26 ޑިސެމްބަރ 2021 - 22:12

ޓޫރިސްޓުން ފިޔަަވައި ރާއްޖެ އިން ބޭރުން އަންނަ މީހުންގެ ތެރެއިން ދެ ޑޯޒު ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ މިކުރީ ބާރަށް ފެތުރެމުން އަންނަ "އެމިކްރޯން" ވޭރިއަންޓާ ގުޅިގެންނެވެ. މި ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
ރާއްޖެ އިން ވެސް ވަނީ އެމިކްރޯން ވޭރިއަންޓް ފެނިފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ވޭރިއެންޓު ފެތުރެން ފެށުމުން ރާއްޖެއިން ވެސް ވަނީ އެ ބަލި ތައާރަފްވުމުގެ ރިސްކް އެސެސްމަންޓެއް ހަދައިފަ އެވެ. އޭގެ ނަތީޖާއިން ދެއްކީ ރާއްޖެ ހިމެނެނީ ހައި ރިސްކް ކެޓަގަރީގައި ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު ދެ ހަފުތާއަށް ކަރަންޓީންވާން ޖެހޭ ކަމަށެވެ. އެކަމަކު މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ އެވެ.
ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވެ، ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވުމުންނެވެ.
ރާއްޖެ އިން ބޭރުން އަންނަ އިރު 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮތުން ވެސް މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު، 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެ އެވެ. އެއް އަހަރު ނުވާ ކުދިންގެ މި ޓެސްޓް އޮންނާކަށް ނުޖެހެ އެވެ.
މިގޮތަށް ހަމަޖެއްސީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ހުރިހާ އިދާރާތަކަކުން ވެސް މި ފިޔަވަޅުތައް ތަންފީޒުކުރަން ޖެހެ އެވެ. އަދި މި ފިޔަވަޅުތަކާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯލެނބުމަށް ވެސް އެޗްޕީއޭ އިން އިރުޝާދު ދެ އެވެ.
އާ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މި ވަގުތަށް މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ އަދި އެސްވާޓިނީ އިންނެވެ.