15 ޑިސެމްބަރ 2016 - 06:30

ސައުތު އެފްރިކާގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ކާރަކުން ޖެހުނު މީހަކު މަރުވި ކަމަށް ބަލައި މޯޗަރީގައި ދެ ދުވަސް ވަންދެން ބާއްވައިފި އެވެ. އެކަމަކު އޭނާ ދިރި އޮތްކަން އެނގިގެން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.
މިސީޒީ މިކީޒޭ، 28، ގެ ގައިގައި ކާރުން ޖެހުނީ އެކުވެރިޔަކާ އެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ.
އޭނާގެ ހަށިގަނޑު ދެނެގަތުމަށް އާއިލާގެ މީހުން މޯޗަރީއަށް ދިޔައީ ދެ ދުވަސް ފަހުންނެވެ. އާއިލާ އަށް ދެއްކުމުގެ ކުރިން އެތަނުގެ މުވައްޒަފަކު މިކީޒޭގެ ހަށިގަނޑު ޗެކްކުރި އެވެ. އޭނާގެ ވިންދު ހުރި ކަން އެނގުނީ އެ ވަގުތު އެވެ.
ވަގުތުން ޑާބަންސް މަހާތުމާ ގާންދީ ހޮސްޕިޓަލަށް މިކީޒޭ ގެންގޮސް އިމަޖެންސީގައި ފަރުވާ ވެސް ދިނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވަނީސް މަރުވި އެވެ.
އެ ސަރަހައްދުގެ ހެލްތު ޑިޕާޓްމަންޓުގެ ހެޑް ޑރ. ސިފީސޯ މިޝާލީ ވިދާޅުވީ އެކަން ހިނގި ގޮތް ބެލުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.
މިކީޒޭގެ ބައްޕަ ޕީޓާ މިކީޒޭ ބުނި ގޮތުގައި އެ މަރާ އެކު އާއިލާއަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ. އޭނާގެ އިހްސާސްތައް ބަޔާންކޮށްދޭނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި މޯޗަރީގެ ފްރިޖްގައި އެއް ރެ އާއި އެއް ދުވަސް ދަރިފުޅު ބޭއްވުމަކީ ވަރަށް ގޯސްކޮށް ހިނގި ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން އެތަނަށް ދިޔައީ ހެނދުނު 8:00 ގައި. އެއީ ދަރިފުޅުގެ ހަށިގަނޑު ދެނެގަތުމަށާއި ލިޔެކިޔުންތައް ފުރިހަމަ ކުރަން،" ޕީޓާ ބުންޏެވެ.
"މޯޗަރީގައި މަސައްކަތްކުރާ މީހަކު އެތާ މަސައްކަތްކުރާ ޑޮކްޓަރެއް ކައިރީގައި މަގޭ ދަރިފުޅު މަރެއް ނުވެޔޭ ބުނިއިރު މެންދުރު 12:00 ޖަހައިފި. އެ ދުވަހުގެ ހަނދާންތައް އަހަރެންގެ މުޅި އުމުރަށް ވެސް ހުންނާނެ. އަހަރެމެންގެ ދަރިފުޅުގެ ހަށިގަނޑު ގެންގޮސް ވަޅުލުމުގެ ހުއްދަ ދީ. ކުރެވުނު ތަޖުރިބާގެ ވާހަކަ ދައްކާނީ އޭގެ ފަހުން ހަމަޖެހިލައިގެން އިށީނދެ ތިބެ."
މިކީޒޭގެ ދައްތަ ހޮބިސްލީ ބުނީ އޭނާގެ ކޮއްކޮ މަރުވީކަމަށް ނިންމީ ކާކުތޯ އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ. އަދި އެއީ އެފަދަ ހާލަތްތަކުގައި ކަންކަން ނިންމޭވަރުގެ ތަޖުރިބާ ހުރި މީހެއްތޯ ބަލަން ވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"ދިރިހުރި ކޮއްކޮއެއް ނުވަތަ ދަރިއެއް މޯގްގައި އެއް ރެ އާއި އެއް ދުވަސް އޮތްކަން އެނގުމަކީ ވަރަށް އަސަރުކުރި ކަމެއް. ކޮންމެވެސް ތަނަކުން، ކޮންމެވެސް މީހަކު އޭނާގެ ވަޒީފާ ފުރިހަމައަށް އަދާނުކުރުމުން މިހެން މި ދިމާވީ. އަހަރެމެން ބޭނުން ކަމާ ބެހޭ ފަރާތްތަކުން މިކަން ވީ ގޮތް ފުރިހަމައަށް ސާފުކުރަން،" މިކީޒޭގެ ދައްތަ ބުންޏެވެ.