނުލިއެވެ. އެންމެ ފަހުން ނައުޝާދަށް ގުޅައިފައި ރުގުޔާކުރުން ކެންސަލުކުރީއެވެ. ކެންސަލުކުރިތާ ދިހަ މިނެޓު ވެސް ނުވަނީސް ދަރިފުޅު ރުއިން ހުއްޓައިލިއެވެ.
ގަޑިން ރޭގަނޑު އެގާރަޖެހުމާ ކައިރިވަމުންއައި އިރު އަޒްރާ އެކަނިމާއެކަނި އެނދުގައި އޮށޯވެލައިގެން އޮތެވެ. އޭރު ވެސް އެއްވާނަކަށް ބޮލުގައިރިހެމުންދިޔައެވެ. އަމިއްލައަށް ދެއަތުން ބޯމޮޑުމަށް ފަހު އަތް ވަރުބަލިވުމުން، ގައިގެ ދެ ފަރާތުން އެނދުމަތީގައި އަޒްރާ އަތްބާއްވައިލިއެވެ. އަޒްރާ އޮތީ ފަންކާއަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު އެނދުގައި މީހަކު އިށީންހެން ހީވިއެވެ. ގޮދަޑިއަށް އެ ކަހަލަ ލޮޅުމެއްއެރިއެވެ. އެއީ އަލަށް ވާ ކަމެއް ނޫނެވެ. ބަލައިލާ އިރު މީހަކު ނުހުންނާނެކަން އެނގޭތީ އަޒްރާ ނުބަލައެވެ. އޮތް ގޮތަށް އޮތީއެވެ. ދެން ހީވީ އެ މީހަކު އެނދުގެ މަގަތުގައި އޮށޯތްހެނެވެ. އެއީ ކުރިން ނުކުރެވޭ ކަހަލަ ބިރުވެރި އިހުސާސެކެވެ. ނޭނގޭކަމަށް ހެދިފައި އަޒްރާ ބިއްދޮށަށް ފުރޮޅިލިއެވެ. އެ މީހަކު ވެސް ފުރޮލިހެން ހީވިއެވެ. އޭގެ ކުރިން، ދުވަހަކު ވެސް އެހާ "ކަށަވަރު" ހީއެއް އަޒްރާއަކަށް އިހުސާސެއް ނުކުރެވެއެވެ. ދެން ހީވީ އަޒްރާގެ ކޮނޑުގައި ހިފައި މަގަތަށް އަނބުރައިލަން އުޅުނުހެންނެވެ. އެހެން ހީވީ އެންމެ ފަހަރަކުއެވެ. އަޒްރާ ކުއްލިއަކަށް މަގަތަށް އެނބުރުނެވެ. ކައިރީގައި އޮތީ ވަރަށް ކަޅު ހިޔަންޏެއް ކަހަލަ އެއްޗެކެވެ. އެ ވަގުތު ވަރަށް ތޫލި އަޑެއް އަޒްރާގެ ކަންފަތަށް އެރިއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ހިޔަނި ފޭދިގެން ގޮސް ގެއްލުނެވެ. އަޑު ވެސް މަޑުމަޑުން ކެނޑެމުން ގޮސް ކެނޑުނެވެ. އެ ވަގުތު މަންމަ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެފައި އަޒްރާގެ ގައިގައި ފިރުމައިލިއެވެ.
"މާ ބޮޑަށް ބޮލުގަރިއްސަނީތަ؟ ބާމުކޮޅެއް އުނގުޅައިދެން؟" ވަރަށް އޯގާތެރިކަމާ އެކުގައި މަންމަ އެހިއެވެ. "ދަރިފުޅުގެ އަތް ހާދަ ފިންޏޭ. ހީވަނީ ގަނޑުފެންކޮޅެއްހެން. ހީކަރުވަނީތަ؟"
އަޒްރާ އެއްޗެއް ނުބުނެއެވެ. ތެދުވެފައި މަންމަ ގައިގައި ބައްދައިލައިގެން އިނީއެވެ. އަޒްރާގެ ނަޒަރުގައި އަޒްރާއަށް ކުރެވުނީ ވަހުމެކެވެ. އެ ވާހަކަ ބޮޑުކޮށްގެން މަންމަ ގާތުގައި ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
ދެ ދުވަހެއް ފަހުން އަނެއްކާ ވެސް ނައުޝާދު ދުވަހެއް ހަމަޖެއްސިއެވެ. ރުގުޔާކުރަން ރޭވީ ހުޅުމާލޭގައި ހުންނަ ގެއެއްގައެވެ. ހިލޭސާބަހަށް ރުގުޔާކުރާ މަތީނަށް އެ ދަތުރު ތަންކޮޅެއް ދިގުވިއެވެ. ދާކަށް އެއްބަހެއް ނުވެވުނެވެ. އަމުދުން މަތީނަކަށް އެހާ ވަގުތު ވެސް ނެތެވެ. ފަސްކުރާކަށް ނައުޝާދު ބޭނުމެއް ނޫނެވެ. މަތީން ވެސް އަވަސްކުރަން ބޭނުމެވެ. ދެން އޮތް ހަމަ އެކަނި ގޮތަކީ ގަޑި ލަސްކުރުމެވެ. އެ ރޭ، މަތީން އަންނަ ކަމެއް އަޒްރާއަކަށް ނާންގައެވެ. އެއީ މަތީން އެދުނު ގޮތެވެ. މުހިންމު ސަބަބަކަށް ޓަކައެވެ.
