ހީކުރި ވަރަށް ވުރެ ސިޓީ އަށް ހޭނެން އުނދަގޫ: ގްރިލީޝް
ހީކުރި ވަރަށް ވުރެ ސިޓީ އަށް ހޭނެން އުނދަގޫ: ގްރިލީޝް

މެންޗެސްޓާ (ޑިސެމްބަރު 26) - ހީކުރި ވަރަށް ވުރެ މެންޗެސްޓާ ސިޓީ އަށް ހޭނެން އުނދަގޫ ކަމަށް ސިޓީގެ މިޑްފީލްޑަރު ޖެކް ގްރިލީޝް ބުނެފި އެވެ.

އެސްޓަން ވިލާގައި އަދި އިނގިރޭސި ގައުމީ ޓީމާ އެކު ޔޫރޯ 2020 ގައި ގްރިލީޝް ދެއްކި މޮޅު ކުޅުން، މިހާތަނަށް ސިޓީގައި އޭނާ އަށް ދެއްކިފައެއް ނެތެވެ. ސީޓީގައި ކުޅުނު 20 މެޗުގައި އޭނާ އަށް ޖެހުނީ ތިން ލަނޑެވެ. އަދި ލަނޑު ޖަހާނެ ތިން ފުރުސަތު ވެސް ތަނަވަސްކޮށްދިނެވެ.

އެސްޓަން ވިލާ އަދި އިނގިރޭސި ގައުމީ ޓީމުގައި ދެއްކި ކުޅުން ސިޓީގައި ގްރިލީޝް އަށް މިހާތަނަށް ނުދެއްކޭތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ބުނީ ބައެއް ކުޅުންތެރިން ސިޓީ އަށް ހޭނެން އަހަރެއްހާ ދުވަސް ހޭދަވެފައިވާ ކަމަށެވެ.

"ފަހަރެއްގައި އަހަންނަށް ވެސް އެވަރުގެ މުއްދަތެއް ނަގައިފާނެ،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ގްރިލީޝް ބުންޏެވެ.

ސިޓީން ގްރިލީޝް ލައްވައި ސޮއިކުރީ އެސްޓަން ވިލާ އަށް 130 މިލިއަން ޑޮލަރު ދިނުމަށް ފަހު އެވެ. ގްރިލީޝް ބުނީ އޭނާގެ ޓްރާންސްފާ އަށް އެވަރުގެ އަގެއް ހޭދަ ކުރުމުން އޭނާގެ ކުޅުމާމެދު މީހުން ސުވާލު ކުރާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ.

"އަހަރެން އުފާ ކުރަން ކްލަބުން އަހަންނަށް އެވަރުގެ ހޭދައެއް ކުރީތީ. އެ އަގު އަދާކޮށްދޭން ބޭނުންވަނީ ލަނޑުތައް ޖަހައިގެން، ޓްރޮފީތައް ހޯދައިދީގެން،" ގްރިލީޝް ބުންޏެވެ.

ޔޫރަޕުގެ ކްލަބް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ގްރިލީޝް އަށް ލިބުނީ ސިޓީ އަށް ބަދަލުވި ފަހުންނެވެ. ސިޓީއާ އެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކުރި ގްރިލީޝް ބުނީ، ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ލަވަ އަޑު އިވުމުން ތަފާތު އިހްސާސްތަކެއް ކުރުވާ ކަމަށް އޭނާ ބުންޏެވެ.