ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަލިފުށީގައި!
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަލިފުށީގައި!

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ރ. އަލިފުށީގައި ކުޅުމާމެދު ގޮތެއް ނިންމަން އެ ދަނޑުގެ އިންސްޕެކްޝަނެއް އެފްއޭމުން ހަދައިފި އެވެ.

ރ. އަތޮޅުގެ އިރުއުތުރުގައި އޮންނަ އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށް އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

"އަދި މުޅިން ފައިނަލް ކުރިކަމެއް އަޅުގަނޑުމެންނަށް އަންގައިފައެއް ނެތް. މަޝްވަރާ މަރުހަލާގައި މި އޮތީ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލިފުށީ ކައުންސިލްގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފައިނަލް މެޗު ކުޅޭ ދެ ޓީމާއި މެޗުގެ އޮފިޝަލުންނާއި މެޗާ ގުޅިގެން ރަށަށް ޒިޔާރަތް ކުރާ އެހެން ފަރާތްތަކަށް ވެސް އެކޮމެޑޭޝަންގެ ހިދުމަތް ފެސިލިޓޭޓްކޮށް ދިނުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަލިފުށީގައި މެޗު ކުޅުމަށް ހުރި ވަސީލަތްތައް އިންސްޕެކްޓް ކުރުމަށް އެ ރަށަށް ވަޑައިގެންނެވީ އެފްއޭއެމްގެ އެޑްމިނިސްޓްރޭޝަން ޑައިރެކްޓަރު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް (ސާޔާ) އެވެ.

ޕްރެޒިޑެންޓްސް ކަޕް މާލެއިން ބޭރުގައި އެންމެ ފަހުން ކުޅެފައި ވަނީ، 2015 ވަނަ އަހަރު އެވެ. އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅުނީ ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުޅެނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.