ޓޫރިސްޓުންްގެ މި އަހަރުގެ ޓާގެޓް މިއަދު ހަމަވާނެ
ޓޫރިސްޓުންްގެ މި އަހަރުގެ ޓާގެޓް މިއަދު ހަމަވާނެ

ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަނޑައެޅި ޓާގެޓް، "1.3 މިލިއަން ޓޫރިސްޓުން" މިއަދު ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން މި އަހަރު އަމާޒު ހިފީ އެއް މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެ އަމާޒަށް މިދިޔަ އޮކްޓޫބަރު މަހު ވަނީ ހާސިލުވެފަ އެވެ. އެއަށް ފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރު ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ. އެ އަމާޒަށް މިއަދު އާދެވޭތީ، އެކަން ފާހަގަކުރުމަށް މިއަދު ހަވީރު ވެލާނާ އެއާޕޯޓްގައި އިވެންޓެއް ވެސް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ އަކީ މި އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް ކަމަށެވެ. އިއްޔެ ރާއްޖެ އަށް 7،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ދުވަހުގެ އަދަދު 11 މިލިއަން ބެޑްނައިޓަށް އަރާނެ ކަމަށް ވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. މިއަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފީ 10 މިލިއަން ބެޑްނައިޓަށެވެ. ނަމަވެސް އެ އަމާޒު މާކުރިން ވަނީ ހާސިލުވެފަ އެވެ.

ރާއްޖޭގައި 155 ރިސޯޓުން ހިދުމަތް ދޭ އިރު ގިނައީ ބޭރުގެ ބޮޑެތި އިންވެސްޓަރުގެ ރިސޯޓުތަކެވެ. ރިސޯޓުތަކުގެ ހިއްސާ 100 ޕަސެންޓް ބޭރުގެ އިންވެސްޓަރުންނަށް ނެގުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި އޮވެ އެވެ. އަލަށް ފަށާ ހޯމް ސްޓޭ ޓޫރިޒަމާ އެކު އެކަން ބަދަލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލުމަށް ފަހު މިހާރު ވަނީ މި ދާއިރާ ހިނގައިގެންފަ އެވެ. މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ހިދުމަތް ދެނީ 50،000 އެނދުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.