"ބިގް ބޮސް 13" އިން ވިދި ސަނާގެ ބައްޕަ އަށް މަރުގެ ހަމަލާއެއް
"ބިގް ބޮސް 13" އިން ވިދި ސަނާގެ ބައްޕަ އަށް މަރުގެ ހަމަލާއެއް

ކަލާޒް ޗެނެލްގެ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކޮށްގެން ބޮޑު މަޝްހޫރުކަމެއް ހޯދި ޕަންޖާބީ ލަވަކިޔުންތެރިޔާ/ބަތަލާ ޗެހެނާޒް ގިލް (ސަނާ) ގެ ބައްޕަ ސަންތޯޝް ސިންގް ސުކް މަރާލަން ދިން ހަމަލާއަކުން ސަލާމަތްވެއްޖެ އެވެ.

"ބިގް ބޮސް 13" އިން ލިބުނު ލޯބިވެރިޔާ ސިޔާތު ޝުކްލާ މިދިޔަ ސެޕްޓެމްބަރު މަހު ހާޓްއެޓޭކެއްގައި މަރުވެ ލިބުނު ހިތްދަތިކަމުން ސަނާ އަށް އަރައިނުގަނެވި އުޅެނިކޮށް އޭނާގެ ބައްޕަ މަރާލަން ބަޔަކު ހަމަލާ ދިނީ މިދިޔަ ހޮނިހިރު ދުވަހު އަމްރިތުސާގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ހަމަލާ އަކީ ވެރިކަންކުރާ ޕާޓީ، ބީޖޭޕި އަށް ސަންތޯޝް މީގެ ދުވަސްކޮޅެއް ކުރިން ސޮއިކޮށް ކުރިއަށް އޮތް އެސެމްބްލީ އިލެކްޝަނުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ނިންމުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ވާދަވެރިޔަކު އަޑީގައި ތިބެގެން ދިން ހަމަލާއެކެވެ.

މީޑިއާތަކުން ބުނި ހަމަލާ ދިނީ ހޮނިހިރު ދުވަހު ސަންތޯޝް ސިޔާސީ އެއްވުމެއްގައި ބައިވެރިވުމަށްފަހު ކާރުގައި ބޮޑީގާޑާ އެކު ގެއަށް ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ މީހުން ސަންތޯޝްގެ ކާރަށް ބަޑިއަކުން ހަމަލާ ދިނީ، ބޮޑީގާޑް ކުޑަކަމުދާން ކާރު މަޑުކޮށްފައި އެއްފަރާތަށް ޖެހިލި ދަނޑިވަޅުގަ އެވެ. އަދި އޭނާ އެނބުރި އައި އިރި، ބަޔަކު ހަމަލާދޭން މަސައްކަތްކުރާ ތަން ފެނުމާ އެކު އެ މީހުންނާ ދިމާއަށް ގާ އުކައިގަތުމުން އެ މީހުން ސައިކަލަށް އަރައިގެން ފިލީ އެވެ.

މި ހާދިސާ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާތީ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.