28 ޑިސެމްބަރ 2021 - 06:55

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފިލްމު "ޑަލަސް ބަޔާޒް ކްލަބް" ގެ ޑައިރެކްޓަރު ޖިއާން-މާކް ވެލީ މަރުވެއްޖެ އެވެ.
ކެނެޑާ އަށް އުފަން 58 އަހަރުގެ ޑައިރެކްޓަރު ހޯމަ ދުވަހު މަރުވުމާ ގުޅިގެން އޭނަގެ ކުންފުނި ކްރޭޒީރޯޒް އިން ނެރުނު ބަޔާނެއްގައި ވުނީ މާކްގެ ކުއްލި މަރަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި މިއީ މުޅި ފިލްމު އިންޑަސްޓްރީ އަށް ވެސް ލިބުނު ގެއްލުމެއް ކަމަށެވެ.
ކުންފުނިން ބުނި ގޮތުގައި މާކް އަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ބެލުންތެރިންނަށް ދޫކޮށްފައިވާ މީހަކަށް ވާތީ އޭނާގެ މަސައްކަތްތަކުގެ މަތިން ގިނަ ބަޔަކު އަބަދުވެސް ހަނދާން އާކުރާނެ އެވެ. ނަމަވެސް މަރާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ދެ ކުދިންގެ ބައްޕަ 2013 ގައި ގެނެސްދިން ފިލްމު "ޑަލަސް ބަޔާޒް ކްލަބް" އަކީ އެއިޑްސް ބަލި ދުނިޔެއިން އެންމެ ފުރަތަމަ ފެނުނު ދުވަސްވަރު 1980 ގެ ތެރޭގައި އެ ބަލި ޖެހުނު މީހެއްގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާއެކެވެ.
އޭގެ މައިގަނޑު ރޯލުތައް ކުޅުނީ މެތިއު މެކޮނަހޭ އާއި ޖެނިފާ ގާނާގެ އިތަރުން ޖެރެޑް ލެޓޯ އެވެ.
"ޑަލަސް ބަޔާޒް ކްލަބް" އަކީ 86 ވަނަ އޮސްކާ އެވޯޑްސްގައި ތިން އެވޯޑް ހޯދި ފިލްމެކެވެ. އެއީ މޮޅު އެކްޓަރު (މެކޮނަހޭ) އާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ލެޓޯ) ގެ އިތުރުން އެންމެ މޮޅު މޭކަޕް އެންޑް ހެއާސްޓައިލިން އެވޯޑެވެ.
ފިލްމަށް ލިބުނު އިތުރު ނޮމިނޭޝަންތަކުގެ ތެރޭގައި ބެސްޓް ޕިކްޗާ، ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ އަދި ބެސްޓް އެޑިޓިން ހިމެނެ އެވެ.
"ޑަލަސް ބަޔާޒް ކްލަބް" ގެ ފަހުން މާކް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2014 ގެ "ވައިލްޑް" އާއި 2015 ގެ "ޑިމޮލިޝަން" ހިމެނެ އެވެ. އޭނަގެ އިތުރު ޑައިރެކްޝަންތަކުގެ ތެރޭގައި "ބްލެކްލިސްޓް"، "ލޫޒާ ލަވް" އަދި "ދަ ޔަންގް ވިކްޓޯރިއާ" ހިމެނެ އެވެ.
އެޗްބީއޯ އިން 2017-2019 އަށް ގެނެސްދިން ސީރީޒް "ދަ ބިގް ލިޓްލް ލައިސް" އަކީ ވެސް މާކްގެ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.