28 ޑިސެމްބަރ 2021 - 12:44

ސޯމާލިޔާގެ އާންމު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވުނު މައްސަލައިގައި، އެ ގައުމުގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަދާއި ބޮޑުވަޒީރު މުހައްމަދު ހުސައިން ރޮބްލީއާ ދެމެދު އަރައިރުން އުފެދި، ރައީސް މިހާރު ވަނީ ބޮޑުވަޒީރު އޭނާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
ރައީސްގެ މިނިންމެވުމަށް ގޮންޖައްސަވައި ބޮޑުވަޒީރު މުހައްމަދު ހުސައިން، ރައީސަށް ފާޑުވިދާޅުވާން ފެއްޓެވުމާއެކު، ސިޔާސީ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއް މިހާރު ވަނީ އުފެދިފަ އެވެ. އޭގެ ތެރެއިން ބާރު ގަދައީ ކޮން ބޭފުޅެއްތޯ އާއި ގައުމުގެ ސިފައިން ތިބީ ކޮން ބޭފުޅަކާ އެއްކޮޅަށްތޯ ވެސް މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލައިގައި ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު މަގާމުން އެކަހެރި ކުރުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އެހެންކަމުން ބޮޑުވަޒީރު މުހައްމަދު ހުސައިން އަދިވެސް ހުންނެވީ އެ މަގާމުގައި ކަމަށާއި އާދައިގެ މަތިން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރައީސްގެ ގަރާރަކުން ބޮޑުވަޒީރު މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެއްވީ އިއްޔެ އެވެ. އެ ގަރާރުގައިވާ ގޮތުން ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކުން އޭނާ ދުރުކުރަން ޖެހުނީ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. ނަމަވެސް ބޮޑުވަޒީރު ވިދާޅުވާ ގޮތުގައި، މިއީ ސިފައިންނާ ގުޅިގެން ވެރިކަން ފުރޮޅައިލުމަށް ރައީސް ހިންގަވާ ގާނޫނާ ހިލާފު އަމަލެކެވެ.
ބޮޑުވަޒީރުގެ މަގާމުން އޭނާ އެކަހެރި ކުރެއްވުމުގެ ގަރާރެއް ރައީސް މި ނެރުއްވީ، ސޯމާލިޔާގެ އާންމު އިންތިހާބު ބޭއްވުމަށް، ރައީސް މުހައްމަދު އަބްދުﷲ ހުރަސްއަޅުއްވާ ކަމަށް، މިދިޔަ އާދީއްތަ ދުވަހު ބޮޑުވަޒީރު ވިދާޅުވެފައިވަނިކޮށެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންތައް ރާވައި ހިންގުމަށް ބޮޑުވަޒީރަށް ލިބިގެންވާ ގާނޫނީ ބާރު ނައްތައިލުމަށް ރައީސް މަސައްކަތް ކުރައްވަ އެވެ. އެ ގޮތުން އޭނާ ވިދާޅުވީ އިންތިހާބުގެ ކަންތައް ހިންގުމަށް އާ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެ ގައުމުގެ އާންމު އިންތިހާބު ފަސްކުރާ މައްސަލައިގައި ރައީސާއި ބޮޑުވަޒީރާ ދެމެދު އަރައިރުން އުފެދިފައިވާތާ ތިން މަސްދުވަސް ވެއްޖެ އެވެ. މިއަރައިރުން އިތުރަށް ފުޅާވަމުން ދަނިކޮށް، ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް، ބޮޑުވަޒީރު އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކުރެއްވުމާ ގުޅިގެން، މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ރައީސް މުހައްމަދު އަބްދުﷲ ނެރުއްވި ގަރާރުގައި ބޮޑުވަޒީރުގެ އިތުރުން، ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް އަބްދުލް ހަމީދު މުހައްމަދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ސޯމާލިޔާގެ ރައީސް ތުހުމަތުކުރައްވާ ގޮތުގައި، ބޮޑުވަޒީރު ވަނީ އޭނާ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިމެއް މިލްކު ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން، އެކަމަށް ވެސް ނުފޫޒު ފޯރުވާ ކަމަށް، ރައީސް ތުހުމަތު ކުރައްވަ އެވެ.
މިމައްސަލަޔާ ގުޅޭ ގޮތުން ސޯމާލިޔާގެ ގައުމީ ޓީވީން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ސޯމާލިޔާގެ ސަރުކާރުންނާއި، މަގާމުން އެކަހެރިކޮށްފައި ހުންނެވި ބޮޑުވަޒީރުގެ ފަރާތުން އަންގާ އެއްވެސް އެންގުމަކަށް އަދި ކުރާ އެއްވެސް އަމުރަކަށް ކިޔަމަން ނުވުމަށް، އެ ގައުމުގެ ހަތިޔާރު އެޅި ލަޝްކަރުތަކަށް މިހާރު ވަނީ، ރައީސްގެ ފަރާތުން އަންގައިފަ އެވެ.
ރައީސްގެ ގަރާރަކުން ބޮޑުވަޒީރު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމުން ވެސް، ބޮޑުވަޒީރު އިއްޔެ ވަނީ އޮފީހަށް ވަދެވަޑައިގެންފަ އެވެ. އަދި އެކަމަށް ހުރަސްއެޅުމަށް ސިފައިން މަސައްކަތް ކުރުމުން ވެސް، ބޮޑުވަޒީރަށް ވަފާތެރި ބައެއް މީހުންގެ ސަބަބުން، ސިފައިންނަށް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ.
ސޯމާލިޔާގައި ހުންނަ އެމެރިކާގެ އެމްބަސީން އިއްޔެ ކުރި ޓުވީޓެއްގައި ސޯމާލިޔާގެ ވެރިންނަށް ގޮވާލާފައިވަނީ، ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށެވެ. އަދި އެއްވެސް ކަހަލަ ހަރުކަށި އަމަލަކަށް މަގުފަހިވުމުގެ ކުރިން މައްސަލަ ހައްލުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ސޯމާލިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވޯޓުލުމުގެ ކަންތައް، ޑިސެމްބަރު 24ގެ ނިޔަލަށް ނިންމުމަށް ކުރިން އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް ޑިސެމްބަރު މަސް ނިމެންދާއިރު، ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަންޖެހޭ 275 މެމްބަރުންގެ ތެރެއިން މިހާތަނަށް އިންތިހާބު ކުރެވިފައިވަނީ އެންމެ 24 މެމްބަރުންނެވެ.