ގޫގުލް އިން ކިއުބާގައި އިންޓަނެޓް ފުޅާކުރަނީ
ގޫގުލް އިން ކިއުބާގައި އިންޓަނެޓް ފުޅާކުރަނީ

އިންޓަނެޓް ކޮންޓެންޓްސް ފޯރުކޮށްދޭނެ ކަމަށް ވައުދުވަމުން، ގޫގުލް އިން ކިއުބާ އަށް ވަދެގަނެފި އެވެ. ކިއުބާގައި އިންޓަނެޓް ފުޅާކޮށް، މީހުން ހޭލުންތެރިކުރަން މަސައްކަތްކޮށްދޭނެ ކަމަށް ވެސް ގޫގުލުން ވަނީ ބުނެފަ އެވެ.

ފަރުދީ އަދި ފިކުރީ މުދަލުން ހޭދަކޮށް ކިއުބާގައި ދުވެލި ބާރު އިންޓަނެޓް ނެޓްވޯކެއް ގާއިމުކޮށްދިނުމަށް ގޫގުލް އިން ވަނީ އެއްބަސްވެފަ އެވެ. ވަކިވަކި ފަރުދުންނަށް އިންޓަނެޓް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ވާހަކަތަކުގައި ކިއުބާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ، ޓެލެކޮމް ކޮމްޕެނީގެ ރައީސް މޭރާ އަރެވިކް އެވެ. ގޫގުލްގެ ފަރާތުން ބައިވެރިވީ އަލްފަބެޓް އިންކްގެ ޗެއާމަން، އެރިކް ޝްމިޓް އެވެ. އަލްފަބެޓް އަކީ ގޫގުލްގެ ބެލެނިވެރި ކުންފުންޏެވެ.

އެއްބަސްވުމުގައި ބުނާ ގޮތުން ގޫގުލް މަރުކާގެ ދަށުން ހިންގާ، ޖީމެއިލް، ޔޫޓިއުބް އަދި ޑޮކިއުމަންޓް ސާވާތައް ބޭނުންކުރަން ކިއުބާ އަށް ޚާއްސަ އިނާޔަތްތަކެއް ދޭނެ އެވެ. އިންޓަނެޓް ސްޕީޑް އަދި އެހާ ރަނގަޅު ނޫން ހިސާބުތަކަށް "އޯފްލައިން ބްރައުޒިން" ގެ ސަޕޯޓް ވެސް ދޭނެ އެވެ.

ގޫގުލް މަަރުކާގެ އުފެއްދުންތައް ކިއުބާގައި ބޭނުންކުރަން ފަށައިގަންނަނީ ކޮން ގޮތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލުން އަދި ކިއުބާއިން ވެސް ވާހަކައެއް ނުދައްކަ އެވެ.

މަޝްވަރާގެ އަރިމަތިން ދެކެވުނު ވާހަކަތަކަށް ބަލާއިރު، ކިއުބާ ސަރުކާރުގެ ނެޓްވޯކްތަކަށް ބޭރު ބަޔަކު ވަނުމަކީ ކިއުބާ އަށް ރުހެވޭ ކަމެއް ނޫނެވެ. ނަމަވެސް ޚިދުމަތް ފުޅާކުރުމަށްޓަކައި ކޮންމެވެސް ހިސާބަކުން ކިއުބާގެ ޓެލެކޮމިއުނިކޭޝަން ނެޓްވޯކް ތެރެ އަށް ގޫގުލުން ވަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ކިއުބާ އެއްއިރެއްގައި މޫނުއަނބުރާފައި ތިބި ނަމަވެސް މިހާރު ތިބީ ރަހުމަތްތެރިކަން ފެށޭ ހިސާބުގަ އެވެ. ބަރަކް އޮބަމާގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރީ އެވެ. އޭގެ ހެކިތައް މިހާރު އެ ފެންނަނީ އެވެ. އެމެރިކާގެ ވިޔަފާރި ކުންފުނިތަކުން ކިއުބާގައި އިންވެސްޓްކުރަން ޝައުގުވެރިވެ އެވެ.

ކިއުބާއާ ގުޅިގެން ގޫގުލް އިން ކުރާ މަސައްކަތްތަކުން ގޫގުލް އަށް ފައިދާއެއް ވާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްގެންނެވެ. ކިއުބާގައި އިންޓަނެޓް ވަރަށް ބޮޑަށް ހިފެހެއްޓިފައި ވާތީ ޚިދުމަތްތައް ފަށައިގަތުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަކަން ގޫގުލުން ގަބޫލުކުރެ އެވެ. ނަމަވެސް ގޫގުލް އިން އެ ފަށަނީ ކުންފުންޏަށް ރަނގަޅު ފައިދާއެއް ލިބޭނެ މަސައްކަތެއް ކަމަށް ބެލެވެ އެވެ.