ރޭގަނޑު ދިހައެއް ޖަހާ އިރަށް ހަމަޖެހުނު ބައްދަލުވުން އެގާރައަށް ބަދަލުވިއެވެ. އަނެއްކާ އެގާރަގަޑި ބަޔަށް ބަދަލުކުރިއެވެ. އޭރަކީ ފެރީގައި ދަތުރުކުރި ޒަމާނެވެ. ދަންވަރު ދެގަޑި ބައިގެ ފަހުން ދެން ފެރީ އޮންނަނީ ގަޑިއަކު އެއްފަހަރުއެވެ. އެހެން ވިޔަސް މަތީން ނިންމީ އެ ރޭ ދޫކޮށްނުލާށެވެ. ފެރީ ގިމަތައަށް މަތީނަށް ދެވުނު އިރު ދަންވަރު ބާރަޖަހަނީއެވެ. ފެރީގެ ދަތުރަށް ފަށައި، ދަތުރު ދެބައި ނުވަނީސް ނައުޝާދު ގުޅިއެވެ.
"އޭ! އަޒްރާ ދެކޮޅަށް ދުވަން ފަށައިފި،" ވަރަށް ކަންބޮޑުވެފައިވާ އަޑަކުން ނައުޝާދު ބުންޏެވެ. "އަހަރެން ނުވެސް ބުނަން މަތީން އަންނަ ވާހަކައެއް. ބަނޑަށް ތަދުވަނީއޭ ބުނީ. އަހަރެން ބަލަން ހުއްޓާ ބަނޑު ފުއްޕާލައިފި. މިހާރު ހީވަނީ އަށް މަހުގެ ބަނޑެއްހެން. ބަނޑުގަރިއްސާ ވަރުން އޭނަ ހުންނަނީ ނޭވާ ކުރުވެފަ. ހީވަނީ ދެންމެދެންމެ ވިހާފާނެހެން."
"އެކަމަކު ނުއެއް ވިހާނެ. އެ ކަމާ ހާސްނުވޭ!" އެ ފަދަ މަންޒަރު އެތަކެއް ފަހަރަކު ފެނި، ތަޖުރިބާކޮށްފައިވާ މަތީން ބުންޏެވެ. "އޭނަ ކައިރީގަ އަހާބަލަ ކޮފީއަކަށް އެރިދާނެހޭ؟ ތި ކޮޅުގަ ވެސް ތަންތަން ހުޅުވާފަ ހުންނާނެއްނު! އެކަމަކު އަހަންނަކަށް ހިޔެއްނުވޭ އޭނަ އެއްބަސްވާނެހެނެއް. ތި އުޅެނީ އަހަރެން އަންނަކަން އެނގިގެން. ސިއްރުކުރިޔަސް އެވެރިން ހޯދާނެ."
ކަންތައްވީ މަތީން ބުނި ގޮތަށެވެ. ބަނޑުރިއްސާ ވަރުން ގެއިން ނުކުންނާކަށް އަޒްރާ އެއްބަހެއް ނުވިއެވެ. ނައުޝާދު އެ ވާހަކަ ބުންޏެވެ. މަތީން ދުލެއް ނުކުރިއެވެ.
"އުރާލައިގެން ވިޔަސް ގެއިން ނެރެން ޖެހޭނީ،" މަތީން ބުންޏެވެ. "ގެއިން ނުކުތަ ނުދޭންވެގެން ބަނޑު ފުއްޕާ، ބަނޑަށް ތަދުކޮށް އެ ހަދަނީ. ކޮންމެ ގޮތެއް ހަދައިފަ ވެސް އޭނަ ޖެހޭނެ ގެންނަން. އަހަރެން ނުލާހިކު ބިޒީކޮށް އުޅެމުން ވެސް، ހުރިހާ ކަމެއް ހުއްޓާލާ، ކަނޑު ހުރަސްކޮށްފަ މި ދަނީ. މި ރޭ ބޭކާރުވެއްޖެއްޔާ ދެން އަހަންނަކަށް ހިޔެއްނުވޭ މީން ދުވަހަކު ވެސް އަހަންނަކަށް ވަގުތެއް ވާނެހެނެއް."
