ކޮންގޯގެ ރެސްޓޮރެންޓަކަށް ދިން ބޮމުގެ ހަމަލާއެއްގައި ހަ މަރު
ކޮންގޯގެ ރެސްޓޮރެންޓަކަށް ދިން ބޮމުގެ ހަމަލާއެއްގައި ހަ މަރު

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީގައި އޮންނަ ބެނީ ސިޓީގެ ރެސްޓޮރެންޓެއްގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަ މީހުން މަރާލާފައިވާ ކަމަށް، ކޮންގޯ ފުލުހުން ބުނެފި އެވެ.

ރެސްޓޮރެންޓްގައި ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދަމުން ދަނިކޮށް، އެތަނަށް ވަންނަން އައި މީހަކާ މެދު ޝައްކުރެވިގެން، ފުލުހުން އޭނާ އެތެރެއަށް ވަނަ ނުދީ ދޮރުމަތިން ހުއްޓުވި އެވެ. ހުއްޓުވުމާ އެކު، އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވި އެވެ.

އެ ހާދިސާ ހިނގި އިރު، ރެސްޓޮރަންޓް ދޮރުމަތީގައި ތިބި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު މަރުވި އެވެ. އަދި އިތުރު 13 މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ.

ކޮންގޯ ސަރުކާރުން ބުނި ގޮތުގައި މި ހަމަލާ ދިނުމުގެ ފަހަތުގައިވާ ކަމަށް ޝައްކު ކުރެވެނީ، އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް) ކިޔާ ހަނގުރާމަވެރި ޖަމާއަތެކެވެ. އެއީ އެފްރިކާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅުން އޮންނަ ހަނގުރާވެރި ޖަމާއަތެކެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ޖާނުން ފިދާވުމުގެ ހަމަލާ ދިން ވަގުތު، ރެސްޓޮރެންޓްގެ ތެރޭގައި 30 އަށް ވުރެ ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދިޔައީ ކްރިސްމަސް ފާހަގަކުރުމުގެ ހަފްލާއެކެވެ. މިހާތަނަށް އެއްވެސް ބަޔަކު މި ހަމަލާގެ ޒިންމާ އުފުލައިފައެއް ނުވެ އެވެ. ޖާނުން ފިދާވުމުގެ ހަމަލާ ދިނުމާ އެކު، އެ ސަރަހައްދުގެ އާންމު ރައްޔިތުން ގޭގެއަށް ވަދެ ތިބުމަށް ސިފައިން ވަނީ އަންގައިފަ އެވެ.

ބެނީ ސިޓީގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ކޮންގޯ ސަރުކާރުގެ ފުލުހުންނާ ދެމެދު ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިނގަ އެވެ. އޭޑީއެފްގެ ހަނގުރާމަވެރިން ދޭ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގެ ގޮތުން، ކޮންގޯ ސިފައިންނާއި ޔޫގެންޑާ ސިފައިން ގުޅިގެން، މިދިޔަ ނޮވެމްބަރު މަހު ވަނީ، އޭޑީއެފްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ފަށައިފަ އެވެ.

ޔޫގެންޑާ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ވެރިރަށް ކަމްޕާލާގައި މިފަހުން ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ވަނީ ވެސް އޭޑީއެފްގެ ހަނގުރާމަވެރިންނެވެ. އާންމު ގޮތެއްގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން އުޅެނީ، ޔޫގެންޑާ އާއި ކޮންގޯ ގުޅޭ ސަރަހައްދުގެ ޖަންގަލިތަކާއި ފަރުބަދަތަކުގެ ތެރޭގަ އެވެ. ބެނީ ސިޓީ އޮންނަނީ ވެސް ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގާ ވަރަށް ކައިރީގަ އެވެ.

އޭޑީއެފް ޖަމާއަތަކީ، 1990ގެ އަހަރުތަކުގައި ޔޫގެންޑާގައި އުފެދުނު ހަނގުރާމަވެރި ޖަމާއަތެކެވެ. އެ ޖަމާއަތް އުފެދުނީ، ޔޫގެންޑާ ސަރުކާރުން އެ ގައުމުގެ މުސްލިމުންނާ މެދު އިހާނެތިކޮށް ހިތާކަމަށް ބުނެ، މުސްލިމުން ދިފާއުކުރުމުގެ ނަމުގަ އެވެ. ނަމަވެސް ޔޫގެންޑާ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އެ ގައުމުގައި އެ ޖަމާއަތުގެ ހަރަކާތްތައް ކުރިއަށް ގެންދެވެން ނެތުމުން، އެ ޖަމާއަތުގެ ހަރަކާތްތައް މިހާރު ކުރިއަށް ގެންދަނީ ކޮންގޯގެ ސަރަހައްދުގަ އެވެ.