27 ޑިސެމްބަރ 2021 - 14:34

އިޒްރޭލުން ހިފާފައިވާ ސީރިޔާގެ ގޯލާންގެ އުސް ބިންތަކުގައި މިހާރު ހަދާފައި ހުރި ޔަހޫދީ އާބާދީތަކުގެ އަދަދު ދެ ގުނަ އިތުރުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ކަނޑައަޅައިފި އެވެ.
ގޯލާންގެ އުސް ބިންތަކުގައި ޔަހޫދީ އާބާދީތައް ދެގުނަ އިތުރުކުރުމަށް، އިޒްރޭލުގެ ކެބިނެޓުން އިއްޔެ ފާސްކުރި ޕްލޭންގައި އެކަމަށ 317 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ. އިޒްރޭލުން ގޯލާންގެ އުސް ބިންތައް ފޭރިގެންފައިވަނީ މީގެ 57 އަހަރު ކުރިންނެވެ.
އިޒްރޭލު ސަރުކާރުން ގޯލާންގެ އުސް ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުމަށް މިފަށާ މަޝްރޫއުގެ ދަށުން، ގޯލާންގެ މެވޯ ހާމާ ކިޔާ ސަރަހައްދުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 7،300 ގެ އިމާރާތްކުރާނެ އެވެ. އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމަށް ވަޑައިގަންނަވަމުން، އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވި ގޮތުގައި ގޯލާންގެ އުސް ބިންތަކުގައި މިހާރު ތިބި ޔަހޫދީންގެ އަދަދަށް ބަލާއިރު، މީގެ ފަސް އަހަރު ފަހުން ގޯލާންގައި ދެގުނަ އިތުރަށް ޔަހޫދީން ދިރިއުޅެމުން ދާނެ އެވެ.
އިޒްރޭލުން މިފަށާ އާ މަޝްރޫއުގެ ދަށުން، ގޯލާންގެ އުސް ބިންތަކުގައި އިތުރު ގެތައް ހަދާއިރު، އެ ގެތަކުގައި ދިރިއުޅޭ ޔަހޫދީންނަށް ބޭނުންވާނެ އެހެން ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެ އެވެ. އިޒްރޭލު ސަރުކާރުގެ އަމާޒަކީ، ގޯލާންގައި ހަދާ އާ ގެތަކުގައި މަދުވެގެން އިތުރު 23،000 ޔަހޫދީން ވަޒަންވެރި ކުރުވާށެވެ.
އިޒްރޭލުން ގޯލާންގެ އުސް ބިންތަކުގެ ތިން ބައިކުޅަ ދެ ބައިގެ ސަރަހައްދެއް ހިފީ، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގަ އެވެ. އިޒްރޭލުން ހިފާފައިވާ ގޯލާންގެ ބިންތަކުގައި އިޒްރޭލުގެ ގާނޫނުތައް ހިންގަން ފެށީ، ޑިސެމްބަރު 14، 1981ގަ އެވެ. އިޒްރޭލުގެ މިނިންމުން ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލެއް ނުކުރެ އެވެ.
ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ، އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސް ބިންތަކަކީ އިޒްރޭލުގެ ބިންތަކެއް ކަމަށް، 2019 ވަނަ އަހަރުގެ ތެރޭގައި އިއުތިރާފްވެވަޑައިގެންފަ އެވެ. ސީރިޔާއިން އެކަން ކުށްވެރިކުރި ނަމަވެސް، އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވަނީ، ގޯލާނުން އިޒްރޭލު ހިފާފައިވާ ބިންތަކަކީ އިޒްރޭލުގެ ބިންތަކެއް ކަމަށެވެ.
ނަމަވެސް އެމެރިކާގެ ވެރިކަމާ މި އަހަރު ކުރީކޮޅު ހަވާލުވެވަޑައިގެންނެވި ރައީސް ބައިޑެންގެ ސަރުކާރުން ވަނީ ގޯލާންގެ ބިންތައް އިޒްރޭލުން އަމިއްލަ ކުރި މައްސަލައިގައި ސުވާލު އުފައްދައިފަ އެވެ. ބައިޑެންގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި، ރައީސް ޓްރަމްޕުގެ އެ ނިންމުމުގައި ގާނޫނީ ގޮތުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ.