ގްލޯބް ސޮކާ އެވޯޑްސްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެމްބާޕޭ އަށް
ގްލޯބް ސޮކާ އެވޯޑްސްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެމްބާޕޭ އަށް

ދުބާއީ (ޑިސެމްބަރު 28) - ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނާއި ޔޫރަޕިއަން އެސޯސިއޭޝަން އޮފް ޕްލޭޔާސް އޭޖެންޓްސް ގުޅިގެން ބާއްވާ ގްލޯބް ސޮކާ އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އެގައުމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ހޯދައިފި އެވެ.

ގްލޯބް ސޮކާ އެވޯޑްސްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެމްބާޕޭ އަށް
ގްލޯބް ސޮކާ އެވޯޑްސްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެމްބާޕޭ އަށް

ދުބާއީގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި އެމްބާޕޭ އެވޯޑް ހާސިލްކުރީ، މިދިޔަ އަހަރު އެ މަގާމު ހޯދި، ޖަރުމަންގެ ބެޔާން މިއުނިކުގެ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ފަހަތަށް ޖައްސާލައިފަ އެވެ. ލެވަންޑޯސްކީގެ އިތުރުން ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ އާއި ލިވަޕޫލްގެ މުހައްމަދު ސަލާހާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަދި މީގެ ކުރިން މި އެވޯޑް ހަ ފަހަރު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި އެވޯޑަށް މި ފަހަރު ވާދަކުރި އެވެ.

"އަހަރެން ބޭނުންވަނީ އިތުރަށް މޮޅުވާން. ފުޓުބޯޅައިގެ ދުނިޔެއަށް ބަލާ ނަމަ ވަރަށް ބައިވަރު ކުޅުންތެރިން އެބަތިބި، (ކާމިޔާބަށް ވާސިލް ވުމުގައި) ކިރިޔާ ވެސް ނިދިޖެހިއްޖެ ނަމަ ކޮންމެވެސް މީހަކު އެ އެއްޗެއް ތިބާގެ އަތުން އަތުލާނެ،" އެވޯޑް ހަފްލާގައި ވާހަކަ ދައްކަމުން އެމްބާޕޭ، 23، ބުންޏެވެ.

"އަހަރެންނަކީ ކްލަބް ލެވެލްގައި އަދި އިންޓަނޭޝަނަލް ލެވަލްގައި ވެސް ވަރަށް މޮޅު ޓީމަކަށް ކުޅޭ ނަސީބުގަދަ މީހެއް. އެކަމަކު އަހަރެން ފަހަތަށް ނުބަލާނަން. އަހަރެން ނުވިސްނަން އަހަރެން ހޯދާފައިވާ ކާމިޔާބާ މެދު. އަހަރެންގެ އަމާޒަކީ އަބަދުވެސް މޮޅުވުން."

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ނުލިބުނު ކަމުގައި ވިޔަސް ލެވަންޑޯސްކީ އަށް ވަނީ ރޭގެ ހަފްލާގައި ދެ އެވޯޑެއް ލިބިފަ އެވެ. އެއީ 'ޓިކްޓޮކް' ފޭންސް ޕްލޭޔާ އޮފް ދި އިޔާ އެވޯޑާއި، އަހަރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭ މަރަޑޯނާ އެވޯޑެވެ. މިއީ މަރަޑޯނާގެ ހަނދާނުގައި މި އަހަރު އަލަށް ދޭން ފެށި އެވޯޑެކެވެ.

މީގެ އިތުރުން، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މި އަހަރު ހޯދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ޓޮޕް ގޯލް ސްކޯރާ އޮފް އޯލް ޓައިމް އެވޯޑް ދީފަ އެވެ. އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް 800 އަށް ވުރެ ގިނަ ލަނޑު ޖަހައިފަ އެވެ.

އަހަރުގެ އެންމެ މޮޅު ކޯޗަކަށް އިޓަލީ އަށް މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޔުވެންޓަސް އަށް ކުޅޭ އިޓަލީގެ ލިއޮނާޑޯ ބޮނޫޗީ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް އިޓަލީގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ހޮވުނުއިރު އެންމެ މޮޅު ގައުމީ ޓީމަކަށް ހޮވުނީ އިޓަލީ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާ އަށް ކުޅޭ ސްޕެއިންގެ އެލެކްސިއާ ޕުޓޭލާސް އެވެ. އެންމެ މޮޅު އަންހެން ކުލަބަކަށް ބާސެލޯނާ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ކުލަބަކީ އިނގިރޭސި ކްލަބް ޗެލްސީ އެވެ.