26 ޑިސެމްބަރ 2021 - 10:28

އދ. ދަނގެތީގައި، އެ ރަށު ވިިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގެ ދައުވާލިބޭ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް އުފުލި ދެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
އެ މައްސަލާގައި ސާލިމްގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.
މި ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފައި އޮތީ ހެނދުނު 10:30 އަށެވެ.
ކްރިމިނަލް ކޯޓުން ބުނީ ދެ ދައުވާގެ ޝަރީއަތް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. ވަކި ސަބަބެއް ނުބުނެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލާފައި އޮއްވައި ފެނުނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވަ އެވެ. ފުލުހުން ބުނެފައިވަނީ، ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސް ހުރި ސާލިމް، މަހްމޫދަށް ހަމަލާދީ މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މަހްމޫދު މަރާލާފައި ސާލިމް އުޅޭ ގެޔަށް ރޭނގަނޑުގެ ވަގުތެއްގައި ގެންގޮސް، ވަޅިން ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށް ލުމަށް ފަހުގަ އެވެ. މި ހުރިހާ ކަމެއް ވެސް ސާލިމް ކުރީ އެކަނި ކަމަށާއި މި ކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން އެނގެން ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.