ގެނެވުނު ގޮތަކަށް ގެންނަން ނައުޝާދު އެއްބަސްވިއެވެ. މަތީން ދާންވީ ތަނާއި، އެ ތަނަށް ދާނެ މަގު ކިޔައިދީފައި ނައުޝާދު ފޯނު ބޭއްވިއެވެ. ލޯބިވެރިޔާ ރަނގަޅުކުރަން ނައުޝާދު ބޭނުމެވެ. މަތީން ހުޅުމާލެއަށް ގޮސް، އެ ބުނާ ކޮފީޝޮޕެއް ހޯދިއެވެ. އެއީ ތަންކޮޅެއް ފަޅު ހިސާބެއްގައި ހުރި ތަނެކެވެ. ވަގުތުގެ ގޮތުން ފަޅުކަން ދެގުނައަށް އިތުރުވެފައިވާ ކަހަލައެވެ. މަތީން އެ ތަނަށް ވަންނަމުން، ވަށައިގެން ނަޒަރުހިންގައިލިއެވެ. ރޫހާނީ ހަތިޔާރުތައް ވަށައިގެން އަތުރައިލިއެވެ. ޖިންނިސައިތާނުންގެ ނުފޫޒު ފޯރުވޭ ގޮތަށް ހުރި ދޮރުތަކުގައި ޒިކުރުގެ ތޭރިޖަހައި ބަންދުކޮށްލިއެވެ. އެ ތަނުން އެންމެ ރަނގަޅުހެން ހީވާ ދިމާގައި ހުރި ގޮނޑީގައި ހަމަޖެހިލައި، ކޮފީއަކަށް އޯޑަރުދިނެވެ.
ވިހި މިނެޓު ވެއަތުވިއެވެ. ނައުޝާދުގެ ޚަބަރެއް ނުވިއެވެ. ފޯނުކުރުމުން ފޯނެއް ނުނެގިއެވެ. މަތީން އުންމީދުކަނޑައެއް ނުލައެވެ. އިންތިޒާރުކުރިއެވެ. ތިރީސް މިނެޓު ފަހުން ނައުޝާދު އަންނަ ތަން ފެނުނެވެ. ފައިމަގުގައެވެ. އޭނަ ކައިރީގައި، މާބަނޑު ޒުވާން އަންހެންކުއްޖަކު ވެސް ހުއްޓެވެ. ނައުޝާދު ބުނީ ތެދެއްކަން މަތީނަށް އެނގުނެވެ. އަޒްރާގެ ބަނޑަށް އަށް މަސް ވެދާނެހެން ހީވެއެވެ. އަޒްރާގެ ހިނގުން ވެސް ހުރީ އެ ކަހަލަ، ދަތި އުނދަގޫ ގޮތަކަށެވެ. ދެ މީހުން އެކުގައި އައިސް އެ ތަނަށް ވަނެވެ.
"އިށީނދޭ!" މަތީން ގޮނޑި ދައްކައިލައިފައި ބުންޏެވެ.
ނައުޝާދާ އެކުގައި "އަޒްރާ" ވެސް އިށީނެވެ. އިށީނުމުގައި ވެސް އަޒްރާއަށް އުނދަގޫތަކެއް ހުރިކަން މަތީނަށް ފާހަގަވިއެވެ. އަޒްރާ އިށީނީ، މާބަނޑު މީހަކު ވެސް އިށީންނާނެ ގޮތަށެވެ. އެ މީހުން ތިބީ ވަށްމޭޒެއްގެ ވަށައިގެންނެވެ. އަޒްރާ އިށީނދެގެން އިން އިރު ވެސް މަތީނަށް އަޒްރާގެ ބަނޑު ކިހާ ބޮޑުކަން ފާހަގަކުރެވުނެވެ. ނައުޝާދު އުޅުނީ ފެންފުޅިއެއް ގެންނާށެވެ. އިށީނދެގެން އިނުމަށް ނައުޝާދު ގާތުގައި ބުނެފައި މަތީން އިޝާރާތްކޮށްލީ ވެއިޓަރަށެވެ.
"ގެނޭ ފެންފުޅިއެއް!" މަތީން ގޮވައިލިއެވެ.
އެ އަޑު އަޒްރާއަށް އިވުނީ ގުގުރިއެއްޖެހިހެންނެވެ.
ނުނިމޭ