އިޒްރޭލުން ހަމަލާ ދީ ފަލަސްތީނުގެ 300 މީހަކު ޒަހަމްކޮށްލައިފި
އިޒްރޭލުން ހަމަލާ ދީ ފަލަސްތީނުގެ 300 މީހަކު ޒަހަމްކޮށްލައިފި

ހުޅަނގު އައްސޭރީގެ ނާބުލުސްގައި، ފަލަސްތީނުގެ ޒުވާނުންނާއި ޔަހޫދީ ވަޒަންވެރިންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުން ޔަހޫދީ ވަޒަންވެރިން ހިމާޔަތްކުރުމުގެ ގޮތުން، ފަލަސްތީނުގެ ޒުވާނުންނަށް އިޒްރޭލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން، 300 އަށް ވުރެ ގިނަ ޒުވާނުން ޒަހަމްވެއްޖެ އެވެ.

އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ކުރިމަތިލުންތައް ހިނގީ، ނާބުލުސްގެ ބުރްގާ ކިޔާ އަވަށުގައި ހުރި ކުރީގެ އިމާރާތަކަށް ޔަހޫދީން ވަޒަންވެރިން ގެއްލުންދެމުން ދިޔައިރު، އެކަން ހުއްޓުވުމުގެ ބަދަލުގައި އެ މީހުން ހިމާޔަތްކުރުމަށް އިޒްރޭލު ސިފައިން މަސައްކަތް ފެށުމުންނެވެ. ފަލަސްތީނުގެ ޒުވާނުން އެ ސަރަހައްދަށް ގޮސް، ޔަހޫދީ ވަޒަންވެރިންނަށް ހުރަސް އަޅަން ފެށުމާ އެކު، އިޒްރޭލު ސިފައިން އެމީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައި، އަސްލު ވަޒަނާއި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑި ޖެހި އެވެ.

އިޒްރޭލުގެ މި ހަމަލާތަކުގައި 300 އަށް ވުރެ ގިނަ ޒުވާނުން ޒަހަމްވެފައިވާ އިރު، އޭގެ ތެރެއިން އެކަކުގެ ހާލަތު ވަރަށް ގޯސް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އޭގެ އިތުރުން ކަރުނަ ގޭހުގެ ސަބަބުން، ނޭވާ ލާން އުނދަގޫވެގެން ވެސް ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި، ވަޒަން އަރައިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި، އަސްލު ވަޒަން އަރާފައިވާ 10 މީހުން ހިމެނެ އެވެ. އޭގެ ތެރެއިން އެކަކުގެ ބަނޑަށް އެރި ވަޒަން ނުކުމެގެން ދިޔައީ އޭނާގެ ބުރަކަށިންނެވެ.

ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިޒްރޭލު ސިފައިން ގޮތެއްފޮތެއް ނުބަލައި ކަރުނަ ގޭސް ޖެހުމުގެ ސަބަބުން، އެ ސަރަހައްދުގެ ގެއެއްގައި ދިރިއުޅުނު މާބަނޑު އަންހެނަކު ނޭވާ ހާސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މައްސަލަ އުފެދުނީ ބުރްގާ އަވަށުގައި ހުރި ގެތަކަކަށް ޔަހޫދީ ވަޒަންވެރިން ގާ އުކައި ހަމަލާ ދޭން ފެށުމުންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ބައެއް ޒުވާނުން އެކަން ހުއްޓުވަން ނުކުތުމުން، ޔަހޫދީ ވަޒަންވެރިން ވަނީ، އެ ޒުވާނުންގެ ގަޔަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖަހައިފަ އެވެ.

ދެފަރާތުގެ މެދުގައި ކުރިމަތިލުންތައް ފެށުމާ އެކު އިޒްރޭލު ސިފައިން ވަނީ، ޔަހޫދީ ވަޒަންވެރިންނާ ހަމައަށް އެހެން ބަޔަކަށް ނާދެވޭނެ ގޮތަށް، މަގުތަކުގައި ހުރަސްތައް ބަހައްޓައި ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން ފަލަސްތީނުގެ އާންމުން ހައްޔަރު ކުރުމަށް އިޒްރޭލު ސިފައިން ހިންގާ އުދުވާނީ އަމަލުތަކުގެ ތެރެއިން، އިއްޔެވެސް ވަނީ ޖެނީންގެ ދެކުނުން އޮންނަ އަވަށެއްގައި ދިރިއުޅޭ ފަލަސްތީނު ދެ އާއިލާއެއްގެ ދެ ގެއަކަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. އަދި އެ ދެ ގެއިން ފަލަސްތީނުގެ ދެ ޒުވާނަކު ހައްޔަރުކޮށްގެން ގެންދިޔަ އެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅުމުގެ އަމަލުތައް އިއްޔެ ވެސް އިޒްރޭލު ސިފައިން ކުރިއަށް ގެންދިޔަ އެވެ. އެ ގޮތުން އިސްކާކާ އަވަށުގައި ދަނޑުވެރި އާއިލާއެއް ދަނޑުގައި ފަސްގަނޑު ޖަހަން ގެންގުޅޭ އެކްސްކަވޭޓަރެއް، އިޒްރޭލު ފުލުހުން އިއްޔެ ވަނީ އަތުލައިގެން ގެންގޮސްފަ އެވެ.

އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ބޮޑުވަޒީރުގެ މުސްތަޝާރު އަބްދުލް އިލާހް އަތީރާ ވިދާޅުވީ އިޒްރޭލުގައި މިހާރު އޮތީ ހައްދު ފަހަނަޅާފައި ހަރުކަށި، އަދި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރާ ސަރުކާރެއް ކަމަށެވެ. އިޒްރޭލު ސަރުކާރާ އެކުގައި ސުލްހަވެރިވުމަށް ފަލަސްތީނުން އަތް ދިއްކުރި ކަމަށާއި ނަމަވެސް އެކަން މިހާރު ނާކާމިޔާބުވެފައިވާތީ، ދެ ފަރާތުގެ މެދުގައި މިހާރު އެއްވެސް ސުލްހަވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.