28 ޑިސެމްބަރ 2021 - 11:19

ދުބާއީ (ޑިސެމްބަރު 28) - ކޮންމެ ދެ އަހަރަކުން އެއްފަހަރު ވޯލްޑް ކަޕް ބާއްވާ ނަމަ މުބާރާތުގެ ހާއްސަކަން ގެއްލޭ ކަމަށް، އެންމެ ފަހުން ފްރާންސްއާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވަޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.
ދުބާއީގައި ރޭ ބޭއްވި ގްލޯބަލް ސޮކާ އެވޯޑްސް ހޯދި އެމްބާޕޭ މި މޭރުމުން ވާހަކަ ދެއްކީ، ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާ ގޮތަށް ފީފާގެ މެޗު ކަލަންޑަރު ބަދަލުކުރަން އެ ޖަމިއްޔާ އިން ލަފާ ދީފައި ވަނިކޮށެވެ. ކޮންމެ ހަތަރު އަހަރަކުން ދެ ބޯލްޑް ކަޕް ބޭއްވިއްޖެ ނަމަ 3.3 ބިލިއަން ޕައުންޑަށް ވުރެ ބޮޑު ފައިދާއެއް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ދާދި ފަހުން ބޭއްވި ފީފާ ގްލޯބަލް ސަމިޓުގައި އެ ޖަމިއްޔާ އިން ވަނީ މެމްބަރު ގައުމުތަކަށް މައުލޫމާތު ދީފަ އެވެ.
"ވޯލްޑް ކަޕަކީ ވޯލްޑް ކަޕް. މުބާރާތް ހާއްސަ ވަނީ ވެސް ކޮންމެ ހަރަތު އަހަރަކުން އެއް ފަހަރު އެ މުބާރާތް ބާއްވާތީ،" އެމްބާޕޭ ބުންޏެވެ.
"އެއީ (ވޯލްޑް ކަޕަކީ) ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތް. ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވާ ނަމަ މުބާރާތަކީ ވަރަށް އާދައިގެ މުބާރާތަކަށް ވެދާނެ. އެއީ އާދައިގެ މުބާރާތެއް ނޫން. މުބާރާތް އަބަދެވެސް ވަރަށް ހާއްސަ ވާނެ."
އެމްބާޕޭ ވަނީ އުމުރުން 19 އަހަރުގައި ފްރާންސްއާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގައި ހަތަރު ގޯލު ޖެހިއިރު، ފައިނަލިގައި ވެސް އެމްބާޕޭ ގޯލު ޖެހި އެވެ. އަދި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުމުގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އެމްބާޕޭ އެވެ.
"އަހަރެމެން އެއް އަހަރު ތެރޭ 60 އަށް ވުރެ ގިނަ މެޗު ކުޅެން. ޔޫރޯ، ވޯލްޑް ކަޕް، މިހާރު ނޭޝަންސް ލީގު. މިހާ ގިނަ މުބާރާތްތައް ކުޅެވޭތީ އުފާކުރަން. އެކަމަކު މާ ގިނަ މެޗު ކުޅެން ވެއްޖެ ނަމަ އެއީ ބޮޑު ބުރައަކަށް ވެދާނެ. ކުޅުންތެރިން ރިކަވާވެ، ހަމަޖެހިލަން ވަގުތު ބޭނުން ވާނެ،" ރޭގެ އެވޯޑް ހަފްލާގައި އަހަރުގެ އެންމެ މޮޅު އެވޯޑް ހާސިލްކުރި އެމްބާޕޭ ބުންޏެވެ.
"ގޭމުގެ ކޮލިޓީ ބޭނުން ނަމަ، އަދި މެޗުތަކުގައި ކުޅުންތެރިންގެ އިހްސާސްތަކާއި، ފުޓްބޯޅައިގެ ރީތިކަން ދެކެން ބޭނުންވާ ނަމަ، އަހަންނަށް ހީވަނީ ކުޅުންތެރިންގެ ސިއްހަތަށް އިހުތިރާމް ކުރަން ޖެހޭނެހެން."
އެމްބާޕޭގެ އިތުރުން ރޭ ދެ އެވޯޑެއް ހޯދި ބެޔާން މިއުނިކުގެ ރޮބާޓް ލެވަންޑޯސްކީ ވެސް ވަނީ ދެ އަހަރުން އެއްފަހަރު ވޯލްޑް ކަޕް ބޭއްވުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަހަރުމެން ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ މެޗުތައް ކުޅެން ޖެހޭ. ވަރަށް އުނދަގޫ ހަފުތާތަކެއް ވެސް އަތުވެދާނެ. ހަމައެކަނި މެޗްތަކެއް ނޫން، ސީޒަނަށް ތައްޔާރުވާން ޖެހޭ. ބޮޑެތި މުބާރާތްތަކަށް ވެސް ތައްޔާރުވާން ޖެހޭ،" ލެވަންޑޯސްކީ، 33، ބުންޏެވެ.
"ހާއްސަ އެއްޗެއް، ތަފާތު އެއްޗެއް ހުށަހަޅަން ބޭނުން ނަމަ އަހަރެމެންނަށް (ކުޅުންތެރިންނަށް) ބްރޭކެއް ވެސް ބޭނުންވޭ. ކޮންމެ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާނަމަ އެންމެ މަތީ ފެންވަރުގައި ކުޅޭ ކުޅުންތެރިންގެ ފެންވަރު ވެސް ދަށަށް ހިނގައިދާނެ. ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ވެސް އެއީ ކުރެވޭނެ ކަމެއް ނޫން."