26 ޑިސެމްބަރ 2021 - 15:28

ދެކުނު އެފްރިކާގައި ކުރިން އޮތް ނަސްލީ ތަފާތުކުރުންތައް ނައްތައިލުމަށް ކުރެއްވި މަސައްކަތުން ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ލިބިވަޑައިގެންފައިވާ، ދެކުނު އެފްރިކާގެ ނަސާރާ ފާދިރީ ޑެޒްމަންޓް ޓޫޓޫ މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 90 އަހަރުގައި މިއަދު އަވަހާރަވި ޓޫޓޫ އަށް ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، 1984 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ދެއްވައިފަ އެވެ. ޓޫޓޫ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރައީސް ސީރިލް ރާމަފޯސާ ވިދާޅުވީ، މިއަދަކީ އަނެއްކާ ވެސް އެ ގައުމުގެ ހަޔާތުގައި އުފެދުނު އާދަޔާ ހިލާފު ހިތްވަރުގަދަ ދަރިންގެ ތެރެއިން ދަރިއަކަށް އަލްވަދާއު ކިޔުމުގެ ހިތްވަރާ ކުރިމަތިލާންޖެހުނު ދުވަހެއް ކަމަށެވެ.
ރައީސް ރާމަފޯސާ ވިދާޅުވި ގޮތުގައި ޓޫޓޫއަކީ މިނިވަން ދެކުނު އެފްރިކާ ވުޖޫދުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ދެކުނު އެފްރިކާގައި 1948 އިން 1991 އަށް، ދޮން ނަސްލުގެ މީހުން ގެންގުޅުނު ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް، އެ ގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ކުރެއްވި ގައުމީ ޖިހާދުގައި އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ، ޓޫޓޫގެ ބައިވެރިވެވަޑައިގަތުން ވެސް ލިބުމުން ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ބުނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫޓޫއަކީ އެ ގައުމުގެ މިނިވަންކަމާއި ހަމަހަމަކަމަށް އެ ގައުމުގެ ރައްޔިތުން ކުރި ޖިހާދުގެ ރޫހާނީ ލީޑަރެވެ. އަދި އޭނާއަކީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އަދި އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ގައުމީ ލީޑަރެކެވެ.
އެކަމުގެ ސަބަބުން ޓޫޓޫ ހިމެނިފައިވަނީ ދެކުނު އެފްރިކާގެ އިތުރުން، މުޅި ދުނިޔޭގައި ވެސް، 1980ގެ އަހަރުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯއްދެވި ބޭފުޅެއްގެ ގޮތުގަ އެވެ.
ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުން އޮތް ޒަމާނުގައި ހުންނެވި އެންމެ ފަހުގެ ރައީސް އެފް ޑަބްލިޔޫ ޑިކްލާކް އަވަހާރަވީ މީގެ ތިން ހަފުތާ ކުރިންނެވެ.