އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމި ނިންމުން އިންސާފުވެރިއެއް ނޫން: އެމްއެންޕީ
އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމި ނިންމުން އިންސާފުވެރިއެއް ނޫން: އެމްއެންޕީ

އެންޓި ކޮރަޕްޝަން ކޮމިޝަނަށް މި ސަރުކާރުން އައްޔަންކުރި މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަން އިއްޔެ ނިންމާފައި ވަނިކޮށް ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ކުރިން މެމްބަރު އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އޭސީސީއަކީ ދައުލަތުގެ ހުރިހާ ދާއިރާތަކަކުން ކޮރަަޕްޝަން ނައްތާލުމަށް އެއްވެސް ފަރާތަކަށް ބުރަ ނުވެ މިނިވަންކަމާ އެކު ޖެހިލުމެއް ނެތި މަސައްކަތްކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކޮމިޝަނަކަށްވާއިރު އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް މަޖިލިސް ރިސެސްގައި އޮތް ދުވަސްވަރެއްގައި ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ބާއްވައި އަމަލުކުރި ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.

އެމްއެންޕީން ބުނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި މައިގަނޑު ސަބަބަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އަމަލުތަކާއި އެފަދަ އެހެނިހެން މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުނުކުރެވުމުން ކަމަށެވެ. އެކަމަކު އެމްްއެމްޕީއާރުސީގެ ހިޔާނާތް ފަދަ މައްސަލަތައް ބެލުމަށް ރައީސްގެ ގަރާރަކުން އުފެއްދެވި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަކީ ގާނޫނީ ގޮތުން އޭސީސީއަށް ނުލިބޭ އެތައް ބާރެއް ދީފައި އޮތް ކޮމިޝަނެއް ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް އެތަނަށް ވެސް އެކަށީގެންވާ ގޮތެއްގައި ބެލިފައިނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"ކުރީ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ބެލުމުގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައި ކަމަށްވާއިރު ކުރީ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތް ކަމަށް ބުނެ ހަމައެކަނި އޭސީސީގެ މެމްބަރުން ޒިންމާދާރުކުރުމަށް މަގާމުން ވަކިކުރުމަށް ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކެން،" އެމްއެންޕީން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އޭސީސީ މެމްބަރުން ވަކިކުރަން ނިންމި ދެވަނަ ސަބަބަކީ އެތަނަށް ހުށަހެޅޭ ޝަކުވާތަކާ މެދު އަމަލުކުރަމުންދާ ގޮތުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ހެދި ނަމަވެސް އެ ރިޕޯޓަކީ ޖެނުއަރީ، 1، 2015 އިން ޖުލައި، 31، 2020 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އޮޑިޓެއް ކަމަށެވެ. އެކަމަކު އެ މެމްބަރުންނަކީ ސެޕްޓެމްބަރު، 9، 2019 ގައި އެ މަގާމަށް އައްޔަންކުރި ފަރާތްތަކެއްކަން ފާހަގަކޮށްފައިވެ އެވެ.

"ޖެނުއަރީ، 1، 2015 އިން ޖުލައި، 31، 2020 ގެ ނިޔަލަށް އޭސީސީން ހިންގާފައިވާ ތަހުގީގުތަކުގައި އަމަލުކޮށްފައިވާ ގޮތުގެ ޒިންމާ އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން ނަގަން ޖެހުމަކީ ހަމަޖެހޭ ކަމެއް ކަމަށް ނުދެކެން،" އެމްއެންޕީން ބުންޏެވެ.

އެ ޕާޓީން ބުނީ އޭސީސީ ފަދަ ގާނޫނުއަސާސީން އުފައްދާފައިވާ މުހިއްމު ކޮމިޝަނެއްގެ ހުރިހާ މެމްބަރުން ވަކިކުރަންވާނީ އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ދިރާސާކޮށްގެން ކަމަށެވެ. އެހެންވެ، ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން އޭސީސީގެ މެމްބަރުންގެ މަގާމުތައް ހުސްވެ، އެ ކޮމިޝަނަަށް އަލުން މެމްބަރުން އައްޔަންކުރުމަކީ އެކަމަށް ދިގު މުއްދަތެއް ހޭދަވާނެ އަދި ކޮމިޓީގެ މަސައްކަތްތައް ހުއްޓޭނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެމްއެންޕީން ވަނީ އޭސީސީ ފަދަ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވެނީ ކޮން ސަބަބުތަކަކާ ގުޅިގެންކަން ބަލައި އެ ކޮމިޝަންތަކުން މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ވަކިފަރާތަކަށް ނުޖެހި ގާނޫނީ ޒިންމާ އަދާކުރަން ބޭނުންވާ ވަސީލަތްތަކާއި ބަޖެޓާއި ފުރުސަތު ފަހިކޮށްދޭން ސަރުކާރަށް ގޮވާލައިފަ އެވެ.