28 ޑިސެމްބަރ 2021 - 11:19

ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއްގައި އުޅުނު ބަންގްލަދޭޝްގެ މީހަކު ޖުންގަކުން ވެއްޓި ދާދިދެންމެ އަކު މަރުވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު ބުނީ، ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލީ ކަމަށެވެ.
"ވިއްސަކަށް ފޫޓު މަތިން ސިމެންތި ފިލައެއްގެ މަތީގައި ބަހައްޓާފައި ހުރި ޖުންގެއްގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ. އެހެންވީމަ އެއީ ތިރީހަށް ފޫޓު މަތި. އެތާނގައި ހުރެފައި ތިރިއަށް ފުންމާލި ވަގުތު ސިމެންތި ފިލާ ފަޅައިގެންގޮސް ބިންމައްޗަށް ޖެހުނީ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
"ތަޅުންގަނޑުގައި ހަމަ ޖެހުމާ އެކު މޫނުގެ ކަށިތައް ބިނދި ސިކުނޑި ވެސް ނުކުމެފައި އޮތީ."
ހާދިސާ ހިނގުމާ އެކު، އޭނާ މާލެ ގެނައުމުގެ މަސައްކަތް ވަގުތުން ފެށި އެވެ. އެކަމަކު އޭނާ ބުނީ، ސިނާއީ އެތައް މަސައްކަތެއް ކުރާ އެ ރަށުގައި އެމްބިއުލާންސެއްހާ ހިސާބު ވެސް ނެތުމާ އެކު، ދޯންޏަކާ ހަމައަށް ވެސް ދާން އެތައް އިރެއް ހޭދަވި ކަމަށެވެ. މިކަހަލަ ހާދިސާތަކަށް އަވަސް ފަރުވާއެއް ދެވޭނެ ގޮތެއް ވެސް އެ ރަށަކު ނެތެވެ.
"ތެޔޮ އަޅަން އޮތް ދޯންޏަކަށް ލައިފައި ފޮނުވާލީ. އޭރު އަދި މަރެއް ނުވޭ. އެކަމަކު ގެންދިޔަ މަގުމަތީގައި މަރުވީ."