27 ޑިސެމްބަރ 2021 - 19:33

މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ކަމުގައިވާ 1.3 މިލިއަން ވަނަ ޓޫރިސްޓަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

މިއަދު ހަވީރު ގަލިވް އެއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.3 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ރުމެނީއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓެންޓައިން ސްޓޭލިއަން އެމިލް އެވެ. އޭނާ އައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ މީގެ ފަސް އަހަރު ކުރިން ހަނީމޫނަށެވެ. މި އަހަރު ރާއްޖެ އަށް އައި 1.3 ވަނަ ޓޫރިސްޓަށް އެމިލް ވުމުން އޭނާއަށް ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ.
ވެލާނާ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ، ދުނިޔެ ބަންދުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން މި ލިބުނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ރަނގަޅު ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކޮށްފިއްޔާ ކާމިޔާބުވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކެއް ޓޫރިޒަމަށް އަދި ހުޅުވިފައި ނުވާއިރު ކޮވިޑުގެ އުނދަގޫ ހާލަތުގެ ތެރެއިން މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި އަހަރު އަމާޒު ހިފާފައި ވަނީ އެއް މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެ އަމާޒަށް މިދިޔަ އޮގަސްޓް މަހު ވަނީ ވާސިލުވެފަ އެވެ. އެއަށް ފަހު ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި ޓާގެޓަކީ 1.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.