ކޮވިޑް: 4،500 އަށް ވުރެ ގިނަ ކްރިސްމަސް ފްލައިޓް ކެންސަލް
ކޮވިޑް: 4،500 އަށް ވުރެ ގިނަ ކްރިސްމަސް ފްލައިޓް ކެންސަލް

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާތީ، މި އަހަރުގެ ކްރިސްމަސް ޗުއްޓީއާ ދިމާކޮށް، އެކި ގައުމުތަކުގެ މެދުގައި ކުރުމަށް ހަމަޖެހިފައި އޮތް 4،500 އަށް ވުރެ ގިނަ ވައިގެ ދަތުރު ކެންސަލްކޮށްފި އެވެ.

އާންމު ގޮތެއްގައި ކްރިސްމަސްގެ ޗުއްޓީއާ ދިމާކޮށް އެންމެ ގިނަ ދަތުރުތައް އޮންނަނީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އިއްޔެ އަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ވާއިރު، އިއްޔެ އެކަނިވެސް 2،175 ފްލައިޓް ކެންސަލް ކުރި އެވެ. މީގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި ފްލައިޓަކީ އެމެރިކާގެ އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ފްލައިޓްތަކެވެ.

އެއް އެއާލައިނަކުން އެންމެ ގިނަ ދަތުރުތައް ކެންސަލް ކުރަންޖެހުނީ ޗައިނާ އީސްޓަން އެއާލައިންގެ ދަތުރުތަކެވެ. އަދި މިކަމުގެ ސަބަބުން އެންމެ ބޮޑަށް ބަދަލުއައީ ޗައިނާގެ ޒިއާން ސިޓީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ކުރަން ހަމަޖެހިފައި އޮތް ދަތުރުތަކަށެވެ.

އެމެރިކާގައި އެންމެ ގިނަ ދަތުރުތައް ކެންސަލް ކުރަންޖެހުނީ، ޑެލްޓާ އެއާލައިނުންނެވެ. އެ ކުންފުނީގެ 405 ދަތުރެއް ކެންސަލް ކޮށްފައިވާ އިރު، ޔުނައިޓެޑް އެއާލައިންގެ 356 ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ.

ޖަރުމަން ވިލާތުގެ ލުފްތަންސާ އެއާލައިނުން ބުނި ގޮތުގައި އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާ އާއި ޔޫރަޕާ ދެމެދު ކުރަން ހަމަޖެހިފައި އޮތް ގިނަ ދަތުރުތަކެއް ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. ކްރިސްމަސްއާ ދިމާކޮށް ކުރުމަށް ހަމަޖެހިފައި ހުރި އެ ދަތުރުތައް ކެންސަލްކުރަން ޖެހުނީ، ގިނަ އަދަދެއްގެ ޕައިލެޓުން ބަލިވެ ވަޒީފާއަށް ސަލާމުގައި ތިބުމުންނެވެ.

އެމެރިކާގައި ވައިގެ ދަތުރުތައް ކެންސަލް ކުރި އަދަދަށް ބަލާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ކޮވިޑް ފެނިގެން ފުރަބަންދުކޮށް ދަތުރުތައް މެދުކަނޑައިލި އިރަށް ވުރެ ވެސް، މިހާރުގެ ދަތުރުތަކުގެ އަދަދު ވަނީ ދަށްވެފަ އެވެ.

އެމެރިކާގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެން ފެށިތާ ތިން ހަފުތާ ވެގެން ދާއިރު، އެ ގައުމުގައި މިހާރު ކޮވިޑް ޖެހޭ މީހުންގެ 73 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އޮމިކްރޯން ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންނެވެ.

ކޮވިޑް ފެތުރޭ މިންވަރު އެމެރިކާގައި އަނެއްކާ ވެސް އިތުރުވަމުން އައި ނަމަވެސް، ފްލައިޓްތަކުން ފުރުސަތު ލިބޭނަމަ، ދަތުރުކުރާ މީހުންގެ އަދަދުވެސް އަންނަނީ މަތިވަމުންނެވެ. ކްރިސްމަސް ޗުއްޓީގެ ދަތުރުތައް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވާއިރު، މިފަހަރުގެ ޗުއްޓީގައި މިހާތަނަށް އެންމެ ގިނަ މީހުން ވައިގެ މަގުން ދަތުރުކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އެކަނިވެސް 2.19 މިލިއަން މީހުން އެމެރިކާގެ އެކި އެއާޕޯޓްތަކުން ދަތުރުކުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ.