ޗައިނާގެ މަހުޖަނުގެ ދަރިފުޅު ބުނަނީ ބައްޕަގެ މުއްސަނދިކަން ބޭނުމެއް ނޫނޭ!
ޗައިނާގެ މަހުޖަނުގެ ދަރިފުޅު ބުނަނީ ބައްޕަގެ މުއްސަނދިކަން ބޭނުމެއް ނޫނޭ!

ޗައިނާގެ އެންމެ ބޮޑު އެއް މަހުޖަނުގެ މުއްސަނދިކަން 92 ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު ވެންގް ޖިއަންލިން، 62، އަންގާރަ ދުވަހު ވިދާޅުވީ އޭނާގެ ވިޔަފާރި ހިންގައިދޭނެ ބަޔަކު ހޯއްދަވަމުން މިހާރު އަންނަ ކަމަށެވެ. ސަބަބަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އޭނާގެ އެ ވިޔަފާރިތައް ހިންގަން ބޭނުން ނުވުމެވެ.

ޖިއަންލިން ވިދާޅުވި ގޮތުގައި މިހާރު އެންމެ ރަނގަޅުވާނީ ޕްރޮފެޝަނަލް މެނޭޖަރުންގެ ގްރޫޕަކުން އޭނާގެ ވިޔަފާރިތަކާ ހަވާލުވިއްޔާ އެވެ.

ޑާލިއަން ވަންޑާ ގްރޫޕްގެ ޗެއާމަންގެ ވިޔަފާރިތަކުގެ ތެރޭގައި ޝޮޕިން މޯލްތަކާއި ތީމް ޕާކްތައް އަދި ސްޕޯޓްސް ކްލަބްތަކާއި ސިނަމާތައް ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވިޔަފާރިތައް ހިންގަން އޭނާ ހަވާލުކުރައްވާނީ ޕްރޮފެޝަނަލް މެނޭޖަރުންގެ ގްރޫޕަކާ އެވެ.

"އަހަރެންގެ ފިރިހެން ދަރިފުޅު ކައިރީގައި އަހައިފިން މުދާތައް މިލްކުކުރަންވީ ނޫންހޭ. އޭނާ ބުނަނީ އަހަރެން މިއުޅޭ ކަހަލަ ދިރިއުޅުމެއް އޭނާ ބޭނުމެއް ނޫނޭ،" ޗައިނާގެ ވިޔަފާރިވެރިންގެ ސަމިޓުގައި ބައިވެރިވަމުން ހޮންކޮންގްގެ ސައުތު ޗައިނާ މޯނިން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޖިއަންލިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާން ކުދިން ބޭނުންވާ ކަންކަމާއި އިސްކަންދޭ ކަންކަން ފަހަރެއްގައި ތަފާތު ވެދާނެ ކަމަށެވެ. ޕްރޮފެޝަނަލް މެނޭޖަރުންނަށް ވިޔަފާރި ހިންގަން ހަވާލުކޮށް އެމީހުންގެ މަސައްކަތް، ބޯޑުގައި އިންނަވައިގެން ބެއްލެވުން މާ ރަނގަޅުވާނެ ކަމަށް ޖިއަންލިން ގަބޫލުކުރައްވަ އެވެ.

ޝަންހާއީ ޖިއާއޮޓޮންގް ޔުނިވަސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޗައިނާގެ އެންމެ ބޮޑެތި މަހުޖަނުންގެ ވާރިސުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ އަދަދެއްގެ މީހުން ވާރުތަ މިލްކިއްޔާތު ބޭނުމެއް ނުވެ އެވެ. މި ސާވޭގައި ޗައިނާގެ އެންމެ ވަރުގަދަ 182 ކުންފުންޏެއްގެ މީހުންނާ ސުވާލުކުރި އެވެ.

ބައެއް މަހުޖަނުންގެ ވާރިސުން މިލްކިއްޔާތު ބޭނުން ނުވަނީ ކުރިމަތިވާނެ ބޮޑު ޕްރެޝަރުގެ ސަބަބުންނެވެ. އަނެއް ބަޔަކު އެ ވިޔަފާރިތަކާ ދުރަށް ދަނީ ކުރަން ބޭނުންވާ މަސައްކަތްތައް ތަފާތު ވީމަ އެވެ.

ޖިއަންލިންގެ ޑާލިއަން ވަންޑާ ކުންފުނި އުފެއްދީ 1988 ގަ އެވެ. މިއީ ފަގީރުކަމުން މަހުޖަނަކަށް ބަދަލުވި ޗައިނާ މީހެއްގެ ނަމޫނާ ވާހަކައެކެވެ.

އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުޑަކުޑަ ކުންފުންޏެއްގެ ގޮތުގައި އޮތް ކުންފުނީގެ ވިޔަފާރި ފުޅާވަމުން ގޮސް ބޮޑެތި ޝޮޕިން މޯލްތަކާއި ހޮޓާތަކާއި ތީމް ޕާކްތަކާއި ދުނިޔޭގެ އެންމެ ބޮޑު ސިނަމާ ޗެއިން ވެސް މި އޭނާގެ ވިޔަފާރީގެ ތެރޭގައި ހިމެނެ އެވެ.

މި ހުރިހާ ވިޔަފާރިތަކެއް އިންތިހާއަށް ކުރިއަރައިދިއުމުގެ ސަބަބުން ޖިއަންލިން އާއި އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ވެފައި ވަނީ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށެވެ.

ޖިއަންލިން އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ވިދާޅުވީ ހަރްޔާނާގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހިންގަވާނެ ކަމަށެވެ.

ޔޫރަޕްގެ ބޮޑެތި ފުޓުބޯޅަ ކްލަބްތަކުގައި ވެސް ޖިއަންލިންގެ ހިއްސާ އޮވެ އެވެ. މިހާރު އޭނާގެ އަމާޒަކީ ހޮލީވުޑެވެ. އެގޮތުން ގޯލްޑަން ގްލޯބް އެވޯޑްސް ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް އޮންނަ ޑިކް ކްލާކް ޕްރޮޑަކްޝަން ގަންނަން އުޅުއްވާކަން ދާދި ފަހުން ވަނީ އިއުލާންކުރަައްވައިފަ އެވެ.